ކ. މާލެ
|
21 މެއި 2024 | އަންގާރަ 11:07
އެމްބީބީއެސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ޙައްޤު، ގަނޭޝް ބަރާއިޔާއަށް ލިބިގެން ވާ ކަމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން ކަނޑައެޅި 2018 ވަނަ އަހަރުގެ ތެރޭގައި
ވަގުތީ ފައިދާއަށް ދަރިފުޅު ވިއްކާ ނުލުން
ވަގުތީ ފައިދާއަކަށް ދަރިފުޅު "ވިއްކާ" ނުލުމުގެ ނަތީޖާ... ވަރަށްވެސް ތަފާތު!
ކިތަންމެ މަތީ ރޭންކުން ފާސްވެފައި އޮތެއް ކަމަކު، އިންޑިއާގެ މެޑިކަލް ކައުންސިލުން، ގަނޭޝް ބަރާއިޔާއަށް ކޯހުން ފުރުޞަތު ނުދިނީ، އޭނާގެ އިސްކޮޅުގެ ސަބަބުން

ތިމާ ހުންނަ ގޮތުން ނުވަތަ ތިމާގެ ކިބާގައި ހުންނަ ސިފަތަކެއްގެ ސަބަބުން އެވެނި މިވެނި ކަމެއް ނުކުރެވޭނެއޭ ހީވެ، އަމިއްލަ އަތުން ހުވަފެންތައް ކަފުންކޮށް ވަޅުލަނީ އަހަރެމެންގެ ތެރެއިން މަދު ބަޔަކު ނޫނެވެ. ނަމަވެސް އިންޑިއާގެ ގުޖުރާތަށް އުފަން، ގަނޭޝް ބަރާއިޔާއަކީ، ކޮންމެ މީހަކީވެސް ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެ މީހެއް ކަން ސާބިތުކޮށްދެމުންދާ އެކަކެވެ. ޖިސްމާނީ ހެދިބޮޑުވުމުގައި، ޢުމުރުގެ އެހެން މީހުންނާ ބޮޑު ތަފާތެއް ހުއްޓެއް ކަމަކު، މިއަދު ޢުމުރުން 23 އަހަރުގެ ގަނޭޝް ބަރާއިޔާއަކީ، ބަލި މީހުންގެ ޚިދުމަތުގައި ސާބިތުވެ ހުރި ޑޮކްޓަރެކެވެ.

ޢުމުރުގެ ވަރަށް ޅަ ދުވަހުން ފެށިގެންވެސް ގަނޭޝް ބަރާއިޔާއަކީ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު މީހެކެވެ. އުފަންވި އިރު އެއީ ހަމަ އެހެން ކުދިން ކަހަލަ، 'އާދައިގެ' ކުއްޖެކެވެ. ނަމަވެސް، މަންޒަރު ބަދަލުވާން ފެށީ ގަނޭޝް ބަރާއިޔާގެ ޢުމުރުން 4 ވަރަކަށް އަހަރުގައެވެ. ސައިޒުގެ ގޮތުން ބަލާއިރު، ހަށިގަނޑަށް ވުރެ ބޯ މާ ބޮޑު ކަމަށް އޭނާގެ މައިންބަފައިންނަށް ފާހަގަވާން ފެށިއެވެ. އެކަމާ ޑޮކްޓަރަށް ދެއްކުމުން، އެ ދަރިފުޅަކީ ފަރުވާއެއް ދެވެން ނެތް ޙާލަތުގައި ހުރި ކުއްޖެއްކަން ޤަބޫލު ކުރަން މައިންބަފައިންނަށް މަޖުބޫރުވިއެވެ. މަންމައަށް ކޮށްދެވުނުހާވެސް ކަމަކީ، ގަނޭޝް ބަރާއިޔާގެ ބޯ، އިންތިހާއަށް ބޮޑުވިޔަ ނުދިނުމަށްޓަކާ އޭނާގެ ބޮލުގައި ބާލިދީއެއް ފަދަ ހެލްމެޓެއް އަޅުވާފައި ބެހެއްޓުމެވެ. ބޮލާއި ހަށިގަނޑުގެ ފަރަގު އައިބު ނުވާ ވަރު ވެލަން ދެކަށެވެ. ގަނޭޝް ބަރާއިޔާއަކީ، އޭނާގެ ޖިސްމާނީ ސޫރަ ސިފަވަމުން އައި ގޮތުން، އެތައް ބައެއްގެ ފުރައްސާރައާއި މަލާމާތް އަޑު އަހަން ޖެހުނު މީހެކެވެ. އެންމެ ކުޑައިރުއްސުރެންނެވެ. ސްކޫލު ތެރޭގައި ހަނގާ ކުރުމާއި ދިމާ ކުރުން އޮތީ އިންތިހާއަށެވެ. ނަމަވެސް ތަޢުލީމީ މައިދާނުގައި ކުރިއަރާ ދިއުމަށް ގަނޭޝް ބަރާއިޔާއަށް އެހީވެދިން އެކުވެރިންތަކެއްވެސް ތިއްބެވެ.

އާންމު ދުވަހަކުން ދުވަހެކެވެ. ގަނޭޝް ބަރާއިޔާގެ ބައްޕައަށް، ދަނޑުވެރިކަމުން ދުވާލެއްގެ މައްޗަށް ލިބެނީ 200 ވަރަކަށް ރުޕީޒްއެވެ. ގަނޭޝް ބަރާއިޔާގެ ބައްޕަ، ވިއްތަލް ބާއީއާ މީހަކު ބައްދަލު ކުރިއެވެ. އަދި ޗަރުކޭސް ޝޯވއެއްގައި، ޖޯކަރެއްގެ ރޯލު ކުޅުމަށް ގަނޭޝް ބަރާއިޔާ ފޮނުވައިދޭން އެދުނެވެ. މާލީ ބަދަލެއްގެ ގޮތުގައި 100000 ރުޕީޒް ހުށަހެޅިއެވެ. ނަމަވެސް އެ ހުށަހެޅުން ވީ، ވިއްތަލްގެ ހިތް ކުދިކުދި ކޮށްލި ހުށަހެޅުމަކަށެވެ. ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެ ބައްޕަގެ ހިތުގައި އިންތިހާ ބިރުވެރިކަން އުފައްދާލި ހުށަހެޅުމަކަށެވެ. ދަރިފުޅު ވަގަށް ގެންގޮސްދާނެ ކަމުގެ ބިރު އިންތިހާއަށް އުފެދުނެވެ. އެހެން ކަމުން، ހިނދުކޮޅަކަށްވެސް ދަރިފުޅު އެކަނިކޮށެއް ނުލައެވެ.

ޢުމުރުގެ އެހެން ކުދިންނާ ތަފާތުކޮށް ފެނުނު ކަމުގައި ވީ ނަމަވެސް ގަނޭޝް ބަރާއިޔާއަކީ ފިސާރި ވަރުގަދަ ޢަޒުމެއްގެ ވެރިއެކެވެ. އެންމެ ޅަ ދުވަހުން ފެށިގެންވެސް އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އޭނާގެ ހުރިހާ ހަކަތައެއް ހުސްކޮށްލަނީ ކިޔެވުމަށެވެ. މަތީ ފާސްތައް ހޯދުމަށެވެ. މަތީ ތަޢުލީމު ހާސިލު ކުރުމުގެ ވަގުތު ޖެހުމުން، ބެޗެލަރ އޮފް މެޑިސިން އަދި ބެޗެލަރ އޮފް ސަޖަރީ ޑިގްރީ (އެމްބީބީއެސް) ހެދުމަށް ގަނޭޝް ބަރާއިޔާ ހުށަހެޅިއެވެ. ނަމަވެސް އޭނާއަކީ ޑްވޯފިޒަމްގެ ސިފަތައް ހުރި ކެންޑިޑޭޓަކަށް ވީތީ، ކޯހުން ޖާގަ ލިބޭ ގޮތެއް ނުވިއެވެ. ކިތަންމެ މަތީ ރޭންކުން ފާސްވެފައި އޮތެއް ކަމަކު، އިންޑިއާގެ މެޑިކަލް ކައުންސިލުން، ގަނޭޝް ބަރާއިޔާއަށް ކޯހުން ފުރުޞަތު ނުދިނީ، އޭނާގެ އިސްކޮޅުގެ ސަބަބުންނެވެ. ގަނޭޝް ބަރާއިޔާގެ އިސްކޮޅުގައި ހުންނަނީ އެންމެ 3 ފޫޓު ކަމުން، އެއީ ކުއްލި ހަލާތުގައި ނުވަތަ އެމަރޖެންސީ ކޭސްތަކުގައި ހަރަކާތްތެރިވުމަށް އޮތް ހުރަހެއް ކަމަށް ބުނެއެވެ.

އެމްބީބީއެސް ހަދަން ފުރުޞަތު ނުލިބުނު ހިސާބުން ގަނޭޝް ބަރާއިޔާ އިންތިހާއަށް މާޔޫސްވިއެވެ. ހުވަފެންތައް ކަފުންކުރާ ހިސާބަށްވެސް ދިޔައެވެ. ނަމަވެސް، ސްކޫލު ޕްރިންސިޕަލްގެ އެހީގައި ސަރުކާރުގެ މަތީ ފަންތީގެ ބޭބޭފުޅުންނާ ހިސާބަށް ދިޔައެވެ. އަދި ގުޖުރާތުގެ ހައިކޯޓުގެ ދޮރުގައިވެސް ޓަކިޖެއްސެވެ. މިއިން އެއްވެސް ކަމެއް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ނަމަވެސް، މިހާރު އޭނާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އިންޑިއާގެ ސުޕްރީމް ކޯޓާ ހިސާބަށްވެސް ގަނޭޝް ބަރާއިޔާގެ މައްސަލަ ގެންދިޔައެވެ. އަދި އިންސާފުވެސް ހޯދިއެވެ.

އެމްބީބީއެސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ޙައްޤު، ގަނޭޝް ބަރާއިޔާއަށް ލިބިގެން ވާ ކަމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން ކަނޑައެޅި 2018 ވަނަ އަހަރުގެ ތެރޭގައެވެ. ޖެހިގެން އައި އަހަރު، އޭނާ ކޯސް ފެށިއެވެ. ދާދި ފަހުން ކޯސް ނިންމާލި ގަނޭޝް ބަރާއިޔާ މިހާރު މަސައްކަތް ކުރަނީ ބާވްނަގަރުގެ ސަރ-ޓީ ހޮސްޕިޓަލުގައި އިންޓަރންއެއްގެ ގޮތުގައެވެ.

މިއަދު އެއީ ޑރ ގަނޭޝް ބަރާއިޔާއެވެ. ނަމަވެސް އަދިވެސް، ތަފާތު ކުރުންތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ޚިދުމަތް ހޯދަން އަންނަ ބަލި މީހާއަށް އޭނާ ފެންނަ ފުރަތަމަ ފަހަރު ފަސްޖެހެވެއެވެ. ނަމަވެސް، އޭނާގެ މަސައްކަތްތައް ފެނި، ޚިދުމަތްތައް ބަލައިގަންނަނީ ހެޔޮ ހޮތުންނެވެ. ފުރަތަމަ އޭނާ ފެންނަ އިރު ބަލި މީހާއަށް އަންނަ ބަދަލުތަކަކީ، ޚުދު ޑރ ގަނޭޝް ބަރާއިޔާވެސް ޤަބޫލު ކުރާ ބަދަލުތަކެކެވެ. ކޮންމެ މީހަކަށްވެސް އެފަދަ އިޙުސާސްތަކެއް ކުރެވިދާނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

ޑރ ގަނޭޝް ބަރާއިޔާއަކީ ދުނިޔޭގައި ހުރި އިސްކޮޅުން އެންމެ ކުރު ޑޮކްޓަރު ކަމަށް އެތައް ބަޔަކު އިއްތިފާޤުވެއެވެ. ނަމަވެސް ގިނިސް ރެކޯޑް ފޮތުން އަދި ރަސްމީ ސިފައެއްގައި ޖާގައެއް ނުލިބެއެވެ. އެހެނެއް ކަމަކު، މިހާރުވެސް އޭނާ ދަނީ، ދިރިއުޅުމުގައި އޭނާއަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް އޭނާ ކުރި މަސައްކަތް އެހެން މީހުންނާ ހިއްސާކޮށް، ހިތްވަރު ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް