ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 15:59
ޣައްޒާގެ ކުޑަކުދިން
ޣައްޒާގެ ކުޑަކުދިން
ރޮއިޓާރސް
ޣައްޒާގެ ކުޑަކުދިން
"މުޅި ދުނިޔެއަށް ބެލިއަސް، 1 ނަމްބަރު ދަރަޖައިގެ ކުދިން ތިބީ ޣައްޒާގަ":ދެބަސް ވެވެން ނެތް ޙަޤީޤަތެއް. ނޫންތަ؟
 
ޣައްޒާގެ ކުދިންނަށް މިފަދަ ކުޑަކުޑަ ކަމަކުންވެސް ހީވެސް ނުކުރާ ފަދަ އުފާ ލިއްބައިދޭ
 
ޣައްޒާގެ ކުޑަކުދިންގެ ހިތްތަކަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ގެނެސްދެވޭތޯ މަސައްކަތް ފެށި އެއް ބަޔަކީ، ވަޠަން ޔޫތު ސެންޓަރ

ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލި ކަމުގައި ވީ ނަމަވެސް ކުޑަ ކުދިންނަކީ ޚާއްޞަ ޙައްޤުތަކަކާއި އިމްތިޔާޒުތަކެއް ލިބިދީފައި ވާ ބައެކެވެ. ވަކިން ޚާއްޞަކޮށް، ހަނގުރާމަތަކާއި އެނޫންވެސް އެފަދަ ކުރިމަތިލުންތަކުގައި ޚާއްޞަ ރައްކާތެރިކަމާއި ޙިމާޔަތް ދޭންޖެހޭ ބައެކެވެ. ނަމަވެސް، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ ނިވާފަތްގަނޑުގައި އޮވެގެން، ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދާ ބަޔަކީ ކުޑަކުދިންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ދިރިއުޅުމުގެ އެންމެ ޙައްސާސް ދުވަސްތައް، ޤަތުލުޢާންމެއްގެ މައިދާނުގައި ހޭދަ ކުރަން ޖެހިފައި ތިބި ޣައްޒާގެ ކުދިންނަށް ލިބެމުންދާ ޖިސްމާނީ އަދި ނަފުސާނީ ގެއްލުންތަކާއި އަނިޔާތަކަކީ މި ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ކުދި ބަޔަކު ތަޙައްމަލު ކުރަމުންދާނެ ކަމަށް ޤަބޫލު ކުރެވޭ ކަންކަމެއް ނޫނެވެ.

ޤަޠަރާއި މިޞްރު މެދުވެރިއެއްގެ ގޮތުގައި އޮވެގެން މިދިޔަ ހުކުރު ދުވަހު، 4 ދުވަހުގެ މުއްދަތަށް ތަންފީޒު ކުރަން ފެށި ޙަމަލާ މަޑުޖައްސާލުމުގެ ވަގުތީ އެއްބަސްވުމާއެކު، ޣައްޒާގެ ކުޑަކުދިންގެ ހިތްތަކަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ގެނެސްދެވޭތޯ މަސައްކަތް ފެށި އެއް ބަޔަކީ، ވަޠަން ޔޫތު ސެންޓަރއެވެ. ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެ ޖަމިއްޔާއިން ވަނީ، ޚާން ޔޫނިސްގެ ސްކޫލުތަކުގައި ގެދޮރު ގެއްލި، ޙާލުގައި ޖެހިފައި ތިބި ކުދިންގެ ސިކުނޑިތަކަށް، ޤަތުލުޢާންމުގެ ނުތަނަވަސްކަމުން މިންޖުވެލާނެ ވަގުތުކޮޅެއް ހޯދައިދެވޭތޯ މަސައްކަތް ކޮށްފައެވެ.

ސްކޫލު ގޯތިތެރެއަށް ޖަމާވެ، ކުދިން ވަނީ ފަލަސްޠީނުގެ ޤައުމީ ލަވަތައް ކިޔައި، މެދުއިރުމަތީގެ ޤައުމުތަކަށް ޚާއްޞަ ދަބްކާ ނެށުންތައް ނަށާ ހަދާފައެވެ. އޭގެ އިތުރުންވެސް އެހެން ހަރަކާތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމު، ވަޠަން ޔޫތު ސެންޓަރއިން ވަނީ ހަމަޖައްސައިދީފައެވެ.

އިޒްރޭލުގެ ޢުދުވާންތަކުގައި ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައި ތިބި ގިނަ ޢަދަދެއްގެ ކުޑަ ކުދިން ދިރިއުޅެމުންދާ 26 ސްކޫލަކާއި ވަގުތީ ހިޔާވައްސެއްގައި، ވަޠަން ޔޫތު ސެންޓަރއިން ވަނީ މުނިފޫހިފިލުވުމުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްދީފައެވެ.

"އަހަރެމެން، ވަޠަން ޔޫތު ސެންޓަރއިން މި އިސް ނެގީ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް އުފުލަން ޖެހިފައި އޮތް ތަކުލީފުތަކަށް ލުޔެއް ހޯދައިދޭން. ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ޢާއިލާތަކުން އުފުލަމުންދާ ހިތްދަތިކަމުން ހިނދުކޮޅަކަށްވެސް ދުރުކޮށްލެވޭތޯ. ﷲ އަށް ޙަމްދު ހުރި. މިހާތަނަށް، ޚާން ޔޫނިސްގެ 26 ސްކޫލަކާއި ވަގުތީ ހިޔާވައްސެއްގަ އަހަރެމެންނަށް މި ޙަރަކާތްތައް ހިންގިއްޖެ."
ސަމީރު ނައުފަލް؛ ވަޠަން ޔޫތު ސެންޓަރގެ އޮފިޝަލެއް

އަމާންކަމުގެ ހިޔަލުގައި ތިބެގެން އަޑުއަހާލާއިރު މިއީ މާ ބޮޑު ކަމެކޭ ހީ ނުވި ނަމަވެސް، ޣައްޒާގެ ކުދިންނަށް މިފަދަ ކުޑަކުޑަ ކަމަކުންވެސް ހީވެސް ނުކުރާ ފަދަ އުފާ ލިއްބައިދެއެވެ.

"އަހަރެމެން ތިބީ ހަނގުރާމައާ ހެދި ވަރަށް ބޮޑަށް ބިރުގަނެފަ. މިއަދު ވަރަށް އުފާވެއްޖެ. ވަޠަން ޔޫތު ސެންޓަރ މީހުން އައިމަ، އެމީހުންނާ ދިމާއަށް އަހަރެމެން ދުއްވައިގަތީ. އެމީހުން އަހަރެމެންނަށް ޖަހައިދިން ފަލަސްޠީނުގެ ޤައުމީ ލަވަތައް. ދަބްކާ ނެށުންވެސް ނެށި. އެމީހުންނާ އެކީ ލަވަޖަހާ، ކުޅިވަރު ކުޅެލާ ހަދާލިން. މިއަދު އަހަރެމެން ވަރަށް މަޖާ ކުރިން."
ލީނާ މަހުރީބު؛ ގެދޮރު ގެއްލިފައިވާ ޣައްޒާ ކުއްޖެއް

ވަޠަން ޔޫތު ސެންޓަރގެ ފަރާތުން ޙަރަކާތްތައް ހިންގުމާ ޙަވާލުވެ އިސްކޮށް ހުންނަ ސަމީރު ނައުފަލް ފާހަގަ ކުރި ގޮތުގައި، ގެދޮރު ގެއްލި، ވަގުތީ ހިޔާތަކުގައި ދިރިއުޅުމުގެ ދުވަސްތައް ގުނަމުންދާ ޣައްޒާގެ ކުޑަކުދިންނަކީ މިއަދު މުޅި ދުނިޔެއަށް ބަލާއިރުވެސް 1 ވަނަ ދަރަޖައިގެ ދަރިންތަކެއް ކަމަށެވެ. ޣައްޒާގެ ކުޑަކުދިން ތަޙައްމަލު ކުރަމުން އެދާ ކަންކަމަކީ، އެހެން ހިސާބެއްގައި ހުރި ބޮޑު މީހަކަށްވެސް ބަރުދާސްތު ކުރަން ދަތި ކަންކަމެވެ.

"ގިނަ ކުދިން ތިބީ ހަނގުރާމައާއި ބޮމުގެ ޙަމަލާތަކުން ވަރަށް ބޮޑަށް ބިރުގަނެފަ. އަހަރެމެންގެ ޒިންމާއަކީ، ދުނިޔޭގެ އެހެން ހިސާބުތަކުގައި ތިބި ކުދިންނެކޭ އެއްގޮތަށް، ޣައްޒާގެ ކުދިންނަށްވެސް ޙައްޤު އުފާވެރިކަން، އެ ކުދިންނަށް ހޯދައިދިނުން. މި ކުދިންނަކީވެސް، މި ހިތްދަތިކަމުގެ ތެރޭގަ، އެކުދިންގެ ޖަޒުބާތުތައް ބޭރުކޮށްލުމުގެ ޙައްޤު ލިބިފަ ތިބި ކުދިން. ކުޅެލާ، އުފާކޮށްލާ ހެދުމުގެ ޙައްޤު ލިބިފަ ތިބި ކުދިންތަކެއް... ފަލަސްޠީނުގެ ކުޑަކުދިން، ވަކިން ޚާއްޞަކޮށް، ޣައްޒާގެ ކުދިންނަކީ މުޅި ދުނިޔެއަށް ބެލިއަސް 1 ނަމްބަރު ދަރަޖައިގެ ކުދިން. އެއީ، މި ކުދިންނަކީ ވަރަށް ގިނަ ކަންތައްތަކެއް ބަރުދާސްތުކޮށްފަ ތިބި ކުދިންނަށް ވީމަ. ދުނިޔޭގެ އެހެން އެއްވެސް ކުއްޖަކަށް ބޮން ގޮއްވާލުމާއި، ފުރާނަތައް ގެއްލިދިއުމާއި، ގެދޮރު ގެއްލުމާއި، ކަރަންޓާއި ފެނާއި ގޭސް ނެތުމާއި، ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗަކުން މަޚްރޫމު ވެފައި އޮތް އޮތުމަށް ކެތް ނުކުރެވުނު އިރު، ޣައްޒާގެ ކުދިން އެ ދަނީ އެ ހުރިހާ ކަމަކަށް ކެތް ކުރަމުން ކަމަށް ވާތީ."
ސަމީރު ނައުފަލް؛ ވަޠަން ޔޫތު ސެންޓަރގެ އޮފިޝަލެއް

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފެށި ޤަތުލުޢާންމު، 50 ދުވަހަށް ފަހު ވަގުތީ ގޮތުން މަޑުޖައްސާލާފައި ވާ އިރު، އެ މުއްދަތުގެ ތެރޭގައި ފަލަސްޠީނުން ފުރާނަ ގެއްލިދިޔަ ކުޑަކުދިންގެ ޢަދަދު 6000 އަށް އަރަނީއެވެ. ޒަޚަމްވީ ކުދިންގެ ޢަދަދު މަދެއް ނޫނެވެ. ނަފްސާނީ އަނިޔާގެ ވާހަކައަކީ މިހެން ޖަހާލާ ހިސާބު އަދަދުތަކުން މިނެ ކިރާލެވޭ ވަރަށް ވުރެ ވޭން ހުރި ވާހަކައެކެވެ. ޔަޤީން ވާ ކަމަކީ، އިޒްރޭލުގެ ޤަތުލުޢާންމުގައި އެންމެ ބޮޑު އަގެއް އަދާ ކުރަމުން ދާ ބަޔަކީ ޣައްޒާގެ ކުޑަކުދިން ކަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް