ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 10:22
ރަފަޙުގައި ހިންގާ އަބޫ ޔޫސފް އަލް ނައްޖާރު ހޮސްޕިޓަލަށް ނަސީމު ގެނެސްދިނީ އޭނާގެ އަވަށްޓެރިއެއް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ޢާއިލާއާ ދުރުގަ، ޑައެލަސިސް ހަދަމުން އަންނަ 10 އަހަރުގެ ނަސީމުގެ ވާހަކަ އަޑުއަހާނެ ހިތްވަރު އެބަ ހުރިތަ؟
 
ހަފުތާއެއްގެ 4 ދުވަހު، ދުވާލަކު 4 ގަޑިއިރަށް ޑައެލަސިސް ހެދުމުގެ ބަދަލުގަ، މިހާރު ލިބެނީ ހަފުތާއަކު 2 ދުވަހު، ދުވާލަކު އެންމެ 2 ގަޑިއިރަށް އެ ފުރުޞަތު
 
ނަސީމުގެ ބައްޕަ ހައްޔަރު ކޮށްފައި ވަނީ އިޒްރޭލު އަސްކަރިއްޔާގެ ޗެކްޕޮއިންޓަކުން، މިހާރު އޭނާ ވަނީ އާއިލާ އާއި ދެތަންވެފައި

ނަސީމު މަހްރާއަކީ ޢުމުރުން އެންމެ 10 އަހަރުގެ ކިޑްނީ ޕޭޝަންޓްއެކެވެ. މިހާރުވެސް ޑައެލަސިސް ހަދަމުން އަންނަ ނަސީމްގެ ދިރިއުޅުމުގައި އޭނާއަށް އުފުލަންޖެހިފައި އޮތް ހަމަ އެކަނި ހިތްދަތި ކަމަކީ އެއީއެއް ނޫނެވެ. ނަސީމު ނިސްބަތް ވަނީ، ނިރުބަވެރި އިޒްރޭލުގެ މުށްދަށުލާފައި އޮތް ޣައްޒާއަށެވެ. މިހެން ބުންޏަސް، އެ ހިތުގައި އަޅާ ވޭން އެހެން މީހަކަށް ވަޒަނެއް ނުކުރެވޭނެއެވެ. ކުއްލި ގޮތަކަށް ޑައެލަސިސް ހަދަން ޖެހިގެން ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް ނަސީމު ގޮވައިގެން ކުރި ދަތުރު މަތީގައި، ޔަހޫދީ އަސްކަރިއްޔާއިން ވަނީ ނަސީމުގެ ބައްޕަ ހައްޔަރު ކޮށްފައެވެ. އޭނާގެ ޢާއިލާއާ އަލުން ބައްދަލު ވެދާނެ ކަމުގެ އުންމީދެއް މިއަދު އެ ކުޑަކުޑަ ނަސީމުގެ ހިތަކު ނެތެވެ.

ރަފަޙުގައި ހިންގާ އަބޫ ޔޫސފް އަލް ނައްޖާރު ހޮސްޕިޓަލަށް ނަސީމު ގެނެސްދިނީ އޭނާގެ އަވަށްޓެރިއެކެވެ. ނަސީމުއަކީ ޤަވައިދުން ޑައެލަސިސް ހަދަން މަޖުބޫރުވެފައިވާ ކުއްޖެކެވެ. އެޔެއް މިއެއް ބެލުމެއް ނެތި ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ނަސީމު ވަނީ އޭނާގެ ޢާއިލާގެ އެހެން މެންބަރުންނާ ދެތަން ވެފައެވެ. ނަސީމުގެ ދުލުން ބޭރުވި ބަސްތަކަކީ އެ އަޑު އަހަން ބޮޑު މީހެއްގެ ހިތަށްވެސް ކުޅަދާނަ ވާނެ ފަދަ ބަސްތަކެއް ނޫނެވެ.

ކޮންމެ ދުވަހަކުވެސް އަހަރެން އެބަ މިތަނަށް އަންނަން ފަރުވާއަށް. ޢާއިލާ މެންބަރުންނާ، ތިމާގެ މީހުންނާ، އެއްބަނޑު އެއްބަފާ ކުދިންނާ ބައްދަލު ނުވެ މަރުވެދާނެތީ ވަރަށް ބިރުގަނޭ.
ނަސީމު މަހްރާ؛ ޢުމުރުން 10 އަހަރުގެ ޑައެލަސިސް ޕޭޝަންޓެއް

ހޮސްޕިޓަލާ ހިސާބަށް ނަސީމު ގެނެސްދިން އަވަށްޓެރިޔާ، އާދިލް ހަނިއްޔާ ކިޔައިދިން ގޮތުގައި އޭނާވެސް އޭރު ދިޔައީ ދަރިންކޮޅު ގޮވައިގެން ޣައްޒާގެ ދެކުނަށް ދަތުރު ކުރަމުންނެވެ. ނަސީމު ފެނި، އޭނާގެ ކަންކަން ބަލެހެއްޓުމާ ޙަވާލުވާން އެ ޢާއިލާއިން އެއްބަސްވުމަކަށް އައެވެ. ނަސީމުގެ ބައްޕަ ހައްޔަރު ކޮށްފައި ވަނީ އިޒްރޭލު އަސްކަރިއްޔާގެ ޗެކްޕޮއިންޓަކުންނެވެ.

އިޒްރޭލު ސިފައިން ބުނީ އަހަރެމެން ގާތު އިށީންނާށޭ. ދެން ބުނީ އަނެއްކާވެސް ތެދުވާށޭ. އެމީހުން އަހަރެމެން ލައްވާ ހިންގުވީ. އަހަރެމެން ވަރަށް ވަރުބަލިވި. ބައްޕަ ހައްޔަރު ކުރީ އޭގެ ފަހުން. އަހަރެން މިތަނަށް ގެނެސްދިނީ އަވަށްޓެރިއެއް. ގެނެސް ޙަވާލު ކުރީވެސް އަވަށްޓެރި ޢާއިލާއާ.
ނަސީމު މަހްރާ؛ ޢުމުރުން 10 އަހަރުގެ ޑައެލަސިސް ޕޭޝަންޓެއް

ރެޑް ކްރެސެންޓްގެ ފަލަސްޠީނު ގޮފިން ޚަބަރު ދޭ ގޮތުގައި ޣައްޒާގެ މައި މަގުތައް މިހާރު ވަނީ، އިޒްރޭލުގެ ޢުދުވާންތަކުގައި މުޅިންހެން ސުންނާފަތިވެފައެވެ. އެމްބިއުލާންސްތަކާއި، ކުއްލި ނުރައްކަލުގެ ޙާލަތުގައި އޮޕަރޭޓް ކުރާ އެހެން އުޅަނދުތަކަށްވެސް އެ ސަރަޙައްދުތަކުން މިހާރު ދަތުރު ނުކުރެވެއޭވެސް ދެންނެވިދާނެއެވެ. ވައްޓާލާފައިވާ ބައެއް ޢިމާރާތްތަކާއި ސުންނާފަތިކޮށްފައި ވާ ބައެއް އަވަށްތަކާ ހިސާބަށް ކައިރިވެސްވެވެން ނެތެވެ. ނަސީމު ފަރުވާ ހޯދަމުން ދާ ހޮސްޕިޓަލުގެ ޙާލަތުވެސް ވަކި ރަނގަޅެއް ނޫނެވެ.

ހަފުތާއެއްގެ 4 ދުވަހު، ދުވާލަކު 4 ގަޑިއިރަށް ޑައެލަސިސް ހެދުމުގެ ބަދަލުގަ، މިހާރު މި ލިބެނީ ހަފުތާއަކު 2 ދުވަހު، ދުވާލަކު އެންމެ 2 ގަޑިއިރަށް އެ ފުރުޞަތު. އަހަރެން ބޭނުން ވަނީ މި ހަނގުރާމަ ނިމެން. އޭރުން އަމިއްލަ ގެއަށް ދެވޭނެ. ގޮސް، ކުރިންވެސް އުޅުނު ގޮތަށް ދިރިއުޅެވޭނެ. އެހެން ކުދިންހެން ކުޅެލާ، ދުވެލާ ހަދާފަ އަހަންނަކަށް ނުއުޅެވޭ.
ނަސީމު މަހްރާ؛ ޢުމުރުން 10 އަހަރުގެ ޑައެލަސިސް ޕޭޝަންޓެއް

ތެލުގެ ދަތިކަން ކުރިމަތިވެ، ކަރަންޓު މައްސަލަ ޖެހޭ ކަމަށާއި، އެކަށީގެންވާ ގޮތެއްގައި ފަރުވާ ދޭނެ ޞިއްޙީ ޢާލާތްތައްވެސް ނެތް ކަމުގެ ޝަކުވާ، އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ކުރެއެވެ.

އަހަރެމެންގެ ހުންނަނީ ޑައެލަސިސް ޚިދުމަތް ދެވޭ 17 އެނދު. 17 އެނދުން ޚިދުމަތް ދެމުން އައި 120 މީހުންނަށް. މިހާރު މި އެނދުތައް ބޭނުން ކުރާ ޕޭޝަންޓުންގެ ޢަދަދު އަރާ 350އަށް. ކަން ދިމާވެފަ އޮތް ގޮތުން މެޝިންތަކުގަވެސް ކޮންމެ ދުވަހަކު މައްސަލަ ޖެހޭ، ހުއްޓުމެއްނެތި ބޭނުން ކުރާތީ. ކޮންމެ ޕޭޝަންޓަކަށްވެސް ޑައެލަސިސް ފަރުވާ ދޭ ވަގުތު އަހަރެމެން ވާނީ މަދުކޮށްފަ. ދުވަސްވެސް މަދުކޮށްފަ. އެއީ ޕޭޝަންޓުންގެ ޢަދަދު އިތުރުވީމަ. އަހަރެމެންނަށް އެބަ ބުނަންޖެހޭ ޕޭޝަންޓުން ގާތުގަ، މެންދަމުން އަލިވެ 2 ޖަހާއިރު މިކޮޅުގަ ހުންނަން. 7 ގަޑިއިރު ކިއުގަ ހުރެގެން އެންމެ 2 ގަޑިއިރަށް ޑައެލަސިސް މި ހަދާލެވެނީ. މީ ވަރަށް ދެރަ ގޮތެއް. މި ޕޭޝަންޓުންނަކީ ދިފާޢީ ނިޒާމު ބަލިކަށި ބައެއް. ކިޑްނީ މަސައްކަތް ނުކުރާތީ. ހަށިގަނޑުގެ އެހެން ގުނަވަންތައްވެސް ޟައީފު ބައެއް. ޙާލަތު ހުރި ގޮތުން ކޮންމެ ދުވަހަކުވެސް އަހަރެމެންނާ ޕޭޝަންޓުންތަކެއް ވަކިވެގެން އެބަ ދޭ. ހަމަ ކޮންމެ ދުވަހަކުހެން އެބަ ވަކިވޭ. މިސާލަކަށް މިއަދުވެސް، ގެދޮރު ގެއްލުނު ޕޭޝަންޓުންގެ ތެރެއިން މިކޮޅުން ޚިދުމަތް ހޯދަމުން ދިޔަ 2 މީހެއްގެ މަރު ޚަބަރު ލިބިއްޖެ. މިއީ ބަޔާންކޮށްދޭ ދަތި އިޙްސާސްތަކެއް. ﷲގެ އިރާދަފުޅުން މި ކަންތައް ނިމި، ޙާލަތު ރަނގަޅުވުން އުންމީދަކީ.
ޑރ އީހާބު މަޝީރު؛ އަބޫ ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލުގެ ޑައެލަސިސް ޑިޕަރޓްމަންޓްގެ އިސްވެރިޔާ

ޞިއްޙީ ޚިދުމަތްތެރިންނަށް މަސައްކަތް ކުރަން ޖެހިފައި އޮތް މާޙައުލަކީ، އެފަދަ ކަމަކަށް އެންމެ އެކަށީގެންވާ ވަރަށް ވުރެ ތަކުލީފު ބޮޑު ވެއްޓެކެވެ. މުޅި ޣައްޒާ އެއްކޮށްގެން ދެކުނުގެ ސަރަޙައްދުތަކަށް ބަދަލުވެފައި ވާ އިރު، ޕޭޝަންޓުންގެ ޢަދަދުވެސް އިތުރު ވެފައި ވަނީ އިންތިހާއަށެވެ. ކޮންމެ ދުވަހަކުވެސް ކެޕޭސިޓީއަށް ނުކަތާ ވަރަށް ޑައެލިސިސް މެޝިންތައް ބޭނުން ކުރަން ޖެހިފައި އޮތުމުގެ ސަބަބުން، މެޝިންތަކުގައިވެސް ވަނީ މައްސަލަ ޖެހެން ފަށާފައެވެ. ކަން މިހެން އޮތް އިރު، ނަސީމުގެ ޙާލުވެސް ގޯހެވެ.

އަހަރެމެންނަކީ އުތުރުން ޔަހޫދީން ނެރެލި ބައެއް. މިކޮޅަށް އަހަރެން އައީ ދަރިންކޮޅު ގޮވައިގެން. އަސްކަރީ ޗެކްޕޮއިންޓް ހުރަސް ކުރިއިރު ސިއްސައިގެން ދިޔައީ. މި ކުއްޖާ އަހަރެމެންނާ ހިސާބަށް ގެނައިމަ. އަސްކަރިއްޔާއިން ނަސީމުގެ ބައްޕަ ހައްޔަރު ކުރީ. މީހުން ދިޔައީ ނަސީމުގެ ޢާއިލާ މެންބަރެއް ފެނޭތޯ ބަލަމުން. އަހަރެން ބުނިން އަހަރެން ތިކުއްޖާ ދަންނަމޭ، ކިޔާފަ ނަސީމާ ޙަވާލުވީ. ނަސީމުގެ ޙާލު ވަރަށް ދެރަ. ނަސީމަށް ބޭނުންވޭ ޚާއްޞަ ކާބޯތަކެތި. އޭނާގެ ޙާލު ވަރަށް ދެރަ. އަހަރެމެން ނިދަނީ މިސްކިތެއްގަ. މިކޮޅަށް މި އަންނަނީ ހިމާރު ގާޑިޔާގަ. މިކޮޅަށް އާދެވޭ އިރު ބޮޑު ކިއުއެއް އޮވޭ. ބައެއް ފަހަރު ހަވީރު، ނޫނީ ރޭގަނޑު ވަންދެންވެސް އެބަ މަޑު ކުރަން ޖެހޭ... އަހަރެމެންނަށް ފުރުޞަތު ލިބެންދެން. މީގެ ކުރިން، ރަންތިސީ ހޮސްޕިޓަލުގަ ނަސީމަށް ފަރުވާ ދޭ 4 ގަޑިއިރު ވަންދެން. އެކަމަކު، މިހާރު އެ ފަކީރަށް ލިބެނީ އެންމެ 2 ގަޑިއިރު. އެވަރަކުން ނުފުދޭ.
އާދިލް ހަނިއްޔާ؛ ނަސީމު މަހްރާގެ އަވަށްޓެރިޔާ

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާއަތަށް ނިމުން ގެންނާނެ ކަމަށް ބުނެ ޔަހޫދީން ޤަތުލުޢާންމު ފެށި އޮކްޓޯބަރ 7 ވަނަ ދުވަހުއެވެ. ޢުދުވާންތަކަށް 3 މަސް ވާން ގާތްވެފައި ވާ އިރު، ޣައްޒާއިން މަރުވި މީހުންގެ ރަސްމީ ރެކޯޑްތައް އުޅެނީ 20000 އަށް ވުރެ މަތީގައެވެ. އެއީ ކާކުކަން ކަށަވަރު ވެފައިވާ މީހުން އެކަންޏެވެ. ބިމާހަމަކޮށްފައި ވާ ޢިމާރާތްތަކުގެ ދަށުވެ މަރުވެފައިވެސް އަދި އެތައް ހާސް ބަޔަކު ވާނެ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. ޒަޚަމްވީ މީހުންގެ ޢަދަދު ބައި ލައްކައަށް ވުރެ މައްޗަށް އަރައެވެ. އެއް ރެއަށް ވުރެ އަނެއް ރޭގެ ޙަމަލާތައް ވަރުގަދަ ކުރަމުން ދާއިރު، ޢުދުވާންތަކުގައި މަރުވި މީހުންނާއި ޒަޚަމްވީ މީހުންގެ 70 ޕަސެންޓަށް ވުރެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީގެ 90 ޕަސެންޓް މީހުންނަކީ މިއަދު ގެދޮރު ނެތް މީހުންނެވެ. އާބާދީގެ 2 ބައިކުޅަ 1 ބައި މީހުން ތިބީ ބަނޑަށްޖެހިފައެވެ. މުޅި ޣައްޒާގައި އެކި ކަހަލަތައް ބަލުތައްވެސް ހަލުވި ދުވެލީގައި ދަނީ ފެތުރެމުންނެވެ. ނަމަވެސް ހޮސްޕިޓަލުތައްވެސް ހަފުސްކޮށް، ޛަރޫރީ ޚިދުމަތްތަކުން ޣައްޒާ މަހުރޫމުކޮށްފައި އޮތުމުގެ ސަބަބުން، ބަލިވާ މީހުންނަށްވެސް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެވޭކަށް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް