ކ. މާލެ
|
5 މާރޗް 2024 | އަންގާރަ 05:54
ހާތިމް އަލް-ފިރާނީ؛ ޖަބާލިޔާއިން ގެދޮރު ގެއްލުނު މީހެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"މުޅި ދުނިޔެ މިއަށް ކިޔައި އުޅެނީ ތަޅުދަނޑި. އެކަމަކު އަހަރެމެން..."
 
5 މަހާ ގާތްވަމުންދާ ޤަތުލުޢާންމެއްގައި ބެދިފައި އޮތް ޣައްޒާގެ ޢާބާދީގެ ގިނަ މީހުންނަކީ ނަކްބާގެ ހާދިޘާގައި އުފެދުނު ރެފިއުޖީންނާއި އެމީހުންގެ ދަރިފަސްކޮޅުން އައި ޖީލުތައް

ކާން ދިން އަތުގައި ދަތް އެޅި އިޒްރޭލުގެ ޔަހޫދީ ވަކިތަކުގެ ޝިކާރައަށްވެފައި އޮތް ފަލަސްޠީނުގެ ރައްޔިތުންނަކީ، ހިތްވަރާއި ސާބިތުކަމުގެ ޚުލްޤުގައި މުޅި ދުނިޔެއަށްވެސް މިއަދު ފެންނަ ސާފު މިސާލެކެވެ. ނިރުބަވެރި އިޒްރޭލުގެ އިސްތިޢުމާރީ، ޚުދުމުޚުތާރު އަޅުވެތިކަމުގައި 70 އެތައް އަހަރެއް ގުނަމުން ދާ އިރު، މި ދަނޑިވަޅަކީވެސް ފަލަސްޠީނުގެ ހިތްދަތި މާޒީގެ ޞަފްޙާތަކުގައި، ލެއިން ލިޔެވޭނެ ޤަތުލުޢާންމެއް ހިންގަމުން ގެންދާ ދަނޑިވަޅެކެވެ. 1948 ވަނަ އަހަރު، ފަލަސްޠީނުގެ ބިންތަކުން އެތައް ބަޔަކު ބޭރުކޮށް، އެ ބިންތަކަށް ޔަހޫދީން ވެރިވެގަތް "ނަކްބާ"ގެ ހާދިޘާއާއި އަދުގެ ޙާލަތު ނުބައްދަލެވެ. މިފަދަ ކަމެއް މި ފަހުގެ ތާރީޚެއްގައި ބަޔަކު ތަޖުރިބާކޮށްފައެއް ނެތެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ ރަމްޒެއްގެ ގޮތުގައި ދޭތެރެ ދޭތެރެއިން ކޮންމެވެސް ޚާއްޞަ ކަމެއް ފާހަގަ ކުރެވެއެވެ. ފަލަސްޠީނުގެ ދިދައިގެ ކުލަތައް ހިމެނޭ ކަރާ، އިޒްރޭލުގެ ޖަލަކުން މިނިވަން ވުމަށް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރި ސަމުސާ ތަކެއްޗަކީ މި ދެންނެވި ފަދަ ބައެއް ރަމްޒުތަކެވެ. ޔަހޫދީ އިޒްރޭލުން މިހާރު ހިންގަމުންދާ ޤަތުލުޢާންމާ ގުޅުވައިގެން އުފެދުނު ރަމްޒަކަށް އަނެއްކާވެސް ވީ ތަޅުދަނޑިއެވެ. އަނެއްކާވެސް އޭ މި ދެންނެވީ، 1948 ވަނަ އަހަރުގެ ނަކްބާއަށް ފަހު، ގެއްލުނު ގެތަކުގެ ތަޅުދަނޑިތައް، ޢާއިލާތަކުގެ އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުން ދާތީއެވެ. ކޮންމެވެސް ދުވަހަކުން އަމިއްލަ ގެދޮރަށް ވަދެވޭނެ ކަމަށް އޮތް ވަރުގަދަ އުންމީދުގެ ރަމްޒެއްގެ ގޮތުގައެވެ.

5 މަހާ ގާތްވަމުންދާ ޤަތުލުޢާންމެއްގައި ބެދިފައި އޮތް ޣައްޒާގެ ޢާބާދީގެ ގިނަ މީހުންނަކީ ނަކްބާގެ ހާދިޘާގައި އުފެދުނު ރެފިއުޖީންނާއި އެމީހުންގެ ދަރިފަސްކޮޅުން އައި ޖީލުތަކެވެ. 1948 ވަނަ އަހަރު އިޒްރޭލުން ފޭރިގަތް ގެތަކުގެ ތަޅުދަނޑިތައް، ޢާއިލާތަކުގެ އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުން ދާއިރު، މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ހިންގަން ފެށީ ޤަތުލުޢާންމުގައި ސުންނާފަތިކޮށްފައި ވާ ގެތަކުގެ ތަޅުދަނޑިތަކަކީވެސް ހަމަ އެފަދަ ރަމްޒަކަށް ވެއްޖެއެވެ.

ނަސްލު ދޮވެލުމުގެ ޤަތުލުޢާންމު ފެށި އިރު 2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިއަދު ދިރިއުޅެމުން ދަނީ ރެފިއުޖީންގެ ގޮތުގައި، ދެކުނުގެ ރަފަޙުގައެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކީ ހާތިމް އަލް-ފިރާނީއެވެ. ރަފަޙުގެ ވަގުތީ ހިޔާވައްސެއްގައި މިއަދު އޭނާ ދިރިއުޅެމުން އެދަނީ މުޅި ޢާއިލާވެސް ގޮވައިގެންނެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހަފުތާއެއްހާ ދުވަހަށް ޤަތުލުޢާންމު މަޑުޖައްސާލުމާއެކު، އަމިއްލަ ގެދޮރަށް ދެވޭނެ ކަމަށް ހާތިމް އުންމީދު ކުރިއެވެ. ނަމަވެސް، އޭނާއަށް ލިބުނު ފޮޓޯތައް ކަނޑައަޅައިދިނީ ތަފާތު ނިންމުމެކެވެ.

ޙަމަލާ މަޑުޖައްސާލި ދުވަސްވަރު، އެކޮޅުގަ ތިބި ތިމާގެ މީހަކު ބުނީ އަހަރެންގެ ގެއެއް ނެތޭ. އަހަރެން ބުނިން، ތަޅުދަނޑި އެބަ އޮތޭ މަގޭ އަތުގަ. އެ ތަޅުދަނޑިން މިޞްރާބު ދައްކައިދޭނޭ. މި ތަޅުދަނޑިއަކީ އެ ގޭގެ ރަމްޒު. މި ތަޅުދަނޑިއަކީ އެ ގެއެއް ބިނާ ކުރަން އަހަރެން ގަދަ އަޅާ މަސައްކަތް ކުރި ގެއިން ބާކީ މިއަދު އޮތް ހަމަ އެކަނި ހަނދާން. މިހާރު މަށަށް 44 އަހަރު. މި ޢުމުރުގަ މި ޖެހުނީ ދިރިއުޅުން އަލުން ފަށަން ހަމަ ސުމަކުން. އާ ގެއެއް އަޅަން. ތާރީޚު އިޔާދަ ވަމުން މި ދަނީ... އަހަރެންގެ ކާފަވެސް ގެއިން ނުކުތީ ތަޅުދަނޑި ހިފައިގެން، އަނބުރާ ގެއަށް ދެވިދާނެ ކަމުގެ އުންމީދުގަ، ދެން މިހާރު އަހަރެން، އެޕަރޓްމަންޓުން ނުކުތީ ތަޅުދަނޑި ހިފައިގެން. އަނބުރާ ދެވޭނެ ކަމަށް. އެތައް ހަމަ އެގޮތުގަ ހުންނަ ކަމަށް. މާތް ﷲ އަހަރެމެންނަށް ބަދަލު ދެއްވާށި. އަހަރެމެން ރައްކާތެރި ކުރައްވާށި. މީ ހަމަ ސީދާ އެ ތަޅުދަނޑި. އަހަރެމެންނާ އެކީގަ އަބަދުވެސް މި ގެންނަން.
ހާތިމް އަލް-ފިރާނީ؛ ޖަބާލިޔާއިން ގެދޮރު ގެއްލުނު މީހެއް

ޙުސައިން އަބޫ އަމްޝާއަކީވެސް ހާތިމް ފަދައިން ރަފަޙުގެ ޓެންޓެއްގައި އޭނާގެ ޢާއިލާއާއެކު ވަގުތީ ހިޔާވަހިކަން ހޯދަމުން ދާ މީހެކެވެ. ޤަތުލުޢާންމު މަޑުޖައްސާލި ދުވަސްކޮޅު، އަބޫ އަމްޝާއަށްވެސް ލިބުނީ، ހާތިމްއަށް ލިބުނު ފަދަ މަންޒަރުތަކެކެވެ.

މުޅި ދުނިޔެވެސް މިއަށް ކިޔައި އުޅެނީ ތަޅުދަނޑި، އެކަމަކު އަހަރެމެން ކިޔާ އުޅެނީ މިއީ ކޮންމެ މީހަކުވެސް ދެކޭ ހުވަފެނެކޭ... އެއީ މި އިންތިހާ ވަރުބަލި ކަމާއި، ތަކުލީފާއި، ބަނޑުހައިހޫނުކަމަށް ފަހު ގެދޮރު އެޅުމަށް ދެކޭ ހުވަފެން. ހިނދުކޮޅެއްގެ ތެރޭގަ، އިޒްރޭލުގެ ޒަޔަނިސްޓުން، އަހަރެމެންގެ ހުވަފެންތައް ފުނޑުފުނޑުކޮށްލީ، އަހަރެމެންގެ ދަރިންގެ ހުވަފެންތައް. އެހެންވެ، މި ދަގަނޑު ކޮޅާ މިކަމާ ގުޅެނީ. މީ، އިޒްރޭލުން އަރާ މިތަން އިސްތިޢުމާރު ކުރުމުގެ ކުރިން، 1927 ވަނަ އަހަރުގެ ދަގަނޑުކޮޅެއް. ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނަސް، މި ދޫކޮށެއް ނުލާނަން... ޙަމަލާ މަޑުޖައްސާލި ދުވަސްކޮޅު، ސިޓީގަ ތިބި މީހުން ފޮނުވި، އަހަރެމެންގެ ގޭގެ ވީޑީއޯ. އިޒްރޭލުން އޮތީ އެތަން ގޮއްވާލާފަ. މި ތަޅުދަނޑިއަކީ، އެ ގެއިން ބާކީ އޮތް ހަމަ އެކަނި އެއްޗަކީ. އަހަރެމެން އެންމެންނަށްވެސް ތަޅުދަނޑި ރަމްޒުކޮށްދެނީ އަމިއްލަ ފަސްގަނޑު. އަމިއްލަ ވަޒަނެއް ނެތި، ދިރިއެއް ނުއުޅެވޭނެ. ސަލާމަތްތެރިކަމެއް ނެތް. އަނބުރާ ގެދޮރަށް ދެވުން އުންމީދަކީ، އެ ހެޔޮ ގެ ހުރި ތަނުގަ ޓެންޓެއް ޖަހައިގެން ވިޔަސް، އަހަރެމެން ވަޒަނަކީ އެއީ.
ޙުސައިން އަބޫ އަމްޝާ؛ ބައިތު ޙަނޫންއިން ގެދޮރު ގެއްލިފައިވާ މީހެއް

ޙަމަލާތައް އެންމެ ވަރުގަދަ ކުރި އުތުރުގެ ސަރަޙައްދުގެ އަލް-ޝާތީ ރެފިއުޖީ ކޭމްޕުން ގެދޮރު ގެއްލުނު މުޙައްމަދު އަލް-މަޖްދަލާވީ ބޮޑުވަމުން އައި އިރު، ތަޅުދަނޑިއެއް ދައްކަމުން، އޭނާގެ ކާފަ، 1948ގެ ނަކްބާ ހާދިޘާގެ ވާހަކަތައް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. މިއަދު ޣައްޒާގެ ޙާލަތު އޮތް ގޮތުން، އެ ވާހަކަތައް، ލޯ ކުރިމަތީގައި "ތަމްސީލު" ވަމުން ދާ ފަދައެވެ.

ތަޅުދަނޑިއަށް ބަލައިލީމަ އަހަރެންގެ ދިރިއުޅުމާއި، މުޅި ޢުމުރު ދުވަހު ކުރި މަސައްކަތް ހަނދާން ކޮށްދޭ. މިއަދާ ޖެހެންދެކަށްވެސް އަހަރެންގެ ދަރަނިތައް ހުންނާނެ ބޭންކުތަކުގަ. އަހަރެން ގެދޮރު ޢިމާރާތް ކުރީ ހިތުގެ އެންމެ ފުންމިނުން ބޭނުން ވި ގޮތަށް. ނިމުނު އިރު އޮތީ ހުސް ގައުކުނޑި. އަހަރެންގެ ގެދޮރު ސުންނާފަތި ކުރަން، އަހަރެން އިޒްރޭލަށް ކީއް ކުރީ؟ މުޅި ދުނިޔޭގަ ކުޑަކުދިން އެބަ ދިރިއުޅެމުން ދޭ ހެޔޮ ޙާލުގަ... އެކަމަކު، އަހަރެމެންގެ ދަރިން މި ތިބެނީ ލަދުގަންނަވާފަ، މަރުވަމުން އެ ދަނީ، ގަދަ ފިނީގަ ބަލިވަމުން އެ ދަނީ... މިހާރު މި އުޅެނީ ޓެންޓެއްގަ... އަހަރެން މީ 3 ބުރީގެ ގެއެއް ހުރި މީހެއް. މިއަދު ޓެންޓެއްގަ؟ މީ ކޮން ޤާނޫނެއް؟ ކާފަ ކިޔައިދޭ ވާހަކަތައް ހަނދާން ވަނީ. އަހަރެމެން އޭރު ހީކުރަނީ އެއީ ހަމަ ވާހަކަތަކެއް ކަމަށް. އެކަމަކު މިހާރު ޤަބޫލު ކުރަން، ޔަހޫދީންނަކީ އެމީހުން ހިތުހުރި ގޮތަކަށް ކަންތައް ކުރާ ބައެއް ކަން. މުޅި ދުނިޔެ ހިމޭނުން އޮއްވާ. މުޅި ދުނިޔެ އޮތީ ނާއިންސާފުގަ ހައްޕު ކިޔައިގެން. އަހަރެމެން ޤަބޫލު ކުރާ ގޮތުގަ، ޤާނޫނު އޮތީ އެއް ފަރާތުގަ، ޔަހޫދީން ތިބީ އަނެއް ފަރާތުގަ. އެ މީހުންގެ މައްޗަށް ހިނގާ ޤާނޫނެއް ނެތް.
މުޙައްމަދު އަލް-މަޖްދަލާވީ؛ އަލް-ޝާތީ ރެފިއުޖީ ކޭމްޕުން ގެދޮރު ގެއްލުނު މީހެއް

މިއީ ހަމަ އެކަނީ ޣައްޒާގައި ހިނގާ ކަމެއް ނޫނެވެ. ރެފިއުޖީ ކޭމްޕުތަކުން ފުރިފައި އޮތް ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކަށް ނަޒަރު ހިންގާލާއިރުވެސް، ރަމްޒީ ތަޅުދަނޑިތައް ފެންނަންހުރެއެވެ. ފަލަސްޠީނުގެ އެންމެންނަށްވެސް ތަޅުދަނޑިއަކީ އިސްތިޤުލާލީ މިނިވަންކަމުގެ ރަމްޒެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް