ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 21:17
އެމީހުން ކިޔައިދިން ގޮތުގައި، ބޭނުމަކަށް ވީ، އިޒްރޭލުން ގަތުލުއާންމު ފެށުމުގެ ކުރިން ޣައްޒާގައި އޮތް މުސަހަރާތީގެ ސަގާފަތް ދޯހާގައި އާލާކުރުން
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިތުރު ފަރުވާއަށް ދޯހާ އަށް ގެންދިޔަ ޣައްޒާގެ ޒުވާނުން، ސަގާފަތް ދިރުވުމުގައި މުޅި ދުނިޔެއަށް މިސާލެއް!
 
ހާރު ކެއުމަށްޓަކައި އަވަށްޓެރިން ހޭލެއްވުމަށް މެދުއިރުމަތީގެ ގައުމުތަކުގައި އޮންނަ މުސަހަރާތީ ސަގާފަތް ދިރުވާ، އާލާ ކުރުމުގައި ޣައްޒާގެ ރަށްވެހިންގެ ދައުރު ބޮޑު
 
މުސަހަރާތީންނަކީ މެންދަމުން އަލިވެ، ފަތިސް ވަމުން ދާ ވަރަކަށް، ރޯދައަށް ހުރުމަށްޓަކައި ހާރު ކެއުމަށް އަވަށްޓެރިންނަށް ގޮވާ މީހެއް

ދިރިއުޅުމުގެ މައިދާނުގައި ހީވެސް ނުކުރާ ފަދަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް، ހިތްވަރާއި ސާބިތުކަމާއެކު ކުރިއަށް ދިއުމަށް ގަދަ އަޅާ މަސައްކަތް ކުރާ ބައެއްގެ މިސާލު މިހާރު އެންމެ ސާފުކޮށް ފެންނަމުން ދަނީ، ނިރުބަވެރި އިޒްރޭލުން މުއްދަށުލާފައި އޮތް ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިންގެ ކިބައިންނޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި، އުމުރު ދުވަހަށް ނުކުޅޭ މީހުންނަށް ވެފައި ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. ޣައްޒާއިން ސިއްހީ ފަރުވާއެއް ލިބެން ނެތުމުގެ ސަބަބުން، ކައިރި ގައުމުތަކަށް ހިޖުރަ ކުރި މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ މީހުންގެ އާއިލާ އަދިވެސް ޣައްޒާގައެވެ. ދިރިހުރި ކަމެއް ނުނީ ތާ އަބަދަށް ވަކިވެ ދިޔައީ ނޫން ކަންވެސް ނޭނގެއެވެ.

އިޒްރޭލުގެ އުދުވާންތަކުގައި ޣައްޒާއިން ސީރިއަސް ޒަޚަމްތަކެއް ލިބުނު ބައެއް މީހުންގެ ތެރެއިން، އިތުރު ފަރުވާއަށް ގަތަރަށް ބަދަލު ކުރި ބައެއް މީހުންގެ ކިބައިން ފެންނަނީ، ކުރިން މި ދެންނެވި ފަދަ ގަދަ ހިތްވަރާއި ސާބިތު ކަމެވެ. ރަމަޟާން މަހުގެ ރޫޙު ދިރުވާ އާލާ ކުރުމުގައި ޝާމިލުވެ އުޅެނީ ހިތާ ރޫހުން އެކަމަށް އެދިގެންނެވެ. ވަކިން ހާއްސަކޮށް، ހާރު ކެއުމަށްޓަކައި އަވަށްޓެރިން ހޭލެއްވުމަށް މެދުއިރުމަތީގެ ގައުމުތަކުގައި އޮންނަ މުސަހަރާތީ ސަގާފަތް ދިރުވާ، އާލާ ކުރުމުގައި ޣައްޒާގެ ރަށްވެހިންގެ ދައުރު ބޮޑެވެ.

މުސަހަރާތީންނަކީ މެންދަމުން އަލިވެ، ފަތިސް ވަމުން ދާ ވަރަކަށް، ރޯދައަށް ހުރުމަށްޓަކައި ހާރު ކެއުމަށް އަވަށްޓެރިންނަށް ގޮވާ މީހެކެވެ. އޭނާ އެކަން ކުރަނީ ވަކި ރާގަކަށް ބެރެއްގައި ޖަހަމުން، ވަކި އެއްޗެހިތަކެއްވެސް އަޑުކޮޅަށް ގޮވަމުންނެވެ. ފަލަސްޠީނުގެ ރަމްޒެއް ކަމަށްވާ ކީފިއްޔާ އަޅައިގެން ތިބި ޒުވާނުންގެ މި ގުރޫޕުގެ މަސައްކަތަކީވެސް މިއަދު އެއީއެވެ. ބެރުވެރިއަކަށް އެ ހުރީ މިއުޒީޝަނެއް ކަމަށްވާ އަޠާ ޒުހުރީއެވެ.

ހާރަށް މީހުން ހޭލެއްވުމުގެ މަސައްކަތުގަ އަހަރެން އުޅޭތާ މިހާރު 13 އަހަރު މިވީ. ޣައްޒާގެ އޮންނާނެ މަގޭ ބޭންޑެއް. ގަތަރަށް އާދެވުނުއިރު ރޯދަމަސް އޮތީ ބޯމަތިވެފަ. އެހެންވެ، ބޭނުންވީ ގަތަރުގައި ތިބި ޣައްޒާގެ ރައްޔިތުންނަށް މިކަން ތަޖުރިބާ ކޮށްދޭން. ސަބަބަކީ ޣައްޒާގައި ތިބި ޣައްޒާގެ ރައްޔިތުންނަށް ރޯދަމަސް ތަޖުރިބާ ނުކުރެވޭތީއާއި ހާލަތު ގޯސްކަމުން، ހަމަ ބޭނުންވީ ޣައްޒާގައި ކުރި އެ ތަޖުރިބާ، ސުހޫރަށް މީހުން ހޭލައްވާލުން، ދޯހާގަވެސް ކޮށްލަން.
އަޠާ ޒުހުރީ؛ ދޯހާގައި ފަރުވާ ހޯދާ ޣައްޒާގެ ޒުވާނެއް

ބެރުގައި އޭނާ ޖަހަމުން އެ ދަނީ އިޒްރޭލުގެ އުދުވާންތަކުގައި އޭނާގެ އަތަށް ލިބުނު އަނިޔާއަށްފަހު ބާކީ އޮތް ބައި ބޭނުން ކޮށްގެންނެވެ. އިތުރު ފަރުވާއަށް ދޯހާއަށް ގެންދެވުނު ޣައްޒާގެ ޒުވާނުން، ހާރު ކެއުމުގެ ޒަމާންވީ އާދަކާދައެއް ދިރުވަމުން ދާ މަންޒަރު ބެލުމަށް، އެ ސަރަހައްދުގެ އަވަށްޓެރިންވެސް މަގުތަކަށް ނުކުމެއެވެ.

އެއީ ތަންކޮޅެއް ލުއިވެ، ހިތްވަރު އިތުރުކޮށްދޭ ކަމެއް، މާތްالله އަށް ޝުކުރުވެރިވަން. އުފަލާއި ހިތާމަ އެކީގަ މި އޮންނަނީ، ނަފްސާނީ ހާލަތު ވަރުބަލިވެފައި، އަހަރެމެންގެ ދަރިން އަދިވެސް އެތާ ރަފާހުގައި ތިބޭތީ. އަދި އަހަރެމެންގެ އާއިލާތަކާއި އެއްބަނޑު އެއްބަފާ މީހުންވެސް އެގޮތަށް ތިބޭތީ. އެހެންވީމާ، މީހެއްގެ ނަފްސާނީ ހާލު އަދިވެސް ދަށް. ނަމަވެސް، އެކަމަކު، މުސާހަރާތީންގެ ސަބަބުން ހިތްވަރު ތަންކޮޅެއް އިތުރުވޭ. ހިތުގަ އަޅާ ބައެއް ވޭނަށް ކޮންމެވެސް ލުޔެއް ލިބޭ. ޒުވާނުން އަމިއްލައަށް މިކަހަލަ ކަމެއްކޮށްގެން، ވޭނަށް ލުޔެއް ހޯދަނީ އެ.
ޒާހިރާ ހަރޫދާ؛ ދޯހާގައި ފަރުވާ ހޯދާ ދަރިފުޅާ ބައްދަލުކުރަން މިޞްރުން އައި ޣައްޒާ މަންމައެއް

ޒުހުރީ ކިޔައިދިން ގޮތުގައި، އޭނާގެ ބޭނުމަކަށް ވީ، އިޒްރޭލުން ގަތުލުއާންމު ފެށުމުގެ ކުރިން ޣައްޒާގައި އޮތް މުސަހަރާތީގެ ސަގާފަތް ދޯހާގައި އާލާކޮށް، ޣައްޒާއިން ނުނިކުމެވިފައި ތިބި އާއިލާ މެންބަރުންނާ ރަހުމަތްތެރިންގެ މަތިން ހަނދާން ކުރުން ކަމަށެވެ. ޒުހުރީއަކީ މުސަހަރާތީއެއްގެ ގޮތުގައި މިދިޔަ 13 އަހަރު، ހާރަށް މީހުން ހޭލެއްވުމުގައި ޝައުގާއެކީ އުޅެމުން ދިޔަ މީހެކެވެ.

އިތުރު ފަރުވާއަށް ދޯހާއަށް ގެންދިޔަ ދަރިފުޅު ދެކިލުމުގެ އުންމީދުގައި މިސްރުން ގަތަރަށް ދިޔަ އަންހެނަކު ބުނި ގޮތުގައި، މުސަހަރާތީން ފެނުމުން، ހިތްވަރު އިތުރުވެއެވެ. އަދި ޣައްޒާގެ ދެކުނުގައި ތިބި މީހުންގެ ހަނދާންތައް އައު ވުމުން ހިތަށް އެވާ އުނދަގޫތަކާއި އަޅާ ވޭނަށްވެސް ލުޔެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.

މުސާހަރާތީއެއްގެ ގޮތުގައި އުޅޭ އިރު، ޣައްޒާގައި އޮތް އާއިލާގެ މަތިން ހަނދާންވޭ. ހާރުކާން ގޮވާ އިރު، އަހަރެން މި ގޮވަނީ، ނިދާފައި ތިބި މީހުން ސުހޫރަށް ހޭލައި ޣައްޒާގައި ތިބި އަހަރެމެންގެ މީހުން މިނިވަން ކުރުމަށް ދުއާ ކުރާށޭ' އަދި އެތެރޭގައި ނިދާފައި ތިބި މީހުންނޭ، އަހަރެމެންގެ ޣައްޒާއަކީ ސުހޫރު ނެތް ތަނެކޭ. ﷲގެ ރަޙުމަތްފުޅު އަހަރެމެންނާ އެކީވާށި. ދެން ޣައްޒާގެ ރަށްވެހިންގެ ރޫހާ ގުޅިފަ ހުންނަ ލަވަތައް ކިޔަން ފަށަނީ.
އަޠާ ޒުހުރީ؛ ދޯހާގައި ފަރުވާ ހޯދާ ޣައްޒާގެ ޒުވާނެއް

ލިބޭ މިންވަރަށް އީމާންވުމުގައިވެސް ޣައްޒާގެ ރަށްވެހިންގެ ފަރާތުން ފެންނަނީ ހިތްގައިމު މިސާލެކެވެ.

މުސާހަރާތީއެއްގެ ގޮތުގަ ޣައްޒާގަ އަހަރެން އުޅުނީ ފައިމަގުގަ. އެކަމަކު، الحمد لله، މިއަދު އަހަރެންގެ ފައެއް ނެތް، އެކަމަކުވެސް އަހަރެން ހަމަ މި އުޅެނީ މުސާހަރާތީއެއްގެ ގޮތުގަ، ފުރޮޅުލީ ގޮނޑިއެއްގަ، އެއްތަނުން އަނެއްތަނަށް ގޮސް މީހުން ހޭލައްވަމުން.
އަޙްމަދު އަބޫ ރަދްވާން؛ ދޯހާގައި ފަރުވާ ހޯދާ ޣައްޒާގެ ޒުވާނެއް

ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާއެކު ސޯނާ ގަޑިތަކާއި، ސްމަރޓްފޯނުތައް ތައާރަފުވެގެން އައެއް ކަމަކު، އެތައް ގަރުނަކަށް ދެމިގެން ގޮސްފައިވާ މުސަހަރާތީންގެ ސަގާފީ އާދަކާދަ، މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުން އަދިވެސް ސިލްސިލާ ގޮތެއްގައި ފެނެއެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައިވެސް އެފަދަ ގޮތަކަށް ބެރު ޖަހާ އުޅުނުކަން ތާރީޚުގެ ލިޔެކިޔުންތަކުން އެނގެން އެބަހުއްޓެވެ. އެގޮތުން ރަމަޟާން މަހުގެ ރޭގަނޑު 2 ވަގުތެއްގައި ދަންބެރު ޖަހާކަމަށްވެއެވެ. ފުރަތަމަ ބެރު ޖަހަނީ 11 ޖަހާއިރުއެވެ. 2 ވަނަ ބެރު ޖަހަނީ މެންދަމުން އަލިވެ 2 ޖަހާކަންހާއިރުއެވެ. ތުރުކީ، މޮރޮކޯ، ސައުދީ އަރަބިއްޔާ އަދި ސޫރިޔާގައިވެސް މި އާދަ ދަމަހައްޓައެވެ. ވަކިން ހާއްސަކޮށް، ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުތަކުގައެވެ. އެ ސަރަހައްދުތަކުގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންގެ ތެރޭގައި، ޣައްޒާގެ ރަފަހުގައި މުސާހަރާތީންގެ ގޮތުގައި އުޅުނު މީހުން އަދިވެސް އެބަ ތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް