ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 06:45
އާޖެންޓީނާ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޓަޕިއާ އަދި އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ
އާޖެންޓީނާ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޓަޕިއާ އަދި އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމު
އާޖެންޓީނާގެ ކޯޗުކަމުގައި ހުންނަން ސްކަލޯނީ އެއްބަސްވެއްޖެ
 
މިއަހަރު އެމެރިކާގައި އޮންނަ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށް އޭނާ އެ ޓީމުގައި ދެމި ހުންނާނެ

އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގައި މަޑުކުރަން ލިއޮނަލް ސްކަލޯނީ އެއްބަސްވެއްޖެ އެވެ.

ދާދި ފަހުން ސްކަލޯނީ ވަނީ އާޖެންޓީނާ ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިވާން އުޅޭ ފަދަ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ވާދަވެރި ބްރެޒިލް ބަލި ކުރި މެޗަށްފަހު ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އާޖެންޓީނާގެ ކޯޗުކަމުގައި ހުންނަން ޖެހޭނީ ވަރަށް ހިތްވަރު އަދި ބުންވަރު ހުރި މީހެއް ކަމަށެވެ. އަންނަ އަހަރު އޮންނަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތަށްފަހު ސްކަލޯނީ ޤައުމީ ކޯޗުކަމުން ވަކިވާނެކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް، އެއީ ސީދާ ވަކި ކޮން ސަބަބެއް ކަމެއް ބުނެފައެއްނުވެ އެވެ.

ސްކަލޯނީގެ ވާހަކަތަކާ ގުޅިގެން އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ކްލައުޑިއޯ ފަބިއަން ޓަޕިއާ ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ. ޓަޕިއާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ސްކަލޯނީ މިހާރު ވަނީ އާޖެންޓީނާގެ ކޯޗުަކަމުގައި ދެމި ހުންނަން އެއްބަސްވެފަ އެވެ. އާޖެންޓީނާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިއަހަރު އެމެރިކާގައި އޮންނަ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށް އޭނާ އެ ޓީމުގައި ދެމި ހުންނާނެ އެވެ. އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަންގެ އިސްވެރިންގެ އިތުރުން، ޤައުމީ ޓީމުގެ ކުޅުންތެރިން ވެސް ބޭނުންވަނީ ސްކަލޯނީ އެ ޓީމުގެ ކޯޗުކަމުގައި ހުންނާށެވެ.

އާޖެންޓީނާގެ ކޯޗުކަމާ އޭނާ ހަވާލުވީ، 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ އަދި ފީފާ ވޯލްޑް ކަޕް އޭނާ ވަނީ އާޖެންޓީނާ އަށް ކާމިޔާބުކޮށްދީފަ އެވެ.

މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި ފަހުން، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ސްކަލޯނީގެ އެއްބަސްވުން އައުކޮށްފަ އެވެ. އޭނާގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް