މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލު އަށް އިތުރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މިއީ ބައްސާމް ޢަދީލް ޖަލީލް، 2016 ވަނަ އަހަރުން ފެށިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި ހުރެ، އެފް.އޭ.އެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފީފާ އިން އެމެރިކާ ޑޮލަރުން އެފް.އޭ.އެމްއަށް ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، ބައްސާމުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 ޑޮލަރު ޖަމާކޮށް އެ ފައިސާ ލޯންޑަރ ކުރި މައްސަލައެކެވެ.
މީގެ ކުރިން އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ސާބިތުވެ އޭނާ 4 އަހަރަށް ޖަލަށްލާން ހުކުމް ކުރި އެވެ. އެއީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވީ މަނީ ލޯންޑަރިންގެ މައްސަލައިގަ އެވެ. މި ކުށުގެ އަދަބެއްގެ ގޮތުގައި ދައުލަތުން އެދުނީ 15 އަހަރުގެ ޖަލުހުކުމާއެކު 50،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ބުރާސްފަތި ދުވަހުގެ އަޑު އެހުމުގައި ބައްސާމު ވަނީ ދައުލަތުން އެދުނު އަދަބުގެ ބަދަލުގައި އޭނާއަށް ލުއި އަދަބެއް މި މައްސަލައިގައި ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެފްއޭއެމްގެ ފައިސާ ބައްސާމުގެ އެކައުންޓަށް ޖަމާވިކަން ހެކިތަކުންނާއި ބައްސާމުގެ އަމިއްލަ އިއުތިރާފުން ވެސް އެނގޭ ކަމަށެވެ. އަދި މީގެ އިތުރުން ބައްސާމަށް ލިބުނު 10،000 ޑޮލަރަކީ އޭނާގެ މުސާރަ ކަމަށް އޭނާ ވިދާޅުވި ނަމަވެސް ފައިސާ ޖަމާކުރި ރަސީދުގައި ލިޔެފައިވަނީ "ސޭލްސް އޮފް ޑޮލަރު" ކަމަށާއި، އެ އަދަދަށްވާ ދިވެހި ރުފިޔާ އަނބުރާ އެފްއޭއެމްއަށް ނުދޭ ކަމަށެވެ.
މީގެ އިތުރުން ގާޒީ ވިދާޅުވީ ބައްސާމަށް އުޖޫރައެއްގެ ގޮތުގައި ދޭން ނިންމީ 3000 ޑޮލަރު ކަމަށާއި، އެ އުޖޫރައަށްވާ ދިވެހި ފައިސާ ބައްސާމުގެ އެކައުނޓަށް 5 އޮގަސްޓުގައި ޖަމާކޮށްފައިވަނިކޮށް އެ މަހުގެ 26 ވަނަ ދުވަހު އުޖޫރައިގެ 3 ގުނަ ފައިސާ ޖަމާކުރުމުން އެއީ އޭނާގެ އުޖޫރަ ނޫންކަން ޔަގީންވާ ކަމަށެވެ. އެހެންކަމުން މި ކަންކަމަށް ރިއާޔަތްކުރާ އިރު ބައްސާމަށް ޖަމާކުރި ފައިސާ އަކީ ޑޮލަރު މާރުކުރަން ދިން ފައިސާ ކަމަށާއި އެ ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
މި ކަންކަމަށް ބެލުމަށްފަހު ބައްސާމުގެ މައްޗަށް އިއްވީ ދައުލަތުން އެދުނު ގޮތާއި ހިލާފަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ލޯންޑަރ ކުރި ފައިސާގެ އަދަދު ކަމުގައިވާ 154،000 ދިވެހި ރުފިޔާ 6 މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކުރިން އޭނާގެ މައްޗަށް އިއްވި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު ބުރާސްފަތި ދުވަހު މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އެފްއޭއެމްގެ ފައިސާގެ މައްސަލައިގައި މުޅި ޖުމްލަ 9 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިވަނީ އިއްވާފަ އެވެ.