ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 15:45
19 ރަށެއްގެ ކަރަންޓްވިއުގަ އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
19 ރަށެއްގެ ކަރަންޓްވިއުގަ އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
އެންވަޔަރަމެންޓް މިނިސްޓްރީ
19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުން
19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަން އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި
މި މަޝްރުއު ކުރިއަށްގެންދާނީ ތިން ލޮޓަކަށް ބަހާލައިގެން
މިއީ ވާރލްޑް ބޭންކުގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ މަޝްރޫއެއް

ރާއްޖޭގެ 19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިއީ ވާރލްޑް ބޭންކުގެ އެހީތެރިކަމާއިއެކު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި ކުރިއަށް ގެންދާ އެކްސެލަރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިންބަލް އެނާޖީ އެރައިސް މަޝްރޫއުގެ ދަށުން ވެފައިވާ އެއްބަސްވުންތަކެކެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3 ލޮޓަކަށް ބަހާލައިގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ލޮޓް އެކެއްގެ ދަށުން އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ ކަރަންޓް ވިއުގަ އަޕްގްރޭޑު ކުރާނެއެވެ. ލޮޓް ދޭއްގައި ބ. އޭދަފުށި، ޅ. ހިންނަވަރު، އަދި ކުޅުދުއްފުށި ސިޓީ ހިމެނޭއިރު ލޮޓް ތިނެއްގައި ލ. ފޮނަދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. ހިތަދޫ، އަދި ށ. ފުނަދޫ ހިމެނެއެވެ.

ލޮޓްގައި ހިމެނޭ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެބަސްވުމުގައި ސޮއިކުރީ ނަންޖިންގ ޑާޖީ ސްޓީލް ޓަވަރ މެނުފެކްޗަރިންގ ކޯ ލިމިޓެޑާއެކުގައެވެ. އަދި ލޮޓް 2 އަދި 3 ހިމެނޭ ރަށްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަންގ ކެލިން ކޯ ލިމިޓެޑާއި އެކު ހަދާފައިވާ ޖޮއިންޓް ވެންޗަރަކާއެވެ.

Advertisement

މި 19 ރަށުގެ ކަރަންޓު ވިއުގަށް އަޕްގްރޭޑު ކުރުމަށް ހަމަޖެހިފައިވަނީ މި ވޯލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވޮލޮޕްމެންޓް އެސޯސިއޭޝަން (އައިޑާ)ގެ 6.2 މިލިއަން ޑޮލަރުގެ ހިލޭއެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 19 ރަށުގެ މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި، ދުވަސްވެފައިވާ ޓްރާންސްފޯމަރތައް ބަދަލުކުރުމާއި ނެޓްވަރކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން ގާއިމުކުރުމާއި، ޒަމާނީ ފެންވަރަށް ވިއުގަ ތަރައްޤީކުރުމުގެ ގޮތުން ކޮމިއުނިކޭޝަންނެޓްވަރކް އެޅުމާއި ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުމުގެ މަސައްކަތް ކުރާނެއެވެ.

ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ގާއިމުކުރާ ފައިބަރއަޕްޓިކް ކޮމިއުނިކޭޝަން ވިއުގަ ގާއިމުކުރުމާއި ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުގެ ސަބަބުން އިންޖީނުގޭގެ އޮޕަރޭޓިންގް ސްޓޭޓަސް ވަގުތުން ބަލާލެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. މިގޮތަށް ނެޓްވަރކް އޮޓަމޭޓްކުރެވުމުން ހައިބްރިޑް ކަރަންޓު ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރުމާއި، ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓުކެނޑޭ ހާލަތްތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދިއުމާއި، ކަރަންޓު ވިއުގައިގެ ގިނަ މަޢުލޫމާތުތައް ބޭނުންވަގުތެއްގައި ފަސޭހަކަމާއެކު އޮޕަރޭޓަރުންނަށް ލިބުންފަދަ ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިމަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮށް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވަރކް އިންފްރާސްޓްރަކްޗަރ ކަށަވަރުވެގެންދާނެއެވެ. އަދި ގިނަރަށްތަކުގައި ދިމާވެފައިވާ ވޮލްޓޭޖްޑްރޮޕް މައްސަލަތަކާއި ބައެއް ކަހަލަ ކަރަންޓު އާލާތްތައް ބޭނުންކުރުމަށް ރައްޔިތުންނަށް ހުރި އެކި ހުރަސްތަކުން ސަލާމަތްވެ ކަރަންޓުކެޑުމުގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް