ކުޑަކުދިންގެ މެދުގައި މަގްބޫލް ލޮލީ އެއްކަމަށްވާ ކަފަ ލޮލީ އިން ކެންސަރު ޖައްސާކަމަށް ގަބޫލު ކުރެވި އިންޑިޔާގެ ޓެމިލްނާޑޫ ހިމެނޭގޮތުން ބައެއް ސްޓޭޓްސް ތަކުގައި ކަފަލޮލީ ވިއްކުން މަނާ ކޮށްފިއެވެ. ޓެމިލްނާޑޫ ގައި ކަފަލޮލީ ވިއްކުން މިދިޔަހަފްތާގައި މަނާކޮށްފައިވަނީ ލެބޯޓަރީ އަށް ޓެސްޓްކުރަން ފޮނުވި ކަފަލޮލީގެ ސާމްޕަލް ތަކެއްގައި ކެންސަރުޖައްސާ މާއްދާއެއްކަމަށްވާ ރޮޑަމީން-ބީ ހުރި ކަން ސާބިތުވެގެން ކަމަށް ވެއެވެ. މިދިޔަމަހު ޕުޑުޗެރީގައި ކަފަލޮލީ ވިއްކުން މަނާ ކުރެވިފައިވާއިރު އެހެން ބައެއް ސްޓޭޓް ތަކުގައި ވެސް ދަނީ ސާމްޕަލްތައް ޓެސްކުރަމުން ކަމަށް ވެއެވެ.
ހަކުރު ފުއްޕުމަށްފަހު ވަކިކަހަލަ މެޝިނެއްގައި އަނބުރައި، ކަފަގޮތަށް ބަދަލުވުމުން އިލޮއްޓަކަށް އޮޅައިގެން ހަދާ ކަފަލޮލީ އަކީ ކުޑަކުދިންގެ މެދުގައި ވަރަށްވެސް މަގްބޫލް އެއްޗަކަށް ވާއިރު ޕާކްތަކާ ކާނިވާތައް ފަދަ ތަންތަނުގައި ކަފަލޮލީ ލިބެން ހުރުމަކީ ވަރަށްވެސް އާންމު ކަމެކެވެ.
ޗެންނާއީ ސިޓީގެ ފުޑް ސޭފްޓީ އޮފިސަރެއް ކަމަށްވާ ސަތީޝް ކުމާރު ބުނެފައިވާ ގޮތުގައި ކަފަލޮލީ އިން ކެންސަރު ޖެއްސުމުގެ އިތުރުން އެއީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށްވެސް ގެއްލުން ތައްކުރުވަފާނެ އެއްޗެކެވެ. އޭނާބުނެފައިވާ ގޮތުގައި ކަފަލޮލީ ގައި ހުންނަ ރީތި ކުލަ ގެނައުމަށް ކެންސަރުޖައްސާ ކެމިކަލް ކޮމްޕައުންޑެއް ކަމަށްވާ ރޮޑަމީން-ބީ ބޭނުންކުރާކަމަށާ މިއީ ޓެކްޓައިލްސް، ކޮސްމެޓިކްސް އަދި ގަލަމުދެލީގަ ކުލަޖެއްސުމަށްވެސް ބޭނުން ކުރާ މާއްދާއެއް ކަމަށް އޭނާ ބުނެފައިވެއެވެ.
އިންޑިޔާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގަޔާއި ކެލިފޯނިޔާގައިވެސް ވަނީ މިބާވަތް ކާއެއްޗެތީގައި ބޭނުން ކުރުން މަނާ ކޮށްފައެވެ.
އިންޑިޔާގެ ޓެމިލްނާޑޫގެ އިތުރުން އަންދްރާޕްރަދޭޝް އަދި ވެރިރަށް ޑެލްހީގައިވެސް މިހާރު ގެންދަނީ ކަފަލޮލީ ބޭނުންކުރުން މަނާކުރުމަށް މަސައްކަތް ކުރަމުންނެވެ.