ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 11:20
ބިންހެލުމުގައި ގިނަ ގެތަކެއް ހަލާކުވެފައިވާއިރު، ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން
ބިންހެލުމުގައި ގިނަ ގެތަކެއް ހަލާކުވެފައިވާއިރު، ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން
ޒިންހުއާ
ޗައިނާއަށް އައި ބިންހެލުން
ޗައިނާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 127ށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
 
ގަންސޫގައި 113 މީހުން އަދި ކިންގްހައިގައި 14 މީހުން މަރުވެފައިވާއިރު މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި

ޗައިނާގެ ގަންސޫ ޕްރޮވިންސާއި ނެއިގޯރިން ކިންގްހައި އަށް އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 127 އަށް އަރައިފިއެވެ.

ގަންސޫގައި 113 މީހުން އަދި ކިންގްހައިގައި 14 މީހުން މަރުވެފައިވާއިރު މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އަންގާރަ ދުވަހުއައި މި ބިންހެލުމުގައި ގަންސޫގެ 155،393 ގެއަކަށް ގެއްލުންވެފައިވާ ކަމަށް، ބިންހެލުމުގެ ރިލީފް ޕްރޮވިންސް ހެޑްކުއާޓާސްއާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޗައިނާ އާކްވޭކް ނެޓްވޯކް ސެންޓަރުން ބުނީ ބިންހެލުން އައިސްފައިވަނީ ހޯމަ ދުވަހުގެރޭ 11:59 ހާއިރު ކަމަށެވެ.

މި ބިންހެލުމާ ގުޅިގެން ޗައިނާއިން ވަނީ ނޭޝަނަލް ޑިޒާސްޓަރ ރިލީފް އިމަރޖެންސީ ރެސްޕޮންސް ލެވެލް 2 އަށް އަޕްގްރޭޑްކޮށްފައެވެ.

ސެންޓްރަލް އެންޓަޕްރައިސަސްގެ ކައިރި ސަރަހައްދުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުން 736 މީހުން ސަލާމަތްކުރުމުގެ އިތުރުން ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދަށް އަލިފާން ނިއްވާ 2،042 މީހުން ފޮނުވާފައިވާ ކަމަށް އިމަޖެންސީ މެނޭޖްމަންޓުން ބުނެއެވެ.

ރެއާ ހަމައަށް 74 މީހަކު ވަނީ ސަލާމަތްކޮށްފައިވާއިރު، އަންގާރަ ދުވަހު 4،298 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، 15.3 މިލިއަން ޔުއާން (ގާތްގަނޑަކަށް 2.16 މިލިއަން ޑޮލަރު) ގެ މުދާ ސަލާމަތްކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތތަކުން ބުންޏެވެ.

ޗައިނާގެ މޫސުމާ ބެހޭ މިނިސްޓްރީން ބުނީ ޙާލުގައި ޖެހުނު މީހުންނަށް ދިނުމަށްޓަކައި އިތުރު ރިލީފް ސާމާނު ވެސް ދަނީ ލިބެމުންކަމަށާއި ތިންވަނަ ބެޗްގެ ރިލީފް ސާމާނުގެ ތެރޭގައި 2،000 ކޮޓަން ޓެންޓާއި، 5،000 ރޯލްއަވޭ އެނދާއި، 5،000 އޯވަކޯޓާއި 10،000 ކުއިލްޓް ހިމެނޭ ކަމަށެވެ.

އަންގާރަ ދުވަހުވެސް ވަނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންގެ އަސާސީ ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން ގަންސޫ އާއި އަވަށްޓެރި ކިންގްހައި ޕްރޮވިންސަށް 133،500 ރިލީފް ސާމާނު ފޮނުވާފައެވެ.

އަންގާރަ ދުވަހުގެ ހަވީރު 7:00 އާ ހަމައަށް، ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ސަރަހައްދުތައް ގުޅާލާ ހުރިހާ ރޫރަލް ހައިވޭއެއްގައި ވަނީ ޓްރެފިކް އަލުން ފަށައިފައެވެ. އެގައުމުގެ ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

ގަންސޫ އާއި ކިންގްހައިގެ ހުރިހާ އެކްސްޕްރެސްވޭއެއްގެ އިތުރުން ގައުމީ އަދި ޕްރޮވިންޝަލް ޓްރަންކް ރޯޑްތައް ވެސް އޮމާންކަމާއެކު ކުރިއަށްދާ ކަމަށާއި ކާރިސާގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ރިލީފް މުވައްޒަފުންނާއި ސަޕްލައި އަދި ވެހިކަލްތަކަށް ހުއްޓުމެއް ނެތި ދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އަދި ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ކަރަންޓު ދިނުމަށް ވެސް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ނޭޝަނަލް އެނާޖީ އެޑްމިނިސްޓްރޭޝަނުން ބުނީ އެ ކައުންޓީ އޮންނަ ލިންޝިއާ ހުއި އޮޓޮނޮމަސް ޕްރިފެކްޗާގައި ކަރަންޓު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރޭ ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް