ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 17:15
ޗައިނާ އަދި އިންޑިއާ ދިދައިގެ މެދުގައި ރައީސް ޑރ މުހައްމަދު މުއިއްޒު
ޗައިނާ އަދި އިންޑިއާ ދިދައިގެ މެދުގައި ރައީސް ޑރ މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ ގްރެފިކްސް
އިންޑިއާ - ރާއްޖެ ގުޅުން
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ އިންޑިއާއިން ކަންބޮޑުވެއެވެ. ރާއްޖެ އިންޑިއާ ކަނޑުގައި އޮތްތަނުގެ މިކަމުގައި ރާއްޖެއަށް އަދާކުރެވިދާނެ ދައުރު އިންޑިއާ އަށް ވަރަށް ސާފެވެ. ދެން އޮންނާނީ ފައިސާ އަށް ފެން ބޮވައިގެންފައިވާ މުއިއްޒުގެ ސަރުކާރަށް ރަނގަޅު އޮފަރތަކެއް ދީގެން ޗައިނާ އަށް އެވަރަށް ރާއްޖެއަށް ގާތް ނުވުވޭނޭ ކަމުގެ ޔަގީންކަން އިންޑިއާ އިން ހޯދުމެވެ.
ޚަބަރުގެ އޯޑިއޯ

ރާއްޖޭގެ ރައީސް ކަމުގައި މި ވަގުތު ހުންނެވީ ޑިޕްލޮމެސީގެ އެއްވެސް މިންގަނޑަކަށް ނުފެތޭ ވަރުގެ ދަށު ދަރަޖައިގެ ކަންކަން އަވައްޓެރި އިންޑިއާ އާ ދެކޮޅަށް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން އެކަންކަމުގައި ކުރީ ސަފުގައި އުޅުއްވި ބޭފުޅެކެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގައި ހިންގި ކެމްޕޭނަކީ ރާއްޖޭގައި ބަލިމީހުން އުފުލާ ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުން އެއީ ހަމައެކަނި މަގްސަދުކަމުގައި ދެކިގެން ހިންގި ކެމްޕޭނެއް ނޫނެވެ. އެއީ އެއަށްވުރެ ޒާތީ ނަފްރަތާއި ފިތުނަ އާއި އަބުރު ކަތިލުމާއި، އިންޑިއާ މީހުންނާ މެދު ނަފްރަތު އުފެއްދުމާ މިހެން ގޮސް ނޭއްގާނީ ދަށުދަރަޖައިގެ އެތައް ކަމެއް އެކުލެވެނު ހަރަކާތެކެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާ މީހަކަށް އެކަނި ނުކުމެ މަގުމަތީގައި އުޅެން ނުކެރޭވަރު އޭރު ކޮށްލިއެވެ.

"އިންޑިއާ އައުޓް" ކެމްޕޭންގެ ޖަޒުބާތުގެ އަސަރުތައް އިންތިޚާބު ކާމިޔާބު ވުމަށްފަހުވެސް ޑރ. މުއިއްޒުގެ ކިބައިން ފިލާފައެއް ނުވެއެވެ. ޖެނުއަރީ މަހު މުޢިއްޒު އިންޑިއާއަށް ވުރެ ކުރިން ޗައިނާއަށް ޒިޔާރާތް ކުރައްވާ ޒަމާނުއްސުރެ މިކަމުގައި ރާއްޖެ އިން ދެމުން ދިޔަ ފުރަތަމަ ރަސްމީ ދަތުރުގެ އިހްތިރާމް މުއިއްޒު އިންޑިއާއަކަށް ނުދެއްވިއެވެ. ފުރަތަމަ ތުރުކީން ދެން ޗައިނާ އަށެވެ. ތުރުކީ އާއި ޗައިނާ އިން އެނބުރި ވަޑައިގެން ދެއްކެވި ވާހަކަފުޅުން އިންޑިއާގެ ކުކުޅުބިހާ އަލުވި ވެސް ދިވެހިން ދެން ކާން ނުޖެހޭނޭވެސް ހީވިއެވެ. ޞިއްޙީ ޚިދުމަތްތަކާއި، ބޭސްފަރުވާއާއި، އަދި އަސާސީ އިމްޕޯޓުތަކަށް އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ޕްލޭނެއް މުއިއްޒު ގެންގުޅުއްވާ ކަހަލަ މަންޒަރެއް އެދަތުރުފުޅުތަކަށް ފަހު ކުރެއްސެވިއެވެ. އޭގެ ފަހުން އަމިއްލަ ފުޅަށް ސިޔާސީ މަގާމުތައް ދެއްވައިގެން ގެންގުޅުއްވާ ފަރާތްތަކުން ބޮޑުވަޒީރު މޯދީ އަށް މަލާމާތްކޮށް ހަޑިހުތުރު އެއްޗެހިގޮވާ ހިސާބަށްވެސް މި ނުރުހުން އޮތީ ގޮސްފައެވެ.

ކޮންމެއަކަސް އިންޑިއާ އާ ރުޅި ބޭފުޅެއްގެ ގޮތުގައި އަމިއްލަފުޅަށް ތަމްސީލް ކުރައްވަމުން ގެންދެވި ޑރ. މުއިއްޒު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ޚާއްސަ އަސްކަރީ މަތިންދާބޯޓެއް އޮތީ އިންޑިއާ ސަރުކާރުން ފޮނުވާފައެވެ. އިންޑިއާ އަށް ވަޑައިގަތުމުން އޮތީ ރަތް ދޫލަ ފަތުރާލާފައެވެ. ރަސްމީ ކޮށް މަރުހަބާ ދެންނެވުމަށް އެގައުމުގެ އެންމެ މަތީ ވެރިން ތިއްބެވީ ތައްޔާރުވެވަޑައިގެންނެވެ. ނުރުހުމުގެ އެއްވެސް ކުލައެއް ނިޝާނެއް ނުދައްކައެވެ. މުޅިންވެސް ހިނިތުންވުމާއި، މާމެލާމެއްޔެވެ.

ފަސް ދުވަހުގެ މި ދަތުރުފުޅުގެ ބޭނުމަކީ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރެއްވުން ކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވެއެވެ.

ހަގީގަތަކީ ރާއްޖޭގެ ވެރިކަމުގައި ކޮންމެ މީހަކު ހުއްޓަސް އިންޑިއާ އާއި ޗައިނާ ދެމެދު ސަރަހައްދީ ބާރުވެރިކަމަށް އުފެދިފައިވާ ވާދަވެރިކަމުގައި ކުރި ހޯދުމަށް ރާއްޖޭގެ މައްޗަށް ކޮންމެވެސް ނުފޫޒެއް އޮންނާނެ ގޮތެއް ހެދުމަށް އެ ދެގައުމުންވެސް ބޭނުންވާލެއް ބޮޑުކަމާއެކު އޭރަކު އޮންނަ ސަރުކާރެއް ހުންނަ ވެރިއަކު ރުއްސަން މަސައްކަތް ކުރަން ޖެހެއެވެ. އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނުގެ ގޮތުން އިންޑިއާގެ ސަލާމަތާ ރައްކައުތެރި ކަމަށްޓަކައި ރާއްޖޭގައި އިންޑިއާ އާ އިދިކީލި ފަރާތްތަކުން އަތްގަދަ ކުރާކަށް އިންޑިއާ އިން ބޭނުމެއް ނުވެއެވެ. އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި ރާއްޖެއަށް ބަސްވިކޭ ފަށުގައި އިންޑިއާ އޮންނަން ޖެހެއެވެ.

ދެ ގައުމުންވެސް ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ފަހަތުގައި ވަނީ އެއްގައުމުން އަނެއް ގައުމަށް ވުރެ ބޮޑަށް ރާއްޖެއާ ގާތްކަން އުފައްދާ އެ ގުޅުމުގެ ތެރެއިން ރާއްޖޭގެ މައްޗަށް ބޮޑަށް ނުފޫޒް ފޯރުވާ ގައުމު ކަމުގައި ވުމެވެ. ރާއްޖޭގެ ބޭރުގެ ދަރަނި އެންމެ ބޮޑަށް ނަގާފައިވަނީ މި ދެގައުމުންނެވެ. އޭގެ އިތުރުން، އެތައް ޒަމާނެއްގައި، އިންޑިއާ އޮތީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ސިއްޙީ ފަރުވާ އަދި ސިއްޙީ ޚިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި. އަނެއްކޮޅުން، ދިވެހިރާއްޖެއަކީ ޗައިނާގެ "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޓިވްގައި ބައިވެރިވާ ޤައުމެކެވެ. އޭގެ އިތުރުން ފްރީ ޓްރޭޑް އެގްރީމެންޓުގައި ދާދިފަހުން ވަނީ ސޮއިކޮށްފައެވެ. ބަދަހިވަމުންދާ އިގްތިސާދީ ގުޅުމާއި ޗައިނާ އަށް ރާއްޖެއިން ދައްކަން ޖެހޭ ދަރަންޏަށް ބަލާއިރު ޗައިނާ އާ ވެސް ރާއްޖޭނެ ޖެހެނީ ހަމަ އެހާ ގާތްގުޅުމެއް ބާއްވާށެވެ.

ރައީސް މުޢިއްޒު ނިއު ދިއްލީއަށް ދަތުރުފުޅު މި ކުރައްވަނީ ބޮޑުވަޒީރު މޯދީ އަވައްޓެރިން ގާތް ކުރައްވައިގެން އިންޑިއާ އަކީ އަވައްޓެރިންގެ މެދުގައި އެންމެ މަގްބޫލު ގައުމު ކަމުގައި ހެއްދެވުމަށް ގެންގުޅުއްވި ސިޔާސަތުގެ ކާމިޔާބާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ކަމީ މުއިއްޒުގެ މިދަތުރުފުޅު ޚާއްސަވާ ސަބަބެކެވެ.

ސްރީލަންކާގެ ރައީސްކަމަށް މާކްސިސްޓް ސިޔާސަތުގެ ބޭފުޅެއް ކަމުގައިވާ އަނުރާ ކުމާރާ ޑިސަނާޔަކަ ވަޑައިގަތުމާއި، އިންޑިއާ އާ ރައްޓެހި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އޯގަސްޓް މަހު ކުއްލި ގޮތަކަށް ވެރިކަމުން ވައްޓާލުމާއި އަދި އެކަމަނާ ފިއްލަވަން އިންޑިއާ އަށް ވަޑައިގަތުމުގެ ސަބަބުން ބަންގްލަދޭޝް އާއި އިންޑިއާގެ ގުޅުން ހުތްވެފައި ވުމާއި، ނޭޕާލްގައި މިހާރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޯލީ ޗައިނާގެ ގާތް އެކުވެރިއެއް ކަމުގައި ވުމީ، އިންޑިއާ އަށް ނުވިސްނާ ދޫކޮށްލެވޭ ވަރުގެ ކަންކަމަކަށް ނުވާނެއެވެ. މިކަންކަން މިހެން އޮއްވާ ރާއްޖޭގެ ވެރިކަމުގައި އިންޑިއާ އާ އިދިކީލި ފިކުރުގެ ބޭފުޅަކު ހުންވުމުން މިހާރު އަވައްޓެރިންގެ ތެރެއިން އިންޑިއާ އާ އެކީ ދެން އޮތީ ގައުމެއްތޯ އަހާ ހިސާބަށް ކަންކަން ދިޔައީއެވެ.

އިންޑިއާއިން ދެކޭ ގޮތުގައި އެ ގައުމުގެ އަވައްޓެރި ޤައުމުތަކުގެ ތެރެއިން، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖެ އާއެކު ވަރުގަދަ ގުޅުން ދަމަހައްޓަންޖެހެއެވެ. އިންޑިއާ އިން ގަބޫލު ކުރަނީ މި ގައުމުތަކުގެ ވަށައިގެން އަޅާލެވޭ ވައް ރޮނގުގެ އެތެރޭގައި އިންޑިއާގެ ބަސް ޔަގީނުންވެސް ވިކެން ޖެހޭނެ ކަމުގައެވެ. މިހެން މިކަން އޮތް އިރު އިންޑިއާގެ އަވައްޓެރި ގައުމުތަކުގެ ސަރުކާރުތައް ބަދަލުވެގެން އަންނަ ގޮތުން އިންޑިއާ އާ ދެކޮޅު ފިކުރުގެ ފަރާތްތަކަށް ވެރިކަން ލިބޭ ގޮތް މިވަނީ އިއްތިފާގުން ބާވައެވެ؟

ޗައިނާ އާއި އިންޑިއާއަކީ ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ދަރަނި ދީފައިވާ ދެ ޤައުމެވެ. މީގެ ތެރެއިންވެސް ޗައިނާ އިން ނަގާފާއިވާ ދަރަނި ވަކިން ބޮޑެވެ. ދިވެހިރާއްޖެއިން ފަހަކަށް އައިސް ބުނެފައިވަނީ، ސޮވްރިން ޑިފޯލްޓަކަށް ދާނެކަމުގެ އިންޒާރު ދެވިފައިވީ ނަމަވެސް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބެއިލްއައުޓެއް ހޯދުމުގެ ނިޔަތެއް ނެތް ކަމަށެވެ. 

އެހެން ކަމުން މިވަގުތު ރާއްޖެއަށް ބޭރުފައިސާ މުހިންމެވެ. އިންޑިއާއިން ދީފާނެ ކޮންމެ "ލައިން އޮފް ކްރެޑިޓް" އެރޭންޖްމަންޓަކީ "އެދެވޭ ފިޔަވަޅެއް" ކަމުގައި ކުރިން މުއިއްޒު އޮތީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އިންޑިއާ އާ ދެކޮޅަށް ދައްކަވާ ވާހަކަފުޅުތައް މައިތިރި ކުރައްވާފައިވާ ކަމީ އިންޑިއާއިން ދެކޭ ގޮތުގައި ރަނގަޅު ފާލެކެވެ. އޭގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު ޗައިނާ ސިފައިން ގެނެސް އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބެލެންސް ގެއްލިދާނެ ފަދަ ކަމެއް ކުރައްވާނެ ކަމަކަށް މުއިއްޒު ވިދާޅެއް ނުވެއެވެ. އެއީވެސް އެވެރިން ފާހަގަ ކުރާ ރަނގަޅު ކަމެކެވެ. އޭގެ ބަދަލުގައި މުއިއްޒު ޔަގީންކަން ދެއްވީ އިންޑިޔާގެ ސަލާމަތައް ނުރައްކާވާނެ ކަމެއް ރާއްޖެއިން ނުކުރާނެ ކަމަށެވެ. 

އެހެން މުއިއްޒު ވިދާޅުވިޔަސް އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ އިންޑިއާއިން ކަންބޮޑުވެއެވެ. ރާއްޖެ އިންޑިއާ ކަނޑުގައި އޮތްތަނުގެ މިކަމުގައި ރާއްޖެއަށް އަދާކުރެވިދާނެ ދައުރު އިންޑިއާ އަށް ވަރަށް ސާފެވެ. ދެން އޮންނާނީ ފައިސާ އަށް ފެން ބޮވައިގެންފައިވާ މުއިއްޒުގެ ސަރުކާރަށް ރަނގަޅު އޮފަރތަކެއް ދީގެން ޗައިނާ އަށް އެވަރަށް ރާއްޖެއަށް ގާތް ނުވުވޭނޭ ކަމުގެ ޔަގީންކަން އިންޑިއާ އިން ހޯދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް