ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 13:24
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ނައީމާ މޫސާގެ މަރު
މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް 3 ދައުވާއެއް
 
ވަޅެއް ކޮނެ، ވަޅިޔާއި އެއްޗެހި އަންދާލަން މަސައްކަތް ކޮށްފައިވޭ
 
ޝަމީމް ވިދާޅުވީ، މި މައްސަލައިގައި ސައިންޓިފިކް އެވިޑެންސް ލިބިފައިވާކަމަށް

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރުމަށް ނިންމައި، ދައުވާތަކުގެ ތަފްސީލުތައް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ އުފުލައި، ބުރާސްފަތި ދުވަހު ކޯޓަށް ދައުވާތައް ހުށައަޅާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަހުޒަމް އަބްދުލްޝަކޫރު (23 އަހަރު) އާއި، ވިނަރެސް، ނ. މަނަދޫ، ހަސަން ފަވާޒު (21 އަހަރު) އަދި ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް (21 އަހަރު) އެވެ.

އެމީހުންގެ މައްޗަށް އުފުލަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލަނީ ނައީމާ މަރާލުމަށްފަހު، ނ މަނަދޫ ނާމަގު ސަރަޙައްދަށް ގޮސް، އެތަނުގައި ވަޅެއް ކޮނެ، ވަޅިޔާއި އެއްޗެހި އަންދާލަން މަސައްކަތްކޮށް، ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެ ގޭގެ ދޮރު ތަޅުލާފައި ދިއުމުގެ ސަަބަބުންނެވެ. އެގޮތުން މައްޔިތާއަށް އިހާނެތިކޮށް ހިތުމަށްޓަކައި ދައުވާލިބޭ ފަރާތްތަކުން ކުރި ކަމެއްގެ ނަތީޖާއެއްގެ ގޮތުން އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އާއިލާ މީހުންނަށްވެސް އެނގިފައިވަނީ ޙާދިސާ ހިނގިތާ 40 ގަދިއިރު ފަހުންކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ނައީމާގެ މަރާ ގުޅުވައި ރަށު ތެރޭގައި ވާހަކަތައް ދެކެވޭ ކަމަށާއި، ނަމަވެސް ކޮންމެ ޙާލެއްގައިވެސް މީހަކު މަރާލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

ޝަމީމް ވިދާޅުވީ، މި މައްސަލައިގައި ސައިންޓިފިކް އެވިޑެންސް ލިބިފައިވާ ކަމަށެވެ. އެގޮތުން ޑީއެންއޭ އެވިޑެންސްވެސް ލިބިފައިވާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، މިހާރު ލިބިފައިވާ ހެކިތަކާއެކު ދައުވާ ސާބިތު ކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި އެކަކު އެއްބަސްވި ކަމަށާއި، ނަމަވެސް މިހާރު އޭނާވެސް އެކަމުގެ ތަފްސީލުތައް ދޭން ބޭނުންނުވާކަމަށެވެ. ނަމަވެސް އޭނާ ދީފައިވާ ބަޔާނާއި ލިބިފައިވާ ހެކިތަކަށް ބަލާއިރު، ދައުވާ ސާބިތު ކުރެވޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކަމުގައި އިތުރު ބަޔަކު އަމަލީ ގޮތުން ބައިވެރިވެފައިވާކަމަށް ނުބެލެވޭކަމަށް ޝަމީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް