ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 16:05
"ގާންދީ" ގެ ނަމުގައި އުފައްދާ އައު ޓީވީ ސީރީޒް އަކީ 3 ސީޒަންއެއްގެ މައްޗަށް ބެހިގެންދާ ސީރީޒްއެއް
ގާންދީ ބިފޯރ އިންޑިއާ
ގާންދީ، "ގާންދީ" އަށް ވީ ގޮތް... ތަފާތު ނަޒަރަކުން!
"ގާންދީ" އަކީ، ގާންދީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް، މިހާތަނަށް އުފައްދާ އެންމެ ތަފްސީލީ، އަދި އެންމެ ތަފާތު އުފެއްދުމަކަށް ވާނެ
"ގާންދީ" ސީރީޒްގެ ފުރަތަމަ ސީޒަން އެކުލެވިގެން ވަނީ 8 އެޕިސޯޑްގެ މައްޗަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުން މަދަނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެތައް ބައެއްގެ ޝަޢުޤުވެރިކަން ދަމައިގަތް ޒަމާނީ 'ނޮންވައެލަންސް' ފަލްސަފާގެ ބާނީގެ ގޮތުގައި ބަލައިގެންފައިވާ މަހަތަމާ ގާންދީގެ ވާހަކައަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އައު ވާހަކައަކަށް ނުވާނެއެވެ. ގާންދީ އަކީ 1947 ވަނަ އަހަރު، އިނގިރޭސި އިސްތިއުމާރީ ވެރިކަމުން އޭނާގެ ޤައުމު މިނިވަން ކުރުމަށް ގެންދިޔަ އިންޑިއާގެ ގާނޫނީ ވަކީލެކެވެ. އެއީ އަހަރެމެންގެ ތެރެއިން ގިނަ މީހުން، ގާންދީ ސިފަ ކުރާނެ ގޮތެވެ. ނަމަވެސް، އެހާ ހިސާބަށް އައުމަށް، ގާންދީ ކުރި ދަތުރުގެ ވާހަކަ އެނގެނީ މަދު ބަޔަކަށެވެ. މިއަދު، އިންޑިއާގެ ފިލްމީ ސިނާޢަތުން ޢަމާޒު ހިފާފައި އޮތީ، އިންޑިއާގެ މިނިވަން ކަމަށް ހިންގި ހަރަކާތުގެ ކުރިން، ގާންދީގެ ދިރިއުޅުން އޮތް ގޮތް އަންގައިދިނުމަށެވެ. އެފަދަ އުފެއްދުމެއްގެ ޚިޔާލު އުފެދުނީ، އިނގިރޭސި ޝާހީ ހާންދާނުގެ އަޑި ނޭނގޭ އެތައް ވާހަކަތަކެއް ތިލަކޮށްލި 'ދަ ކްރައުން' ސީރިޒްއިންނެވެ.

"ގާންދީ" ގެ ނަމުގައި އުފައްދާ އައު ޓީވީ ސީރީޒް އަކީ 3 ސީޒަންއެއްގެ މައްޗަށް ބެހިގެންދާ ސީރީޒްއެކެވެ. ސީރީޒްގެ ވާހަކަ ބިނާކޮށްފައި ވަނީ، ތާރީޚު ލިޔުންތެރިޔާ ރާމަޗަންދްރާ ގޫހާގެ 2 ފޮތެއްގެ މައްޗަށެވެ. އެއީ 'ގާންދީ ބިފޯރ އިންޑިއާ" އަދި "ގާންދީ: ދަ އިޔަރޒް ދެޓް ޗޭންޖްޑް ދަ ވަރލްޑް"އެވެ.

އިންޑިއާގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށް ވާ 'އެޕްލޯޒް އެންޓަރޓެއިންމަންޓް'ގެ މެނޭޖިންގް ޑައިރެކްޓަރ، ސަމީރު ނައިރު ބުނި ގޮތުގައި "ދަ ކްރައުން" އިން ލިބުނު ހިތްވަރުން އުފައްދާ "ގާންދީ" އަކީ، ގާންދީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް، މިހާތަނަށް އުފައްދާ އެންމެ ތަފްސީލީ، އަދި އެންމެ ތަފާތު އުފެއްދުމަކަށް ވާނެއެވެ. އަދި މި އުފެއްދުމަކީ، އެތައް ބަޔަކަށް މިހާތަނަށް އެނގިފައި ނުވާ ގިނަ ވާހަކަތަކެއް ހިމަނައިގެން ތައްޔާރު ކުރާ ޓީވީ ސީރީޒްއެއް ކަން ވެސް ނައިރު ވަނީ ފާހަގަ ކޮށްފައެވެ.

"ގާންދީ" ސީރީޒްގެ ފުރަތަމަ ސީޒަން އެކުލެވިގެން ވަނީ 8 އެޕިސޯޑްގެ މައްޗަށެވެ، ފުރަތަމަ ސީޒަންގެ ޝޫޓިންގް ފެށީ މި އަހަރުގެ ކުރީކޮޅު، އިންޑިއާގައެވެ. ފުރަތަމަ ސީޒަންގެ މަންޒަރުތައް ނަގަމުން ދަނީ މުމްބާއީ، ގުޖުރާތުގައެވެ. އިނގިރޭސިވިލާތުގައިވެސް މަންޒަރުތަކެއް ނަގާ ކަމަށް ޚަބަރު ލިބެއެވެ.

"ކާނާ ޚަޒާނާ" ޝޯވ އުފައްދައިގެން މީޑިއާގެ ދަތުރު ފެށި ހަންސަލް މެހްތާ ޑައިރެކްޓް ކުރާ ޓީވީ ސީރީޒް "ގާންދީ"ގައި، މަހަތަމާ ގާންދީގެ ރޯލު އަދާ ކުރަނީ ޢުމުރުން 44 އަހަރުގެ ޕްރަތިކް ގާންދީއެވެ. މަހަތަމާ ގާންދީއާއި ޢާއިލީ ގޮތުން ގުޅުމެއް ނެތް ނަމަވެސް، މިދިޔަ 8 ވަރަކަށް އަހަރު ދުވަހު، އެކި އުފެއްދުންތަކުގައި ގާންދީގެ ރޯލު އަދާކޮށްފައި ވަނީވެސް ޕްރަތިކް ގާންދީއެވެ. އޭނާ ސިފަ ކުރި ގޮތުގައި، މިދިޔަ އަހަރުތަކުގައި އޭނާއަށް އެ ކުރެވުނު މަސައްކަތްތަކަކީ، މި ދުވަހަށް ވެވުނު ތައްޔާރީއެކެވެ.

ޕްރަތިކް ގާންދީ ބުނި ގޮތުގައި، ކިތަންމެ ރަނގަޅަށް ތައްޔާރުވި ކަމުގައި ވީ ނަމަވެސް، ގާންދީ ޝަޚްސިއްޔަތެއް ދައްކުވައިދިނުމަކީ އެތައް ޕްރެޝަރަކާ ކުރިމަތި ކުރުވާ ކަމެއް ކަމަށެވެ. އަދި އިންސާނީ ޝަޚްސެއްގެ ގޮތުގައި ގާންދީގެ ސިފަތައް ރަމްޒުކޮށްދިނުމަކީވެސް ކުރިމަތިވާ ނުތަނަވަސް ކަމެއްކަން ޕްރަތިކް ފާހަގަ ކުރިއެވެ.

ޑައިރެކްޓަރ މެހެތާ ބުނާ ގޮތުން ވިއްޔާ، ޒުވާން ޖީލުގެ މެދުގައި ސީރީޒް މަޤުބޫލު ކުރުމަކީ މަޤްޞަދެކެވެ. އެކަން ހާސިލު ކުރުމަށް އެޅި އެންމެ ބޮޑު ފިޔަވަޅަކީ، މަޝްހޫރު ވާހަކަ ސީރީޒް، "ހެރީ ޕޮޓަރ"ގެ ފިލްމުތަކުން ފެނިގެން ދިޔަ އިނގިރޭސި ބަޠަލް، ޓޮމް ފެލްޓަންވެސް 'ގާންދީ" ސީރީޒްގެ ކާސްޓުގައި ހިމެނުމެވެ.

"ގާންދީ" ސީރީޒްގައި ޓޮމް ފެލްޓަން ކުޅެނީ، ޤާނޫނީ ރޮނގުން ލަންޑަންގައި ގާންދީ ކިޔަވާ ވިދާޅުވަމުން ދިޔައިރު އެކުވެރިއެއްގެ ގޮތުގައި ޚިޔާރު ކުރެއްވި ޖޮޒަޔާ އޯލްޑްފީލްޑްގެ ރޯލެވެ. ޢުމުރުން 36 އަހަރުގެ ބަޠަލް ބުނި ގޮތުގައި، އެ ރޯލަކީ، ކުޅެން އިންކާރު ކުރެވޭނެ ރޯލަކަށް ނުވި ކަމަށެވެ.

ގާންދީ، "ގާންދީ"އަށް ވެގެން ދިޔަ ގޮތުގެ ފަހަތުގައިވާ އެތައް ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ޓީވީ ސީރީޒް "ގާންދީ"ގެ ފުރަތަމަ ސީޒަންގެ މަންޒަރުތައް، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނަގާ ނިންމަން ވަނީ ތާވަލު ކޮށްފައެވެ. އާންމުންނާ ހިސާބަށް ފުރަތަމަ ސީޒަން އަންނާނެ ކަމަށް ބެލެވެނީ ޖެނުއަރީ 2025 ގައި އޯޓީޓީ ކޮށެވެ. އޯޓީޓީ ނުވަތަ އޯވަރ-ދަ-ޓޮޕް މީޑިއާ ސަރވިސް އަކީ، އިތުރު ފަރާތެއް މެދުވެރި ނުކޮށް، އިންޓަރނެޓް ބޭނުން ކުރާ މީހާއަށް ސީދާ އެ އުފެއްދުމެއް ބަލައިލުމުގެ ފުރުޞަތު ފަހި ކޮށްދޭ ޚިދުމަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް