ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 12:53
ފިދާ އަލް-ޤުރްޝާލީ؛ ޣައްޒާގައި ދަރުމައަށް މަސައްކަތް ކުރާ ޑޮކްޓަރެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޤަތުލުޢާންމުގެ ފަސްގަނޑުން ޑރ ފިދާ: ޚާއްޞަ ވަނީ ކީއްވެ؟
 
ބަލި މީހުންނަށް އެހީ ބޭނުންވެގެން ފިދާ އަށް ގުޅުމުން، އެމީހުން އެ ތިބި ތަނަކަށް، އެހީ ހިފައިގެން ދެވޭތޯ އޭނާ ބަލާ
 
އޭނާ ބުނި ގޮތުގައި ދަތުރުފަތުރުގެ ނިޒާމެއް، ފަރުވާގެ ނިޒާމެއް ނެތް ތަނަކަށް އޭނާ ޕޭޝަންޓުން ފޮނުވައެއް ނުލާނެ
 
ޑރ ފިދާ މަސައްކަތް ކުރަމުން ދަނީ ދަރުމައަށް

ހަނގުރާމައެއްގެ މައިދާނަކީ ބައެއްގެ ޙަޤީޤަތް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ވާ އެއް ތަނެވެ. ވަފާތެރިންނާއި، ބޭވަފާތެރިން، އިޚްލާސްތެރިންނާއި ޚީލަތްތެރިން، ބަޠަލުންނާއި ފިނޑިން ފަދަ އެތައް އިންސާނި ޝަޚްސުގެ އަޑި ނެގޭ އެތައް ސިފައެއް ކަޝްފު ވާ މައިދާނެކެވެ. އިންސާނިއްޔަތު ކަމުގެ މަތިވެރި ރޫޙު އެމީހެއްގެ ކިބާގައި އަށަގެންފައި ވާ މިންވަރު އެންމެ ސާފުކޮށް އެނގިގެން ދާނެ އެއް ވަގުތުވެސް މެއެވެ. ޒާތީ ފައިދާއެއް ލިބެން ނެތް ކަން އެނގިހުރެ، ދީނާއި، ވަޠަނާއި އަޚުންނާއި އުޚުތުންނަށްޓަކައި ޤުރުބާންވެދާ އެތައް ޝަޚްސުންނެއް ފެންނަ މައިދާނެކެވެ.

ނިރުބަވެރި ޔަހޫދީންގެ ވަރުގަދަ ޤަތުލުޢާންމުގައި ބެދިފައި އޮތް ޣައްޒާއިން، މި ދެންނެވި ފަދަ އެތައް ޝަޚްސެއް ފެނެއެވެ. މީހަކަށް ދޫކުރާނެ މީހަކު ނެތެވެ. މިއީވެސް އެފަދަ މީހެއްގެ ވާހަކައެވެ. މި ފަހަރު، ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިއެއްގެ ވާހަކައެވެ. ފަހަރެއްގައި ސަތަރި ޖިފުޓިއެއްގައި ބަލި މީހުންނަށް ޚިދުމަތް ކުރުމަށް އަތުކުރި އޮޅާލައިގެން އިން، ޑރ ފިދާ އަލް-ޤުރްޝާލީގެ ވާހަކައެވެ. ޚުދު ޑރ ފިދާއަކީވެސް ގެދޮރު ގެއްލި، ވަގުތީ ޓެންޓެއްގައި ހިޔާވަހިކަން ހޯދަމުން އަންނަ މީހެކެވެ. އެ ޙާލުގައިވެސް، އަނިޔާ ލިބިފައިވާ ޣައްޒާގެ އަހުންނާއި އުޚުތުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތް، އޭނާ ފޯރުކޮށްދެމުން ދަނީ ހިލޭ ސާބަހަށެވެ. ދަރުމައަށެވެ.

އަހަރެންގެ ޓެންޓު މި ހުންނަނީ، ހަމަ މީހުން ދިރިއުޅޭ ސަރަޙައްދުގަ. އެ މީހުންގެ ބޭނުންތައް ވަރަށް ފަރުވާތެރިކަމާ އެކީ ބަލަމުން މި ގެންދަނީ. ބަލިވެފަ ތިބި ކުޑަކުދިން އެބަ ތިބި، ހަށިގަނޑުން ފެން މަދުވެފަ ތިބި ކުދިން، ހުމާ ތިބި ކުދިން، ޖިސްމާނީ އަދި ނަފްސާނީ އެހީ ބޭނުންވާ މީހުން އެބަ ތިބި. އެހެންވެ، އަހަންނަށް ވީ ވަރަކުން، ހިލޭ ސާބަހަށް މި އެންމެންނަށް ޚިދުމަތް ކުރަން ނިންމީ.
ފިދާ އަލް-ޤުރްޝާލީ؛ ޣައްޒާގައި ދަރުމައަށް މަސައްކަތް ކުރާ ޑޮކްޓަރެއް

ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފަ އޮންނަ ހޮސްޕިޓަލަކުން ފަރުވާ ހޯދަން ބޭނުން ނަމަ އުފުލަން ޖެހޭ ތަކުލީފުތަކަކީ އަހަރެމެން ދިވެހިންނަށް އައު ކަމަކަށް ނުވާނެއެވެ. ނުވިތާކަށް ޞިއްޙީ ޚިދުމަތްތެރިންގެ ނިމުން ނެތް ޝަކުވާތަކުގެ އަޑަކީވެސް ދިވެހި ކަންފަތްތަކަށް އައު އަޑަކަށް ނުވާނެއެވެ. ނަމަވެސް، ކުރިމަތިވެފައި އޮތް ޚާއްޞަ ޙާލަތުގައި، ޑ ފިދާ، އޭނާގެ އުފަން ވަޒަނަށް ޚިދުމަތް ކުރަމުން އެ ގެންދަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ޒަމާނީ ހޮސްޕިޓަލެއް ނެތް އިރު، އަމިއްލަ ފުރާނަ މި ދުނިޔެއާ ވަކިވެ ދާނީ ދެން އެ ވައްޓާލާ ބޮމުގެ ޙަމަލާގައި ނޫން ކަމެއް ނޭނގޭ ޙާލުގައެވެ. ސަތަރި ޓެންޓެއްގެ ތެރޭގައެވެ. އެ ޙާލުގައިވެސް ޑރ ފިދާ އިނީ، އޭނާއަށް ވީ އެންމެ ފުރިހަމައަކަށް، އޭނާގެ އަޚުންނާއި އުޚުތުންނަށް ޚިދުމަތް ކުރުމުގެ ވަރުގަދަ ޢަޒުމުގައެވެ. ދެގޮތެއް ނުވެއެވެ.

ކަލޭމެންނަށްވެސް ފެންނަން މިއޮތީ... އަހަރެންގެ ޓެންޓަކީ ވަރަށް އާދައިގެ ޓެންޓެއް. މި ޓެންޓަކީ ބަލި މީހުން ބަލައިގަނެ، އެމީހުން ކައިބޮއެ ނިދާ ހަދާލުމުގެ ފުރުޞަތު ދޭ ޓެންޓެއް. މި ޓެންޓުގަ މައިގަނޑު ގޮތެއްގަ ހިނގާނީ މި ބުނި ކަންކަން. އަހަންނަށް ގުޅާނެ، ބަލި މީހުންނަށް އެހީ ބޭނުންވެގެން. އެމީހުން އެ ތިބި ތަނަކަށް، އެހީ ހިފައިގެން ދެވޭތޯ އަހަރެން ބަލަން. ބޭނުން ޖެހިފަ ތިބި ބަޔަކު ތިބިތޯ ބަލަން، ޓެންޓުތަކުގެ ތެރޭގަ ހިނގާލާ ހަދަންވެސް ދަން.
ފިދާ އަލް-ޤުރްޝާލީ؛ ޣައްޒާގައި ދަރުމައަށް މަސައްކަތް ކުރާ ޑޮކްޓަރެއް

70 އެތައް އަހަރަކަށް ދިގުލައި ގޮސްފައި ވާ ފަލަސްޠީނާއި އިޒްރޭލުގެ މައްސަލައަށް ކުޑަ ނަމަވެސް ޙައްލެއް ނުހޯދި އުޅެނިކޮށް، ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ކުއްލި ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ޤަތުލުޢާންމު ހިންގަން ފެށިއެވެ. އިޒްރޭލުގެ ޤަތުލުޢާންމު ހުއްޓުވުމަށް އަދާ ޖެހުނުއިރުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢު އޮތީ ފެއިލްވެފައެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާން ކަމަށް ބުނެ، ނިރުބަވެރި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމަށް 100 އެތައް ދުވަހެއް ވީ އިރު، ފަލަސްޠީނުގެ 25000 އަށް ވުރެ ގިނަ މީހުން މި ދުނިޔެއާ ވަކިކޮށްލައިފިއެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޒަޚަމްވީ މީހުންގެ ޢަދަދު ލައްކައަކާ ގާތް ކުރާ އިރު، ޞިއްޙީ ފަރުވާ ދެވެން ހުރި ހުރިހާ ތަނެއްހެން އޮތީ ބިމާ ހަމަކޮށް، ހަފުސްކޮށްފައެވެ.

މި ޓެންޓަކީ އަހަރެންގެ މަސައްކަތް ކުރަންވެސް، އަރާމުކޮށްލަންވެސް އޮތް ތަން. އެއީ މައްސަލައަކަށް ވެދާނެ. އެކަމަކު، ދަންވަރު 01 ޖަހާއިރު، ނޫނީ ފަތިހު 05 ޖަހާއިރު ފަރުވާ ހޯދަން އަންނަ މީހެއް ގާތު، އެކަން ކޮށްދެވޭކަށް ނެތޭ ބުނާކަށް އަހަރެން ބޭނުމެއް ނޫން. އެހެންވެ ހަމަ ދަރުމައަށް މަސައްކަތް ކުރަމުން މި ދަނީ، އެހެން މީހުންނަށް އެހީވާން. ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެންނަން، އަހަރެން އަމިއްލައަށް ކަންކަން ކުރަނީ. އަސްލު މިތަނަކީ ޞިއްޙީ ފަރުވާ ދޭން އެކަށީގެންވާ ތަނެއް ނޫން. ނޫނީ، ޞިއްޙި އެހީ ފޯރުކޮށްދޭންވެސް އެކަށޭނަ ތަނެއް ނޫން. އެކަމަކު އަދުގެ ޙާލަތަށް ބަލާއިރު، އަހަރެން ދެން ހަދާނީވެސް ވަކި އެހެން ގޮތެއް؟ ދަތުރުފަތުރުގެ ނިޒާމެއް، ފަރުވާގެ ނިޒާމެއް ނެތް ތަނަކަށް ޕޭޝަންޓުން ފޮނުވައެއް ނުލާނަން އަހަންނެއް. ވީ ވަރަކަށް އެހެން މީހުންނަށް އެހީވަމުން އަހަރެން ދާނީ.
ފިދާ އަލް-ޤުރްޝާލީ؛ ޣައްޒާގައި ދަރުމައަށް މަސައްކަތް ކުރާ ޑޮކްޓަރެއް

 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ޣައްޒާ މިއަދު ނެތޭވެސް ބުނެވިދާނެއެވެ. މުޅި ޢާބާދީއަކީ މިއަދު އަމިއްލަ ފަސްގަނޑުގައި ރެފިއުޖީންގެ ޙާލުގައި ޙަޔާތުގެ ދުވަސްތައް ގަނަމުން ދާ ބައެކެވެ. އިންސާނަކަށް ވީތީ ލިބިދޭ އެންމެ އަސާސީ އަދި ޟަރޫރީ ޙައްޤުތަކުން މަޚްރޫމުކޮށްފައި ވާ ޙާލުގައި، ޣައްޒާގެ ރަށްވެހިންގެ ދިރުއުޅުމުން ފެނިގެން ދަނީ އީމާންތެރިކަމާއި ހެއްދި ފަރާތްތަށް ޝުކުރުވެރިވުމުގައި ހުރި ގަދަފަދަ ބާރެވެ. އިންސާނިއްޔަތުކަމުގެ ހިތްގައިމު އެތައް މިސާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް