ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 16:33
ޒަކަރިއްޔާ ސަރްސަކް؛ އަލް-އަޤްޞާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ކުޑަކުއްޖެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އުމުރަކީ ހަމަ ނަމްބަރެއް: ޝަހީދުންގެ ހަށިތައް އުފުލުމުގައި ކުޑަކުޑަ ޒަކަރިއްޔާ!
 
ޒަކަރިއްޔާ އަކީ އަލް-އަޤްޞާ ހޮސްޕިޓަލުގަ ދަރުމައަށް މަސައްކަތްކުރާ ވޮލަންޓިއަރެއް
 
ޒަޚަމްވެކޮށްފަ ތިބި މީހުން އަލް-އަޤްޞާ ހޮސްޕިޓަލަށް ގެނައުމާއި، ޝަހީދުންގެ ހަށިތައް މޯގަށް ގެންދިއުމުގެ އިތުރުން އިޒްރޭލުގެ ޝިކާރައަކަށް ވާ މީހުން މިކޮޅަށް ގެންނަން އެމްބިއުލާންސްތަކުގަވެސް އޭނާ ދޭ

އުމުރަކީ ހަމަ ނަމްބަރެކޭ ބުނެ އުޅޭތީ އަޑު އިވިފައި އޮންނަނީ، ޢުމުރުން ދޮށީ މީހުންގެ ހިތުގެ ޒުވާންކަން ސާބިތުކޮށްދިނުމުގެ މާނައިގައެވެ. ނަމަވެސް 6 މަހެއްހާ ދުވަހަށް ދިގުލައިގެން ގޮސްފައި އޮތް ގަތުލުއާންމުގެ ތެރޭގައި ކަސްތޮޅު އެޅިފައި ތިބި ޣައްޒާގެ ވަޒަންވެރިންގެ ކިބައިން، އެހެން ގޮތަކަށްވެސް މި ބުނުން މާނަ ކުރެވިދާނެއެވެ. ދައްކަން މި އުޅެނީ އުމުރުން އެންމެ 12 އަހަރުގެ ޒަކަރިއްޔާ ސަރްސަކްގެ ޚިދުމަތުގެ ވާހަކައެވެ. މި ހާލަތުގައި ޒަކަރިއްޔާގެ އުމުރަކީ ހަމަ ނަމްބަރެކެވެ.

ކިޔެވުމާއި ކުޅުމުގެ ތެރޭގައި ދުވަސްތައް ހޭދަ ކުރުމުގެ ޙައްޤު އޮވެމެ، އެ ޙައްޤުން މަހްރޫމު ކޮށްފައި ވާ ޒަކަރިއްޔާގެ ދުވަސްތައް މިހާރު ހޭދަ ކުރަނީ ޣައްޒާގެ ދީރް ބަލާހްގައި ހުންނަ އަލް-އަޤްޞާ ހޮސްޕިޓަލުގައެވެ. އޭނާގެ އުފަން ފަސްގަނޑަށް، ދަރުމަވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރުމުގައި ސާބިތުވެ ހުރީ، ނޫކަށިފުރައިގެ ޒުވާނަކުވެސް އެކަން ނުކުރާނެ ފަދަ ގޮތަކަށެވެ. މިއަދު އޭނާގެ ހުރިހާ ވަގުތެއްހެން ހުސްކޮށްލަނީ އަލް-އަޤްޞާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް އެކި ގޮތް ގޮތުން އެހީތެރިވުމުގެ މަސައްކަތުގައެވެ. ޒަޚަމްވެގެން ގެންނަ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައިވެސް ޒަކަރިއްޔާ އެހީވެދެއެވެ.

އަހަންނަށް ކިޔަނީ ޒަކަރިއްޔާ މުހައްމަދު ސަލީމު ސަރްސަކް. އަހަންނަކީ އަލް-އަޤްޞާ ހޮސްޕިޓަލުގަ ދަރުމައަށް މަސައްކަތްކުރާ ވޮލަންޓިއަރެއް. ޒަޚަމްވެކޮށްފަ ތިބި މީހުން އަލް-އަޤްޞާ ހޮސްޕިޓަލަށް ގެނައުމާއި، ޝަހީދުންގެ ހަށިތައް މޯގަށް ގެންދިއުމުގެ މަސައްކަތްވެސް އަހަރެން ކުރަން. އިޒްރޭލުގެ ޝިކާރައަކަށް ވާ މީހުން މިކޮޅަށް ގެންނަން އެމްބިއުލާންސްތަކުގަވެސް އަހަރެން ދަން.
ޒަކަރިއްޔާ ސަރްސަކް؛ އަލް-އަޤްޞާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ކުޑަކުއްޖެއް

ޣައްޒާގެ މުޅި އާބާދީއެކޭ އެއްފަދައިން ޒަކަރިއްޔާއަކީވެސް މިއަދު އުފަން ވަޒަނުގައި ގެދޮރު ގެއްލިފައިވާ ރެފިއުޖީއެކެވެ. ޒަކަރިއްޔާ ނިސްބަތް ވަނީ، ގަތުލުއާންމުގެ ޖަރީމާތައް އެންމެ ވަރުގަދަ ކުރި އުތުރުގެ ޣައްޒާ ސިޓީ އަށެވެ. މިއިން އެއްވެސް ކަމަކީ، ޒަކަރިއްޔާގެ ޚިދުމަތްތަށް އެޅޭ ހުރަހަކަށް އޭނާ ފަހަރެއްގައިވެސް ނުހަދައެވެ.

ހޮސްޕިޓަލު ތެރޭގަވެސް ޑޮކްޓަރުންނަށް އަތްގާތްކޮށްދީ ހަދަން އަހަރެން. ސިރިންޖުތަކަށް އިންޖެކްޝަން ނަގައިދީ ހަދަން. ޒަޚަމްކޮށްފަ ތިބި މީހުން، ރޭޑިއޮލޮޖީ ޔުނިޓަށް ގެންގޮސްދީ، އެކި ޑިޕަރޓްމަންޓްތަކަށް މީހުން އުފުލައިދީ ހަދަން އަހަރެން.
ޒަކަރިއްޔާ ސަރްސަކް؛ އަލް-އަޤްޞާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ކުޑަކުއްޖެއް

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި، ޕެރަމެޑިކްސްއާއެކު އެމްބިއުލާންސް ތަކުގައިވެސް ޒަކަރިއްޔާ ދަތުރު ކުރެއެވެ. އިޒްރޭލުގެ އުދުވާންތައް އަމާޒު ކުރާ ސަރަޙައްދުތަކަށް ގޮސް، ޔަހޫދީންގެ ޝިކާރައަކަށްވެ، ޝަހީދުވެދިޔަ މީހުންގެ ހަށިތައް މޯގްއަށް ގެންދިއުމުގައިވެސް ޒަކަރިއްޔާ އެހީވެއެވެ. ފަސްޖެހުމެއް ނެތިއެވެ. ނަމަވެސް، އެ ކުޑަކުޑަ ހިތުގައި ހާދަހާ ވޭނެއް އަޅާނެތާއެވެ!

އިޒްރޭލުން ހަމަލާތައް ދިނީމަ، ޒަޚަމްވެފަ ތިބި މީހުން ބަލާ އެތަންތަނަށް އަހަރެމެން ދަން، އެތަނަކަށް ދާ އިރު، ކުޑަކުދިންކޮޅު ފެނުނީމަ ވަރަށް ދެރަވޭ. ޒަޚަމްކޮށްލާފަ ތިބޭ އެންމެންވެސް ގެންނަނީ އަލް-އަޤްޞާ ހޮސްޕިޓަލަށް.
ޒަކަރިއްޔާ ސަރްސަކް؛ އަލް-އަޤްޞާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ކުޑަކުއްޖެއް

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނައްތާލަން ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން ހިންގަން ފެށި ގަތުލުއާންމަށް 6 މަސް ވާން ދެތިން ދުވަހަށް ވެފައި ވާ އިރު، ޣައްޒާއިން މަރުވި ފަލަސްޠީނު ރައްޔިތުންގެ އަދަދު އުޅެނީ 33000 އަށް ވުރެ މަތީގައެވެ. އޭގެ ތެރޭގައި 15000 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނެއެވެ. މަރާލާފައި ވާ ކުޑަކުދިންގެ އާބާދީގައިވެސް ގިނައީ ހަތަރު ފަސް އަހަރު، ނުވަތަ އެއަށްވުރެވެސް ހަގު، ތުއްތު ކުދިންނެވެ.

ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާއެއް ލިބެމުންދާ ޣައްޒާގެ ކުޑަ ކުދިންވެސް މިއަދު އެ ދަނީ، ހުރިހާ ޙައްޤެއްގެ ފޮނި މީރުކަން ދެކެމުންދާ އެތައް މިލިއަން ކުދިންނަކަށް ލާމަސީލު މިސާލު، ޢަމަލާއި ބަހުން ދައްކައިދެމުންނެވެ. ކެތްތެރިކަމާއި، އިހުސާންތެރިކަމާއި، ދީލަތިކަމާއި އޯގާތެރިކަމާއި އިންސާނިއްޔަތު ކަމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫންކަން ސާބިތުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް