ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 09:29
ސާފު ފެނުގެ ސަޕްލައި ލިބުނެއް ކަމަކު، ޣައްޒާގެ އެކި ހިސާބުތަކަށް، ރައްކާތެރި ކަމާއެކު އެ ފެން ފޮދު ފޯރުކޮށްދެވޭނެ ޢުމްރާނީ ތަނަވަސްކަމެއް މިއަދު ޣައްޒާގައި ނެތް
ޣައްޒާ އަށް ސާފު ބޯފެން ލިބުން
"ފޮނިފޮނި ހަކުރު ފަދަ" މީރު ފެންފޮދެއް ޣައްޒާގެ ރަށްވެހިންނަށް
 
ޣައްޒާއާއި މިޞްރު ހިއްސާ ކުރާ ރަފަޙު ބޯޑަރުގެ މިޞްރާ ވީ ފަޅީގައި އެ ޕްލާންޓްތައް އަޅައިދިނީ ޔޫއޭއީއިން
 
ޣައްޒާއަށް މިހާރު ސާފު ބޯފެން ފޯރުކޮށްދެމުން ދަނީ ލޮނު ފެން ސާފު ކުރާ 3 ޕްލާންޓަކުން

އެއީ މީގެ 75 ވަރަކަށް ދުވަސް ކުރިއެވެ. އޯގަސްޓް މަހުން 7 ވީ ހޮނިހިރު ދުވަހެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ، އިޒްރޭލުގެ ނިރުބަވެރިން ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފަށާ، އަސާސީ އަދި ޛަރޫރީ ހުރިހާ ޙައްޤުތަކާއި ޚިދުމަތްތަކުން ޣައްޒާގެ 2.3 މިލިއަން މީހުން މަހުރޫމު ކުރިއެވެ. އެންމެ ކުޑަ މިނުން، ސާފު ބޯފެން ފޮދެއްވެސް ނުލިބޭ ޙާލު ޖެއްސިއެވެ.

އެމެރިކާގެ އައްޑަނައިގެ ނިވަލުގައި އޮވެގެން ހިތު  ހުރި ގޮތަކަށް އިންސާނުންތަކެއް ޤަތުލު ކުރަމުން ދާ ޔަހޫދީ އިޒްރޭލާ ދެކޮޅަށް މިހާރު ބައެއް ޤައުމުތަކުން ދަނީ މަޑުމަޑުން ތެދުވަމުންނެވެ. ޣައްޒާއަށް ބޭނުންވާ އެހީގެ ސަޕްލައި ފޯރުކޮށްދިނުމާއި އެނޫންވެސް ގޮތް ގޮތުން އިޒްރޭލަށް ގޮންޖަހަން ފަށައިފިއެވެ. މިއާއެކު، ޣައްޒާގެ ރަށްވެހިންނަށް ހިސާބެއްގެ ހިތްހަމަޖެހުމެއްވެސް ވަނީ ލިބެން ފަށާފައެވެ.

މިޞްރުގައި ހިންގާ ލޮނުފެނުން ސާފު ފެން އުފައްދާ މަޝްރޫޢެއް މެދުވެރިކޮށް ޣައްޒާއަށް މިހާރު ކޮންމެވެސް ވަރަކަށް ސާފު ބޯފެން ލިބޭ ގޮތް ވަނީ ހަދާފައެވެ. ޣައްޒާގެ ރަށްވެއްސެއް ކަމަށް ވާ ޒަކީ އަބޫ ސުލައިމާ ސިފަކޮށްދިން ގޮތުގައި އެއީ "ފޮނިފޮނި ހަކުރު" ފަދަ މީރު ފެންފޮދެކެވެ. އިޒްރޭލުގެ ޢުދުވާންތައް ފެށުމާއެކު މުޅި ޣައްޒާއިން ސާފު ބޯފެނުގެ ސަޕްލައި ކަނޑާލިއެވެ. އެއާއެކު ޣައްޒާގެ ރަށްވެހިންނަށް މަޖުބޫރުވީ ތަޣައްޔަރު ވެފައިވާ ނުތާހިރު ފެން ބޭނުން ކުރާށެވެ. އެވަރުންވެސް ފުދެން ނެތިގެން މޫދު ލޮނުވެސް ބޯންވެސް މަޖުބޫރުވިއެވެ.

ހަމަ އަސްލުވެސް އަހަރެމެން ވަރަށް ޙާލުގަ މި އުޅެނީ. ޓޭންކުތަކަށް ފެން މި އަޅަނީ މޫދުން ލޮނު ގެނެސްގެން. އެއާ އަޅާ ބަލާއިރު މި ފެންފޮދު ވަރަށް ރަނގަޅު. އަހަރެމެންނަށް ބޯލަން ކެރޭ. މިދިޔަ ދުވަސްތަކުގަ އަހަރެމެން މޫދުން ލޮނުފެން ގެނެސް، އަވީގަ އެ މި ބަހައްޓަނީ. މި ފެންފޮދުގަ ލަނީ ފޮނިފޮނި ހަކުރު ފަދަ މީރު ރަހައެއް. ބޯލަން ކެރޭ. ހިނގާ ފެން ފޮދެއް ބޯލަމާ... މީ ފިލްޓަރުކޮށްފަ ހުރި ފެން. އަހަރެމެން ގަނެ އުޅޭ ފެން ކަހަލަ ފެން މީ.
ޒަކީ އަބޫ ސުލައިމާ؛ ރަފަޙުގެ ރަށްވެއްސެއް

ޣައްޒާއަށް މިހާރު ސާފު ބޯފެން ފޯރުކޮށްދެމުން ދަނީ ލޮނު ފެން ސާފު ކުރާ 3 ޕްލާންޓަކުންނެވެ. ޣައްޒާއާއި މިޞްރު ހިއްސާ ކުރާ ރަފަޙު ބޯޑަރުގެ މިޞްރާ ވީ ފަޅީގައި އެ ޕްލާންޓްތައް އަޅައިދިނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އިންނެވެ. ފެން ޕްލާންޓުތަކުން ސާފު ފެން ސަޕްލައި ކުރަން ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ. މިއީ ޣައްޒާއަށް ކުރިމަތިލާން ޖެހިފައިވާ އިންސާނީ ކާރިޘާތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައި ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރި ކަމެކެވެ.

ޣައްޒާ މި ވަގުތު އޮތީ ސާފު ފެންފޮދަކަށް އިންތިހާއަށް ބޭނުން ޖެހިފައެވެ. ނަމަވެސް އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ އޮތީ ސުންނާފަތިވެ، ހަފުސްވެފައެވެ. ސާފު ފެނުގެ ސަޕްލައި ލިބުނެއް ކަމަކު، ޣައްޒާގެ އެކި ހިސާބުތަކަށް، ރައްކާތެރި ކަމާއެކު އެ ފެން ފޮދު ފޯރުކޮށްދެވޭނެ ޢުމްރާނީ ތަނަވަސްކަމެއް މިއަދު ޣައްޒާގައި ނެތެވެ. ރަފަޙުން ބޭރަށް ފެން ގެންދިއުމަކީ ތަކުލީފެކެވެ. ވީ އިރު ޢިމާރާތްތަކުގެ މަތީގައި ހުންނަ ފެން ތާގިތަކަށް ފެން ސަޕްލައި ކޮށްދެވޭނީވެސް ވަކި ކިހިނެއް ހެއްޔެވެ؟

މައްސަލައަކީ ޢިމާރާތްތަކުގެ މައްޗަށް ފެން ޕަމްޕު ނުކުރެވޭކަން. އެކަމަށް ކަރަންޓު ބޭނުންވާނެތާ. އުންމީދަކީ އެމީހުންގެ ފަރާތުން އަހަރެމެންނަށް ކަރަންޓުގެ ސަޕްލައިވެސް ލިބުން. އޭރުން އަހަރެމެންގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ރަނގަޅުވާނެ. އޭރުން މައްޗަށްވެސް ފެން ޕަމްޕު ކޮށްލެވޭނެ. މިހާރު މި ޖެހެނީ ބާލިދީތަކުގައި ފެން އުފުލަން މައްޗަށް.
ޒަކީ އަބޫ ސުލައިމާ؛ ރަފަޙުގެ ރަށްވެއްސެއް

ޣައްޒާއިން ބޭރުން އެ ސިޓީއަށް ފޯރުކޮށްދޭ ކަރަންޓު ސަޕްލައިވެސް އިޒްރޭލުން ވަނީ އޮކްޓޯބަރ 7 ވަނަ ދުވަހު ހުއްޓުވާފައެވެ. ޣައްޒާއަށް ތެޔޮ ފޮދެއްވެސް އެތެރެ ނުކުރެވޭ ގޮތް ހެދިއެވެ. ނަތީޖާއަކަށް ވީ ޣައްޒާ ތެރޭގައި ހިންގާ ޖަނަރޭޓަރުތައްވެސް ހުއްޓުމަކަށް އައުމެވެ.

ރަފަޙުއަކީ އިޒްރޭލުގެ ޢުދުވާންތަކުން ދިފާޢުވުމަށް ޢާންމުން ޖަމާވުމަށް ޚުދު ޔަހޫދީން އަންގާފައި އޮތް ސަރަޙައްދެވެ. ނަމަވެސް އެއީ ވަކި ރަނގަޅަށް އޮތް ސަރަޙައްދެއް ނޫނެވެ. ކާބޯތަކެއްޗާއި ސާފު ފެން ލިބުން އެހާމެ ދަތިވެ، އެތައް ބައެއްގެ ހަށިގަނޑުން ބަރުދަން ލުއިވެ، ބަލިތައް ތަޙައްމަލު ކުރަން ވަނީ ފަށާފައެވެ.

ރަފަޙުގައި ހުރި ފެން ތާނގެއްގެ ކައިރީގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ޖަމާވެގެން ތިއްބެވެ. ކޮންމެ ކުއްޖަކުވެސް، އެ ކުއްޖަކަށް ފުރުޞަތު ލިބުމާއެކު އަތް ގޮއްޓެއްގެ ފެން ކޯވަރެއް ބޯލައެވެ. މިއީ މިދިޔަ ހަފުތާތަކުގައި ވަރަށް މަދުން ނޫނީ ފެނިފައި ނުވާ މަންޒަރެކެވެ.

ބޯނެ ފެން ފޮދެއް ހޯދަން ނުދެވޭ ކުދިންނާ މެދު އަހަރެމެން ވަރަށް ކަންބޮޑުވޭ. ޚަބަރު ފެނުނު، ދަރިފުޅަށް ކިރު ތައްޓެއް ހަދައިދޭން ވެގެން އުޅުނު އަންހެނަކަށް ފެން ފޮދެއް ނުލިބިގެން އާދޭސް ކުރި މަންޒަރު. އަހަރެމެންގެ އުންމީދަކީ، ޣައްޒާގެ އުތުރުން ދެކުނަށް ފެތުރިފައިވާ ހުރިހާ އާބާދެއްގެ މީހުންނަށް ފެނާއި، ދިރިއުޅުމުގެ ޛަރޫރީ ކަންކަމަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ވުން... މި ފެން ފޮދުގެ ސަޕްލައި ލިބުމުގެ ކުރިން، އަހަރެމެންނަށް ފެން ލިބެމުން ދިޔައީ ކޮންމެ 10 ދުވަހަކުން ނޫނީ 15 ދުވަހަކުން. އެއީވެސް އަދި ވަރަށް ލޮނު ރަހަ ގަދަ ފެނެއް. ޢިމާރާތްތަކުގެ މައްޗަށް ޕަމްޕެއްވެސް ނުކުރެވޭ. މިއަދު މިޞްރުގެ އަޚުންގެ ފަރާތުން އަހަރެމެންނަށް އެބަ ފެން ލިބޭ. އަހަރެމެންގެ ތަކުލީފުތަކަށް ހިސާބެއްގެ ލުޔެއް ލިބިއްޖެ. ރަނގަޅު ފެން ފޮދެއް ލިބިއްޖެ. ބޯލަން ކެރޭ ކަހަލަ ފެން ފޮދެއް ލިބިއްޖެ.
ޒަކީ އަބޫ ސުލައިމާ؛ ރަފަޙުގެ ރަށްވެއްސެއް

ޖަބަލިއާގެ ފެނާއި ނަރުދަމާގެ ކަންކަމާ ބެހޭ ޑިރެކްޓަރޭޓްގެ ވެރިޔާ، މުހައްމަދު ޞުބްޙީ ރިޔާލާ ވިދާޅުވީ އެތައް ހާސް ބަޔަކު ރަފަޙަށް ބަދަލުވުމާއެކު، މިފެންވަޅުތައް އޮޕަރޭޓް ކުރަން އިތުރު ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ސަބަބަކީ، ފެންވަޅުތައް އޮޕަރޭޓް ކުރާނެ ތެލުގެ ސަޕްލައި އެކަށީގެންވާ މިންވަރަކަށް ނެތުމެވެ.

މިޞްރުގައި ހުރި ފެން ޕްލާންޓުތަކުން ޣައްޒާއަށް ފެން ސަޕްލައި ކުރަމުން ދަނީ 900 މީޓަރުގެ ހޮޅިއަކުންނެވެ. އެ ޕްލާންޓްތަކުން ދުވާލެއްގެ މައްޗަށް 6 ލައްކަ ގެލަނުގެ ފެން ސާފު ކުރެވޭ ޕްލާންޓްތަކެވެ. އެއީ ގާތްގަނޑަކަށް 3 ލައްކައެއްހާ މީހުންނަށް ބޭނުން ވާ ފެނުގެ ސަޕްލައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް