ކ. މާލެ
|
18 މެއި 2024 | ހޮނިހިރު 15:20
އިންތިޚާބެއް ކާމިޔާބު ވުމާ އެންމެ ގާތަށްވެސް ޕަދުމާރާޖަންއަށް ދަތުރު ކުރެވުނީ 2011 ވަނަ އަހަރު
ނާކާމިޔާބު ކެންޑިޑޭޓު
އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
ޕަދުމާރާޖަން ވަނީ 238 އިންތިޚާބުން ފެއިލްވެފައި، އޭނާގެ އުންމީދަކީ، އެ ގޮތުގައި، އެ ރެކޯޑް ދަންމާލުން

ނާކާމިޔާބު ވުމަކީވެސް ކާމިޔާބެކެވެ. ނާކާމިޔާބީއިން އުފާ ހާސިލު ކުރުމުގައި ކޭ ޕަދުމާރާޖަންއަކީ މިސާލެކެވެ. ޕަދުމާރާޖަންއޭ ބުނުމުން އެއީ ކާކުކަން ނޭނގުން ގާތެވެ. ކުރު ތަޢާރަފަކަށް ޖެހިލަމާ ހިނގާށެވެ. ޕަދުމާރާޖަންއަކީ "އިންތިޚާބުގެ ރަސްގެފާން" އެވެ. "އިންތިޚާބުގައި ނާކާމިޔާބުވާ އެންމެ ބަދުނަސީބު ކެންޑިޑޭޓް" އެވެ. މުޅި ދުނިޔޭގެ ނިސްބަތުންނެވެ. މިއީ ހައްތަހާވެސް ޕަދުމާރާޖަންގެ ލަގަބުތަކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ ޕަދުމާރާޖަން މިހާތަނަށް ވަނީ، ސިޔާސީ ފެންވަރުގައި ކުރިއަށް ގެންދިޔަ 238 އިންތިޚާބެއްގައި ވާދަ ކޮށްފައެވެ. ކޮންމެ ފަހަރަކުވެސް އޭނާގެ ނަތީޖާ ކަރުދާހުގައި އޮންނަނީ "ނާކާމިޔާބު" ވި ކަމުގެ ޚަބަރެވެ.

ޕަދުމާރާޖަންގެ ވާހަކައަކީ ކެތްތެރިކަމުގެ ފިލާވަޅެކެވެ. ޢުމުރުން 65 އަހަރު ފުރިފައިވާ ޕަދުމާރާޖަންއަކީ ޓެމިލް ނާޑޫއަށް ނިސްބަތްވާ މީހެކެވެ. ދިރިއުޅުމަށް އާމްދަނީ ހޯދަނީ، ހަލާކުވެފައި ހުންނަ އެކިއެކި ސާމާނުތައް މަރާމާތުކޮށްދީގެންނެވެ. ޕަދުމާރާޖަންގެ ޙަޔާތުގައި، މި ދިޔަ 30 އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ އެތައް އިންތިޚާބެއްގައި ވާދަކޮށް، އިންތިޚާބުގައި ވާދަކުރުމުގެ ފީއެއްގެ ގޮތުގައި ދެއްކުމަށް އެތައް ހާސް ޑޮލަރެއް ޚަރަދު ކޮށްފައެވެ.

އިންތިޚާބެއް ކާމިޔާބު ވުމާ އެންމެ ގާތަށްވެސް ޕަދުމާރާޖަންއަށް ދަތުރު ކުރެވުނީ 2011 ވަނަ އަހަރުއެވެ. އެ އަހަރު އިންޑިއާގައި ކުރިއަށް ގެންދިޔަ އާންމު އިންތިޚާބުގައި ޕަދުމާރާޖަން ވާދަ ކުރީ މެއްތޫރު އަވަށުންނެވެ. އެ ފަހަރު އޭނާއަށް ލިބުނީ 6273 ވޯޓެވެ. އެއީ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓްއަށް ލިބުނު ވޯޓުގެ ޢަދަދާ އަޅާ ބަލާއިރު އެއްވެސް އެއްޗެއް ނޫނޭވެ. ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓް ވަނީ 75000 އަށް ވުރެ ގިނަ ވޯޓު ހޯދާފައެވެ. ނަމަވެސް އެކަން ވީ ޕަދުމާރާޖަންއަށް ލިބުނު ހިތްވަރަކަށެވެ. ކޮންމެވެސް ދުވަހަކުން ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަން، އެ ހިތުގައި ބިންވަޅު ނެގިއެވެ. އެ ދުވަހެއް އަދިވެސް ނާދެއެވެ. ނަމަވެސް، އޭނާ ކަނޑައެޅި 2 ވަނަ ޢަމާޒަށް ވާސިލުވެވިއްޖެ ކަމަށް ޕަދުމާރާޖަން ބުނެއެވެ. އެއީ ކެތްތެރިކަމާއި ބަލި ޤަބޫލު ކުރުމުގެ ރީތި ސިފަތަކުގައި ހިފެހެއްޓުމެވެ. އޭނާއަށް ވުރެ ސާބިތުކަމާ އެކީ އެ ސިފަތަކުގައި ހިފަހައްޓައިގެން ހުރި ސިޔާސީ ކެންޑިޑޭޓަކު އަދު ދުނިޔެއިން ފެނިދާނެބާއެވެ؟

އިންޑިއާގައި އެންމެ ފަހުން އޮތް އާންމު އިންތިޚާބުގައިވެސް ވާދަ ކުރި ޕަދުމާރާޖަން ބުނާ ގޮތުގައި، ހުރިހާ ކެންޑިޑޭޓުންވެސް އިންތިޚާބު ވާދަ ކުރަނީ މޮޅުވުމަށެވެ. ނަމަވެސް، އެއީ އޭނާގެ ޢަމާޒު ނޫންކަމަށްވެސް ޕަދުމާރާޖަން ބުނެއެވެ. އެއީ ފަހަރެއްގައިވެސް، ޖޯކު ޖެހުމުގެ މާނައިގައި އޭނާ ބުނި އެއްޗެއް ނުނެވެ. 238 އިންތިޚާބުން ފެއިލްވެފައިވާ ޕަދުމާރާޖަންގެ މިހާރުގެ ހުރިހާވެސް އުންމީދަކީ، އެ ގޮތުގައި، އެ ރެކޯޑް ދަންމާލުމެވެ. މި ފަހަރުގެ އިންތިޚާބަކީ ޕަދުމާރާޖަން ވާދަ ކުރާ 239 ވަނަ އިންތިޚާބެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަ ކުރާ އިންޑިއާގެ އާންމު އިންތިޚާބުގެ ވޯޓުލުން އޭޕްރިލް މަހު ފެށި ގޮތަށް ނިންމާލަން ރާވަފައި އޮތީ ޖޫން މަހުގެ ތެރޭގައެވެ. އެހެން ކަމުން، ޕަދުމާރާޖަންގެ ނަތީޖާއަށް މި ފަހަރު ވާ ގޮތެއް އަދި ސާފެއް ނުވެއެވެ. މި ފަހަރުގެ އިންތިޚާބުގައި ޕަދުމާރާޖަން ވާދަ ކުރަނީ ޓެމިލް ނާޑޫގެ ދަރްމަޕޫރީ ޑިސްޓްރިކްޓްއިންނެވެ.

ޕަދުމާރާޖަންގެ ވާހަކަ ފެށެނީ 1990 އަހަރުތަކުގެ ފަހުކޮޅުގައެވެ. އެއީ ރަސްމީ އިންތިޚާބެއްގައި އޭނާ ވާދަ ކުރި ފުރަތަމަ ފަހަރެވެ. އެ އިންތިޚާބުގައި އޭނާ ވާދަ ކުރީ އުފަން ރަށް، މެއްތޫރްއިންނެވެ. އިންތިޚާބު ކާމިޔާބު ނުވާނެކަން އޭރުވެސް އޭނާއަށް އެނގެއެވެ. ނަމަވެސް، ރަސްމީ މަޤާމުތަކަށް ވާދަ ކުރުމުގެ ފުރުޞަތަކީ، އާދައިގެ މީހުންނަށްވެސް އޮތް ފުރުޞަތެއްކަން މީހުންނަށް އަންގައިދިނުން ވީ، ޕަދުމާރާޖަންގެ މަގުސަދަށެވެ.

އޭގެ ފަހުން މިދިޔަ 30 އަކަށް އަހަރު ޕަދުމާރާޖަން، އެ ބަޔަކާ ދެކޮޅަށް ވާދަ ކުރި ވަރުގަދަ ޝަޚްސުންތަކެއްވެސް އެބަ ތިއްބެވެ. އޭޣެ ތެރޭގައި އަދުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖުޕާޔީއާއި މަންމޯހަން ސިންހް ފާހަގަ ކުރެވެއެވެ. ނާކާމިޔާބުވިއެއް ކަމަކު އޭނާ އެކަންވެސް ބަލައިގަންނަނީ ފަޚްރާ އެކީގައެވެ. ޒުވާން ޖީލަށް މިސާލު ދައްކައިދެމުންނެވެ. އާންމު ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ކަންތައްތަކަށް ކެތްކޮށް، ހިތްވަރާއެކު މަސައްކަތް ކުރުމުގައި އޭނާގެ ކިބައިން ހިތްވަރު ލިބިގަންނާނެ ބަޔަކު ތިބޭނެ ކަމުގެ އުންމީދުގައެވެ. އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕަދުމާރާޖަން މިހާރު ދަނީ ބަލި ޤަބޫލު ކުރުމާއި، ހިތްވަރު ކުރުމާ ބެހޭ ގޮތުން ސްކޫލު ދަރިވަރުންނަށް ތަޤުރީރުތައްވެސް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް