ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 16:45
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރާއްޖެއެމްވީ ގްރެފިކްސް
އިންޑިއާ-ކެނެޑާ ގުޅުން
އިންޑިއާ-ކެނެޑާ ގުޅުން ހީނަރުވެގެން ދިޔަ ގޮތް
1980އާއި 1990ގެ އަހަރުތަކުގެ ކުރީކޮޅު އިންޑިއާގައި ހިނގި ލޭއޮހޮރުވުމާއި އަސްކަރީ ބަޣާވާތުގެ ސަބަބުން މިއަދުވެސް މި ދެ ޤައުމުގެ ގުޅުމަށް އަސަރުކުރަމުންދެއެވެ. ކެނެޑާއިން އެ ޤައުމުގެ ސަރަޙައްދުގެ ތެރޭގައި ހިނގާ ޚާލިސްތާން ޙަރަކާތްތަކަށް އިދިކޮޅު ނުހެދުމާ ގުޅިގެން އިންޑިއާ އިން އަންނަނީ ކެނެޑާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިންޑިއާއިން ބުނާ ގޮތުގައި، ކެނެޑާއަށް އެ ޤައުމުގައި ހިނގާ ޚާލިސްތާން ގްރޫޕްތަކުގެ މަޢުލޫމާތު އެެނގޭ ކަމަށާއި، ކެނެޑާއިން އަންނަނީ އެތައް އަހަރެއް ވަންދެން އެ ގްރޫޕްތައް މޮނިޓަރ ކުރަމުން ކަމަށެވެ.

1974 ގައި އިންޑިއާ އިން ނިއުކްލިއަރ ޑިވައިސްއެއް ގޮއްވާލާ މުޅި ދުނިޔެ ސިއްސުވާލިއެވެ. މި މައްސަލައާ ގުޅިގެން ހަމައެކަނި ސުލްޙަވެރި ބޭނުމަށް ކެނެޑާއިން އިންޑިއާއަށް ދީފައިވާ ޕްލޫޓޯނިއަމް ނަގާފައިވާކަމަށް ތުހުމަތުކުރިއެވެ. މިއާއެކު، މި ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ފިނިވެގެން ދިޔައެވެ. ކެނެޑާއިން އިންޑިއާގެ އެޓޮމިކް އެނަރޖީ ޕްރޮގްރާމަށް ދެމުން އައި އެހީތެރިކަން ވެސް ހުއްޓާލިއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އިންޑިއާ ސަރުކާރުން ކެނެޑާގައި ހިންގި އޮޕަރޭޝަނެއްގައި ކެނެޑާގެ ސިކް ލީޑަރެއް ކަމަށްވާ ހަރުދީޕް ސިންގ ނިއްޖާރު މަރާލާފައިވާ ކަމަށް ބުނެ، އިންޑިއާ ސަރުކާރާ ދެކޮޅަށް ސީރިއަސް ތުހުމަތަކެއް ކުރައްވާފައެވެ. މި ތުހުމަތުތަކާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރުވަނީ ކުރިއަށް ވުރެ ވެސް ބޮޑަށް ހީނަރުވެފައެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ކެނެޑާގެ ފުލުހުން އަންނަނީ 2023 ވަނަ އަހަރުގެ ޖޫން މަހު ހިނގި މަރުގެ ޙާދިސާގައި އިންޑިއާގެ އެޖެންޓުންނާއި އިންޑިއާ ސަރުކާރުގެ ސީދާ ބައިވެރިވުން އޮތްތޯ ބެލުމަށް ތަޙްޤީޤުކުރަމުން ކަމަށެވެ. ކެނެޑާގެ ފުލުހުން އިތުރަށް ތުހުމަތުކުރީ އިންޑިއާގެ އެޖެންޓުން "މީހުން މެރުމާއި، ބިރުދެއްކުމާއި، އަނިޔާވެރި ޢަމަލުތައް" ހިންގާ ކަމަށެވެ. މިތުހުމަތުތައް އަމާޒުކޮށްފައިވަނީ އިންޑިއާގައި ވަކި ސިކް ޖަމާއަތެއް އުފެއްދުމަށް ތާއީދުކުރާ ޚާލިސްތާން ސަޕޯޓަރުންނަށެވެ. ނަމަވެސް، އިންޑިއާއިން މި ތުހުމަތުތައް ދޮގުކޮށް، މިއީ "ބުއްދި ޤަބޫލުނުކުރާ" ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ. ކެނެޑާގައި 770،000ށް ވުރެ ގިނަ ސިކުން ދިރިއުޅެއެވެ. މިއީ އިންޑިއާގެ ޕަންޖާބު ސްޓޭޓުން ބޭރުގައި ދުރި އުޅޭ އެންމެ ބޮޑު ސިކް މުޖުތަމައެވެ. 1980އާއި 1990ގެ އަހަރުތަކުގެ ކުރީކޮޅު އިންޑިއާގައި ހިނގި ލޭއޮހޮރުވުމާއި އަސްކަރީ ބަޣާވާތުގެ ސަބަބުން މިއަދުވެސް މި ދެ ޤައުމުގެ ގުޅުމަށް އަސަރުކުރަމުންދެއެވެ. ކެނެޑާއިން އެ ޤައުމުގެ ސަރަޙައްދުގެ ތެރޭގައި ހިނގާ ޚާލިސްތާން ޙަރަކާތްތަކަށް އިދިކޮޅު ނުހެދުމާ ގުޅިގެން އިންޑިއާ އިން އަންނަނީ ކެނެޑާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިންޑިއާއިން ބުނާ ގޮތުގައި، ކެނެޑާއަށް އެ ޤައުމުގައި ހިނގާ ޚާލިސްތާން ގްރޫޕްތަކުގެ މަޢުލޫމާތު އެެނގޭ ކަމަށާއި، ކެނެޑާއިން އަންނަނީ އެތައް އަހަރެއް ވަންދެން އެ ގްރޫޕްތައް މޮނިޓަރ ކުރަމުން ކަމަށެވެ.

އެމެރިކާގެ ތިންކް-ޓޭންކެއް ކަމަށްވާ ވިލްސަން ސެންޓަރުގެ މައިކަލް ކުގެލްމަން ބީބީސީއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، "އިންޑިއާ-ކެނެޑާ ގުޅުން އަންނަނީ މީގެ މާކުރިއްސުރެ ވެސް ހީނަރުވަމުން ކަމަށާއި، އަދި ހީނަރު ވަމުން ވަމުން އައިސް، މިހާރު އެންމެ މިއޮތީ އެންމެ ދަށަށް ގޮސްފައި،" ކަމަށެވެ.

"ވަރަށް ސީރިއަސް އަދި ތަފްޞީލީ ތުހުމަތުތަކެއް ޢާންމުކޮށް ހާމަކުރުމާއި، ސަފީރުންނާއި އެންމެ އިސް ޑިޕްލޮމެޓުން އަނބުރާ ގެނައުމާއި، ވަރަށް ހަރުކަށި އިބާރާތުން ޑިޕްލޮމެޓިކް ބަޔާންތައް ނެރުން މިއީ މި ގުޅުމުގައި މީގެ ކުރިން ދެކިފައިނުވާ ކަންތައްތައް،" މައިކަލް ކުގެލްމަން ވިދާޅުވިއެވެ.

އޭނާގެ އިތުރުން އެހެން އެނަލިސްޓުން ވެސް ފާހަގަކުރަނީ މިއީ ތާރީޚީ ބަދަލެއްގެ ނިޝާނެއްގެ ގޮތުގައެވެ.

ކޮންފްލިކްޓިންގ ވިޝަންސް، ކެނެޑާ އެންޑް އިންޑިއާ އިން ދަ ކޯލްޑް ވޯރ ވޯލްޑް ފޮތުގެ މުޞައްނިފު ރަޔަން ޓޫހީ ވިދާޅުވާ ގޮތުގައި، "މިއީ ޓްރޫޑޯގެ ވެރިކަމުގެ ދަށުން ކެނެޑާއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ދަށަށް ދިޔަކަން ދައްކުވައިދޭ،" ކަމެކެވެ.

ހަމައެއާއެކު، ވޯޓަރލޫގެ ސެއިންޓް ޖެރޯމްސް ޔުނިވަރސިޓީގެ ތާރީޚު ދިރާސާކުރައްވާ ޕްރޮފެސަރެއް ކަމަށްވާ މިސްޓަރ ޓޫހީ ފާހަގަކުރާ ގޮތުގައި ކުރީގެ ބޮޑުވަޒީރު ސްޓީފަން ހާޕަރުގެ ސަރުކާރުގެ މައިގަނޑު ކާމިޔާބީއަކީ ކެނެޑާއާއި އިންޑިއާގެ ދެމެދުގައި "ދިގު މުއްދަތެއްގެ އެއްބައިވަންތަކަމެއް" އުފެއްދުމެވެ. މިގޮތުން ޚާލިސްތާނާއި ނިއުކްލިއަރ ހަތިޔާރު އިތުރުކުރުމާ ގުޅޭ ޝަކުވާތައް އޭރު ފަހަނައަޅައި ގޮސް، ރަނގަޅު ގުޅުމެއް ދެޤައުމުގެ މެދުގައި އޮތެވެ.

އޭނާ ވިދާޅުވެފައިވަނީ "ވިޔަފާރިއާއި ތަޢުލީމީ ގުޅުންތަކާއި، ކެނެޑާގައި އުޅޭ ގިނަ އަދަދެއްގެ އިންޑިއާ މީހުން ގުޅިގެން ދެޤައުމުގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމަށް އިސްކަން ދެވުނުކަމަށާއި، މި ޤަރުނުގެ ފެށުމާ ހަމައަށްވެސް ޚާލިސްތާންގެ މައްސަލަ ވަނީ ގާތްގަނޑަކަށް ނެތިގެން ގޮސްފަކަމަށެވެ. ނަމަވެސް، މިހާރު އެ މައްސަލަ ވަނީ އަލުން ކުއްލިއަކަށް ފެށިގެން އައިސްފަ،" ކަމަށެވެ.

އެހެން ނަމަވެސް، ހާޕަރު ވެރިކަމުގައި ހުރިއިރު ކެނެޑާގެ ސެކިއުރިޓީ ޚިދުމަތްތަކުން އިންޑިއާ ސަރުކާރުގެ އެޖެންޓުންނާއި ކެނެޑާގެ ރައްޔިތެއް މެރުމާ ދެމެދު ގުޅުމެއް އޮތް ކަމުގެ ތުހުމަތުތަކާ ކުރިމަތިލާކަށް ޖެހިފައެއް ނުވެއެވެ.

ހޯމަ ދުވަހު، ކެނެޑާގެ ފުލުހުން ބުނީ ވޭތުވެދިޔަ މަސްތަކުގައި މަދުވެގެން 12 މީހަކާ ފުލުހުން ބައްދަލުކުރި ކަމަށާއި، އެއީ ޚާއްޞަކޮށް ޚާލިސްތާނަށް ތާއީދުކުރާ ޙަރަކާތްތަކުގެ މެންބަރުންނާ ބައްދަލުކޮށް އެމީހުންނަށް އިތުބާރުހުރި އަދި ކައިރި ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ. ފުލުހުން ބުނާ ގޮތުގައި ފަހުން ކުރެވުނު ތަޙްޤީޤުތަކުން ހާމަވެފައިވަނީ އިންޑިއާގެ އެޖެންޓުން "ރާވައިގެން ހިންގާ ކުށްކުރުމުގެ ޙަރަކާތްތަކުގެ ފުޅާމިނާއި ފުންމިނާ ބެހޭ ގިނަ މަޢުލޫމާތުތަކެއް" އަދި އެކަމުގެ ސަބަބުން ކެނެޑާގެ ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތަކެވެ.

"އެއްވެސް ޤައުމަކަށް، ޚާއްޞަކޮށް ޤާނޫނުގެ ވެރިކަން ދަމަހައްޓާ ޑިމޮކްރަސީއަކަށް، އެހެން ޤައުމެއްގެ މިނިވަންކަމަށް އަރައިގަތުމެއް ޤަބޫލެއް ނުކުރެވޭނެ،" ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވިއެވެ.

ކެނެޑާއަށް މި ތުހުމަތުތައް އައިސްފައި މިވަނީ ޓްރޫޑޯ އަށް އެތެރޭގެ ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އިންތިޚާބަށް އަހަރެއްހާ ދުވަސް ބާކީ އޮއްވައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކެނެޑާގެ މި ތުހުމަތަކީ "ޓްރޫޑޯ ސަރުކާރުގެ ސިޔާސީ އެޖެންޑާގެ ބައެއް" ކަމަށާއި، މިއީ "ވޯޓު ބޭންކު ސިޔާސަތުގެ" ތެރެއިން އައި ކަމެއް ކަމަށެވެ. 2016 ގައި ޓްރޫޑޯ ވަނީ އޭނާގެ ކެބިނެޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ކެބިނެޓަށްވުރެ ގިނަ ސިކް މިނިސްޓަރުން ތިބި ކަމަށް ބުނެފައެވެ. ކެނެޑާގެ ސިޔާސަތުގައި ސިކުންގެ ނުފޫޒު ވަރަށް ބޮޑެވެ. އާބާދީގެ 2 އިންސައްތައަށް ވުރެ މަދު ނަމަވެސް، ހައުސް އޮފް ކޮމަންސްގެ 4 އިންސައްތައަށް ވުރެ ގިނަ ގޮނޑި ސިކުން ހިއްސާކުރެއެވެ. ނަމަވެސް، ބައެއް ތަޙުލީލުވެރިން ދެކޭ ގޮތުގައި މި ހަމަނުޖެހުމަކީ ވޯޓު ބޭންކު ސިޔާސަތާ ގުޅުން ހުރި ކަމެއް ނޫނެވެ. މިއީ ކެނެޑާގައި ތިބި ޚާލިސްތާން ޙަރަކާތްތަކާ މެދު އިންޑިއާގެ ކަންބޮޑުވުންތަކަށް ކެނެޑާ ސަރުކާރުން އަޅާނުލުމުގެ ނަތީޖާއެއް ކަމަށް އެމީހުން ބުނެއެވެ.

ޕްރޮފެސަރ ޓޫހީ ވިދާޅުވާ ގޮތުގައި، ކެނެޑާގައި ތިބި ޚާލިސްތާނަށް ތާއީދުކުރާ ފަރާތްތަކާމެދު އިންޑިއާގެ ކަންބޮޑުވުންތަކަށް ސަމާލުކަން ދިނުމަށް އެތައް އަހަރުތަކެއް ވަންދެން ކެނެޑާގެ ސަރުކާރުތަކަށް އެދުމަށްފަހު، އެމީހުން ދެކެނީ އަނެއްކާވެސް އެންމެ ފުރަތަމަ އިންޑީއާ އާއި ކެނެޑާގެ ގުުޅުން އޮތް ހިސާބަށް އައިސްފައިވާ ކަމަށެވެ. އެކަމަކު މިފަހަރު އިންޑިއާގައި މިވަނީ މުޅިން ތަފާތު ސަރުކާރެކެވެ. މި ސަރުކާރަކީ ރަނގަޅު ނުވަތަ ނުބައި ކަމުގައިވިޔަސް، ގައުމުގެ އެތެރެއަށް ނުރައްކާވާނެ ކަމަށް ޤަބޫލުކުރެވޭ ކަންކަން ހުއްޓުވުމަށް ބާރުގަދަ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބި ސަރުކާރެކެވެ.

ހަމައެފަދައިން، މައިކަލް ކުގެލްމަން ވެސް ވިދާޅުވަނީ، މި ދެ ގައުމުގެ ގުޅުން މިހާ އަވަހަށް ގޯސްވެގެން ދިޔުމަށް މަގުފަހިކުރި އެތައް ކަމެއް އބަހުރިކަމަށާއި، މީގެ ތެރޭގައި ހިމެނެނީ އަސާސީ ތަފާތެއް ކަމަށެވެ. އެއީ އިންޑިއާއިން ނުރައްކާތެރިކަމެއްގެ ގޮތުގައި ދެކޭ ނުވަތަ ދައްކާ ކަންކަން، ކެނެޑާއިން ދެކެނީ ހަމައެކަނި ޙަރަކާތްތެރިކަމާއި ތަފާތު ޚިޔާލުތަކެއްގެ ގޮތުގައި ކަމަށް ވުމެވެ. އަދި މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުން ރައްކާތެރިކަން ލިބިފައިވާ ކަމެއް ކަމަށެވެ. އަދި މިކަމަށް ދެފަރާތުންކުރެ އެއްވެސް ފަރާތަކުން ތަނާޒުލުވާކަށް ވެސް ބޭނުމެއް ނުވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ، "އިންޑިއާ އިން މިހާރު ކެނެޑާއާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ އެމީހުން އާންމުކޮށް ޕާކިސްތާނާ ދެކޮޅަށް ކުރާ ތުހުމަތުތަކެވެ. އެމީހުން އޮޓާވާއަށް ތުހުމަތުކުރަނީ އިންޑިއާއާ ދެކޮޅު ޓެރަރިސްޓުންނަށް ހިޔާވަހިކަން ދީ، އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. ނަމަވެސް ފަހަކަށްއައިސް، ކެނެޑާއާ ދެކޮޅަށް މި ތުހުމަތުތައް ކުރާ ބަހުރުވަ ވަނީ ޕާކިސްތާނާ ދެކޮޅަށް ބޭނުންކުރާ ބަހުރުވައަށްވުރެ ވެސް ހަރުކަށިވެފައެވެ. އަދި މިއީ ވަރަށް ސީރިއަށް ކަމެއް،" ކަމަށެވެ.

މި ދެ ޤައުމުގެ މެދުގައި އެއްވެސް ގުޅުމެއް ނެތެކޭ ނުބުނެވިދާނެއެވެ. މި ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ދިގު މުއްދަތެއްގެ ގުޅުމެކެވެ. ކެނެޑާގައި އިންޑިއާއަށް ނިސްބަތްވާ 1.3 މިލިއަން މީހުން، ނުވަތަ އާބާދީގެ ގާތްގަނޑަކަށް 4 އިންސައްތަ މީހުން އުޅެއެވެ. އިންޑިއާއަކީ ކެނެޑާއަށް އިސްކަންދޭ މާކެޓެކެވެ. 2022 ގައި އިންޑިއާއަކީ ކެނެޑާގެ 10 ވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ. އަދި 2018ން ފެށިގެން އިންޑިއާއަކީ ކެނެޑާއަށް އެންމެ ގިނަ ބޭރުގެ ދަރިވަރުން ފޮނުވާ އެއް ގައުމެވެ.

އެހެންނަމަވެސް، މާހިރުން ބުނާގޮތުގައި މިވަގުތު ކަންތައްތައް ފެންނަނީ ވަރަށް ގޯސްކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް