އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ދޮގު ކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި އާދިއްތަ ދުވަހު އެކްސްގައި އަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންނަށް ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިއީ ކުޑަ ގައުމެއްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ޕްރޮޖެކްޓްތައް ދެވުނު ގޮތް މިހާރު ނޭނގޭ އެއްވެސް މީހަކު ނެތް ކަމަށާޢި، އެއްވެސް ހާމަކަމެއް، ވާދަވެރިކަމެއް ނެތި، ސަރުކާރު އިސްވެރިން ބޭނުންވާ މީހުންނަށާއި، ޕީއެންސީ ގެ މަޖްލިސް މެންބަރުންނަށް ޕްރޮޖެކްޓް ބަހާލީ ކަމަށެވެ. އެއީ ވެސް ބޭނުންވާ ބަޔަކަށް ބޭނުންވާ އަގެއްގައި ކަމަށް އަމީރު ތުހުމަތު ކުރެއްވި އެވެ.
ތީ އެއްވެސް ގޮތަކަށް ރަނގަޅު ގޮތެއް ނޫން. މީ ކުޑަ ގައުމެއް. އެންމެންނަށް އެންމެން އެނގޭ. ތި ޕްރޮޖެކްޓްތައް ދެވުނު ގޮތް މިހާރު ނޭނގޭ އެއްވެސް މީހަކު ނެތް. އެއްވެސް ހާމަކަމެއް، ވާދަވެރިކަމެއް ނެތި، ސަރުކާރު އިސްވެރިން ބޭނުންވާ މީހުންނަށް، ޕީއެންސީ ގެ މަޖްލިސް މެމްބަރުންނަށް ޕްރޮޖެކްޓް ބަހާލީ ކަން ނޭނގޭ މީހަކު ނެތް. ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
މީގެ އިތުރުން އަމީރު ވިދާޅުވީ، ޕްރޮޕޯޒަލް ހުށަހަޅަން ބުނެގެން ކޮންޓްރެކްޓަރު އަގު ހުށަހެޅީ 47 މިލިއަން ރުިފޔާއަށް ކަމަށާއި، ޕްރޮޖެކްޓް އެވޯޑްކުރީ +80 މިލިއަން ރުފިޔާއަށް ކަމަށެވެ. އަދި ސަރުކާރުން ޖަރީމާ ހިންގުމަށްފަހު، ބޭނުންވާ ބަޔަކު ކަނޑައަޅާ ބޭންކަށް ފޮނުވުމުން، އެ ޕްރޮސެސް އާއި މެދު ސުވާލެއް ވެސް ކުރުމެއް ނެތި އަދި ގާބިލްކަން ހުއްޓަސް ލޯނު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، އެ ޕްރޮސެސްގެ އިންޓެގްރިޓީ އާއި މެދު ސުވާލު ކުރަމަކީ ބޭންކްގެ ޒިންމާއެއް ކަމަށެވެ. އަދި ސުވާލެއްވެސް ނުކޮށް، އިންޓެގްރިޓީ ކަށަވަރުނުކޮށް މި ގޮތަށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށްވެސް ދޮރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރާއެކު ބީއެމްއެލް ވެސް ސިޔާސީ ކޮށްފައިވާ ކަަމަށާއި، އެ ބޭންކަށް މިހާރު އިތުބާރު ނެތް ކަމަށް ގިނަ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.