ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 18:52
ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެގެ ހާލަތު / ރަސްފަންނު
ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެގެ ހާލަތު / ރަސްފަންނު
ރާއްޖެއެމްވީ
މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުން
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް މިއަހަރު 146 މިލިއަން ރުފިޔާ ޚަރަދުކޮށްފި
ދިގު ރާސްތާގައި ފައިދާކުރާނެ އަދި ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވާނެ ކަންތަކަށް އިންވެސްޓްކުރުން މުހިންމު
ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން 2021 ވަނަ އަހަރު 1.5 މިލިއަން ރުފިޔާ ހޭދަކުރި
މޫސުމީ ކާރިސާތަކަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 60 އިންސައްތަ ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު އެއް ހިރާސް

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުން ރައްކާތެރިވުމަށް ދައުލަތުގެ ބަޖެޓުން 146.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައި ހާމަކޮށްފައިވާ ގޮތުގައި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން 2021 ވަނަ އަހަރު 1.5 މިލިއަން ރުފިޔާ ހޭދަކުރިއިރު އެއަދަދު 2022 ވަނަ އަހަރު ނިމުނުއިރު ހުރީ 2.4 މިލިއަން ރުފިޔާގައެވެ. އަދި މިއަހަރުގެ ބަޖެޓްގައި ތިމާވެށި ރައްކާތެރިކުރުމަށް 2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށް މާލީ ގޮތުން ތަފާތު ހިރާސްތައް ކުރިމަތިވަމުން އަންނަކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ކާރިސާތައް ކުރިމަތިވުން އިތުރުވުމާއި މުރަކަ ހުދުވުމަކީ ރާއްޖޭގެ އިގްތިޞާދަށާއި އިޖުތިމާއީ ރައްކާތެރިކަމަށް އެތައް ނުރައްކާތެރިކަމެއް ކުރިމަތިވެގެންދާނެކަމެއް ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މޫސުމީ ކާރިސާތަކަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 60 އިންސައްތަ ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު އެއް ހިރާސްކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަތައް ކުރިމަތިވުން އިތުރުވެފައިވާއިރު އިންޓަރގަވަމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިޕީސީސީ)ން ހާމަކޮށްފައިވާ ގޮތުގައި މިގަރުނު ނިމޭއިރު ކަނޑުގެ ލޮނުގަނޑު 1 މީޓަރަށް މައްޗަށް އުފުލޭނެއެވެ.

Advertisement

މިއީ ދިވެހިރާއްޖެ ފަދަ ތިރި ގައުމެއްގެ މައިގަނޑު އިންފްރާސްޓްރަކްޗަރތައް ކަމުގައިވާ އެއަރޕޯޓްތަކާއި ބަނދަރުތަކަށް އޭގެ ނުރައްކާ ފޯރާނެކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ޚަރަދުކުރަންޖެހޭ މިންވަރު އިތުރުވެ ސަރުކާރުގެ މާލިއްޔަތަކަށް އޭގެ ނުރަނގަޅު އަސަރުކޮށް އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ހުރަސްއެޅޭކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ ހާދިސާތަކަށް ކޮންމެ އަހަރަކުވެސް އެތަކެއް ޚަރަދުތަކެއް ކުރަންޖެހޭ ހިނދު ތިމާވެށި ރައްކާތެރިކޮށް މިފަދަ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓްރީން ބުނެއެވެ.

ގުދުރަތީ ކާރިސާތަކުން ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށްޓަކައި މިހާރުވެސް ކުރެވެމުންދާ ކަންތައްތަކުގެ އިތުރުން ދިގު ރާސްތާގައި ފައިދާކުރާނެ އަދި ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވާނެ ކަންތަކަށް އިންވެސްޓްކުރުން މުހިންމުކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ރަށްތަކުގެ ހާލަތަށް ބަލާލާއިރު 90 އިންސައްތަ ރަށަށް އުދަ އަރާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި 97 އިންސައްތަ ރަށުގެ ގޮނޑުދޮށްތައް ދަނީ ގިރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް