ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 10:34
ހަނގުރާމަ ފެށީއްސުރެ ކުދިން ފެންނަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އުޅޭތީ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
"ޠާރިޤު ޓީޗަރު" – ދައްކާނެ ބަހަނާތައް ގިނައެއް ކަމަކު އިޚްލާޞްތެރި ޚާދިމެއް!
 
ޠާރިޤުގެ އިނގިރޭސި ކުލާސްތަކުގައި ކިޔެވުމަކީ، މިއަދު އެ ކުދިންނަށް ލިބޭ އެންމެ ބޮޑު އުފާ
 
އެ ހިތްދަތި މާޙައުލުގައި ތާރިޤު ފެށި މަސައްކަތުން، ކުދިންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ އުފާވެރި ކަމެއް ވަނީ ލިބެން ފަށާފައި

ކަމަށް ކަމޭ ހިތައިގެން ވަޒީފާގެ ޒިންމާތައް އަދާ ކުރާ މީހަކު މި ޒަމާނުގައި ފެނުމަކީ ނާދިރު ކަމެކެވެ. ދިރިއުޅުމުގެ ޙާލަތު މަޖުބޫރު ކުރުވައިގެން ވަޒީފާއަށް ދާތީ ވާ ގޮތެއް ކަމަށްވެސް ބައެއް މީހުން ބުނެފާނެއެވެ. ކުލި ދައްކަން ޖެހޭތީ ނޫނީ، ދަރިންގެ ޚަރަދުތައް ކުރަން ޖެހޭތީ ޢާމްދަނީއެއް ހޯދަން ކުރާ ކަމެއްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ މީހުންގެ ޢަދަދު ގިނަ ވުމާއެކު، އިޚްލާސްތެރި ޚިދުމަތްތެރިން ފެނުމަކީ ކާޅަކުން ހުދުފަތެއް ފެނުން ކަހަލަ ކަމެކޭވެސް ބުނެވިދާނެއެވެ.

އުޑު މައްޗަށް ބަނަ ވިލާކޮޅެއް އަރާއިރަށް އޮފީސްތަކުގެ ސަލާމް-ލިސްޓު ފިސާރި ދިގުވެއެވެ. ވަރުގަދަ މެޗެއް އޮތީވިއްޔާ، ޖެހިގެން އަންނަ ދުވަހުގެ ޙާލަކީވެސް ހަމަ އެއީއެވެ. ނަމަވެސް، ނިމޭނެ ދުވަހެއްގެ ކޮޅުމަތިވެސް ފެންނަން ނެތް ވަރުގަދަ ޤަތުލުޢާންމެއްގެ ޝިކާރައަކަށް ވެފައި އޮތް ޣައްޒާގެ ރަށްވެހިންގެ ފަރާތުން ފެނިގެންދަނީ މުޅިން ތަފާތު މިސާލެކެވެ. މުޅި ދުނިޔެއަށްވެސް ލާމަސީލު މިސާލުތަކެކެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތް ނައްތާލާނެ ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ ދިރުން ވަނީ ގެއްލިފައެވެ. ޢުދުވާންތަކާއެކު އޭނާ އަދާ ކުރަމުން ދިޔަ އިނގިރޭސި ޓީޗަރެއްގެ ވަޒީފާ ގެއްލި، ނުވިތާކަށް ގެދޮރުވެސް ގެއްލުނު އެކަކީ ޠާރިޤު އަލް-ނުޢައިމީއެވެ. ނަމަވެސް، އެ ޙާލުގައިވެސް އޭނާ ނިންމީ ކިޔަވައިދިނުމުގެ މަސައްކަތައިގެން ކުރިއަށް ދާށެވެ. ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު، ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުން ދަނީ ޣައްޒާގެ ސްކޫލުތަކުގައި ކަމަށް ވާ އިރު، ޠާރިޤު ދަނީ އެތަނުން ސްކޫލެއްގައި އިނގިރޭސި ފިލާވަޅުތައް ނަގައިދެމުންނެވެ.

ހަނގުރާމައިގެ ކުރިން އަހަރެން އުޅުނީ އަލް-ޒައިތޫން އަވަށުގަ ހުންނަ އަލް-ހުއްރިއްޔާ ސްކޫލުގަ ޓީޗަރަކަށް. އެއީ ޣައްޒާގެ އިރުމަތީ ސިޓީއެއް. އިޒްރޭލުގެ ޢުދުވާންތަކުގަ ސްކޫލު ސުންނާފަތިކޮށްލައިފި. ފޮޓޯތަކާއި ވީޑިއޯތަކުން އެ ފެންނަނީ. އެ ސްކޫލުގަ އަހަރެން ހޭދަ ކުރި 2 އަހަރު ދުވަސް... މުވައްޒަފުންނާއި ދަރިވަރުންނާ އެކީ ހޭދަ ކުރި ހިތްގައިމު ހަނދާންތައްވެސް ފޮހެވިގެން ދިޔަ ކަހަލަ.
ޠާރިޤު އަލް-ނުޢައިމީ؛ ހިލޭ ސާބަހަށް އިނގިރޭސި ކިޔަވައިދޭ ޣައްޒާ ޓީޗަރެއް

ރަފަޙުގައި ހުންނަ އެ ސްކޫލަކީ މިއަދު ޣައްޒާގެ އެތައް ސަތޭކަ ބައެއްގެ ގެދޮރެވެ. ގިނަ ޢަދަދެއްގެ ކުޑަކުދިންވެސް އެތަނުގައި ދިރިއުޅެމުންދެއެވެ. އެކުދިންގެ ކިބައިން ތާރިޤަށް ފެނުނީ ހިތްދަތި ކަމާއި މާޔޫސްކަމެވެ. އެކަން ބަދަލުކޮށް، ސްކޫލަށް އައު ދިރުމެއް ގެނެސްދިނުމުގެ ނިޔަތުގައި ތާރިޤު ތެދުވިއެވެ. އެކަމަކަށް އޭނާ ފަރިތަ، އިނގިރޭސި ޓީޗަރެއްގެ ގޮތުގައެވެ. ޢާއިލާތަކާއެކު ސްކޫލުގައި ދިރިއުޅެމުންދާ ކުދިންނަށް އިނގިރޭސި ކުލާސްތައް ނަގައިދޭން ފެށިއެވެ.

ހަނގުރާމަ ފެށީއްސުރެ އަހަރެމެންގެ ކުދިންކޮޅު ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އުޅޭތީ މި ފެންނަނީ. މޫނުމަތިވެސް ހުންނަނީ މިލާފަ. މުޅި ރަށް ސުންނާފަތިކޮށްފަ އޮތް މަންޒަރު ފެނި ހިތްދަތިވެފަ އެ ތިބެނީ. މީހުން އުޅޭ ޙާލު ފެނި އެކަމާ ހިތާމަކޮށްކޮށް އެ ތިބެނީ. އެހެންވެ ހިތަށް އެރީ، ކުދިންނަށް ކޮންމެވެސް ކަހަލަ އުފަލެއް ހޯދައިދޭންވެއްޖެއޭ. މާޙައުލަށް ކުޑަ ނަމަވެސް ބަދަލެއް ގެނެސްދޭންވެއްޖެއޭ. އެހެންވެ ބައިބަޔަށް ބަހާލައިގެން އެކި ކަހަލަ ކުޅިވަރުތައް ކުޅެން ފެށީ އެންމެ ފުރަތަމަ. ދެން ކުދިންނަށް މި ހުށަހެޅި ޓެންޓުތަކުގަ ކުލާސް ނަގައި ދިނުމުގެ ޚިޔާލު. އެކުދިން ވަރަށް ގަޔާވެއްޖެ އެކަމާ. ކިޔަވާ ހިތްވެސް ޖެހިއްޖެ އިސާހިތަކު.
ޠާރިޤު އަލް-ނުޢައިމީ؛ ހިލޭ ސާބަހަށް އިނގިރޭސި ކިޔަވައިދޭ ޣައްޒާ ޓީޗަރެއް

މީގެ ކުރިން ދަރިވަރުންގެ ސަފުތައް ފެންނަމުން ދިޔަ ސްކޫލު ގޯތި ތެރެއިން މިއަދު ފެންނަނީ ސާފު ބޯފެނާއި ކާބޯތަކެތި ހޯދަން ހަދާފައި ވާ ސަފުތަކެވެ.

ސްކޫލުގަ އުޅުނު ދުވަސްވަރު ކުދިންނަށް ކިޔަވައި ދީ އުޅުނު ގޮތާ މިހާރަށް ހަމަ ޤައިމުވެސް ވަރަށް ތަފާތު. މި ސްކޫލު މިހާރު މިއޮތީ ވަގުތީ ހިޔާވައްސަކަށް ބަދަލު ވެފަ. މިތާ މި އުޅެނީ ގެދޮރު ގެއްލިފަ ތިބި މީހުން. ކުރިން، އަހަރެންގެ ސްކޫލުގަ ފެންނާނީ ސަފު ސަފަށް ދަރިވަރުން އެތުރިލައިގެން ތިބޭ މަންޒަރު. ޓީޗަރުން. އެކަމަކު މިހާރު، ކުލާސްތަކުގަވެސް މި އުޅެނީ ޢާންމު ރަށްވެހިން. ބެލްކަނީ ރެއިލިންގުގައިވެސް އެ ހުންނަނީ އެއްޗެހި ދޮވެ ހިއްކަން އަޅާފަ. ސަފު ހަދައިގެން އެ ތިބެނީ ސާފު ބޯފެން ފޮދަކާއި ކާއެތިކޮޅެއް ލިބޭތޯ.
ޠާރިޤު އަލް-ނުޢައިމީ؛ ހިލޭ ސާބަހަށް އިނގިރޭސި ކިޔަވައިދޭ ޣައްޒާ ޓީޗަރެއް

ސްކޫލުގެ ގޯތި ތެރޭގައި ޖަހާފައި ހުރި ޓެންޓެއްގެ ތެރޭގައި އެ އިނީ ޢުމުރުން އެންމެ 10 އަހަރުގައި ގެދޮރު ގެއްލިފައި ވާ އިސްލާމް ޢަޒީޒްއެވެ. އެ ކުއްޖާގެ ވާހަކަތަކުގައިވެސް ވަނީ މާޔޫސީ ރާގެކެވެ.

ހަނގުރާމަގަނޑު މިހާ ހިސާބަށް ހިނގައިދާނެ ކަމަށް ހީއެއް ނުކުރަން. ހިޔާވަހިކަން ހޯދަން ސްކޫލުތަކަށް ވަންނަން ޖެހޭނެ ކަމަކަށް ހީއެއް ނުކުރަން. އަހަރެމެން ސްކޫލުތަކަށް ދިޔައީ ކިޔަވަން. މިހާރު މިތާ ސަފު މި ހަދަނީ ފެން ހޯދަން. ކާއެއްޗެހި ހޯދަން. މިވަރުން ފުދިއްޖެ. އަހަރެމެން ބޭނުންވަނީ ދާއިމީ ޙައްލެއް. އެއްތަނުން އަނެއް ތަނަށް ބަދަލުވަމުން ދާކަށް ބޭނުމެއް ނޫން. އަހަރެމެންނަކީވެސް އުނގުނުމުގެ ޙައްޤު ލިބިފަ ތިބި ކުދިން. ދުނިޔޭގެ އެހެން ކުދިންނެކޭ އެއްގޮތަށް. އަހަރެމެންވެސް މި ޑިމާންޑް ކުރަނީ އަހަރެމެންގެ ޙައްޤު ހޯދަން. ރަނގަޅަށް ކިޔަވާލެވޭ ސްކޫލަކަށް އަހަރެމެންނަށް ނުދެވޭތާ މިހާރު 81 ދުވަސް މި ވީ. ނުވިތާކަށް މީހަކުވެސް ނުފެނޭ. ޓީޗަރަކުވެސް ނުފެނޭ. އަހަރެމެންނަށް ވާ ވަރު ވެއްޖެ ދެން.
އިސްލާމް ޢަޒީޒް؛ ގެދޮރު ގެއްލިފައިވާ ޣައްޒާ ކުއްޖެއް

އެ ހިތްދަތި މާޙައުލުގައި ތާރިޤު ފެށި މަސައްކަތުން، ކުދިންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ އުފާވެރި ކަމެއް ވަނީ ލިބެން ފަށާފައެވެ. ޠާރިޤުގެ އިނގިރޭސި ކުލާސްތަކުގައި ކިޔެވުމަކީ، މިއަދު އެ ކުދިންނަށް ލިބޭ އެންމެ ބޮޑު އުފާ ކަމުގައިވެސް ދެންނެވިދާނެއެވެ. މި ހުރިހާ ކަމެއްވެސް ޠާރިޤު ކުރަނީ ހަމަ ހިލޭ ސާބަހަށެވެ. މިއަދު އެއީ އެތައް ކުދިންނެއްގެ ހިތްތަކުން ޚާއްޞަ ޤަދަރަކާއި ލޯތްބެއް ދެވިފައި ވާ "ޠާރިޤު ޓީޗަރެވެ".

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް