އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރާނެ ކަމަށް އިޓަލީ އާއި ނެދަރލޭންޑްސް އަދި އަޔަރލޭންޑުން ބުނެފިއެވެ.
އީޔޫގެ ބޭރުގެ ސިޔާސަތުތަކާ ބެހޭ އިސްވެރިޔާ ޖޮސެޕް ބޮރެލް ވިދާޅުވީ ނަތަންޔާހޫ އާއި ގަލަންޓް އަށް ނެރުނު އައިސީސީ ވޮރަންޓް ތަކަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، ކޯޓުގެ ނިންމުމަށް އިޙްތިރާމްކޮށް އެ ނިންމުން ތަންފީޒު ކުރަންވާނެ ކަމަށެވެ.
ނެދަލޭންޑްސްގެ ޚާޒިޖީ ވަޒީރު ކަސްޕަރ ވެލްޑްކެމްޕް ޑަޗް ނިއުސް އޭޖެންސީ އޭއެންޕީ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ނަތަންޔާހޫއާ ދެކޮޅަށް ނެރެފައިވާ އަރެސްޓް ވޮރަންޓާ މެދު އަމަލު ކުރަން ޖެހިއްޖެނަމަ އެކަން ކުރުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކްރިސްޓޯފް ލެމޮއިން ވިދާޅުވީ ވޮރަންޓް ތަކާމެދު ފްރާންސްގެ ވިސްނުން އޮންނާނީ "އައިސީސީގެ ގަވާއިދުތަކާ އެއްގޮތަށް" ކަމަށެވެ. ނަމަވެސް ނަތަންޔާހޫ އާއި ގަލަންޓް ފްރާންސަށް ދަތުރުކޮށްފި ނަމަ ހައްޔަރު ކުރާނެ ކަމަށް ސީދާ ބުނަން ވަނީ އިންކާރު ކޮށްފައެވެ.
"މިއީ ޤާނޫނީ ގޮތުން ވަރަށް ބޮޑަށް އުނދަގޫ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އަޔަރލޭންޑްގެ ބޮޑުވަޒީރު ސައިމަން ހެރިސް ވިދާޅުވީ މި ވޮރަންޓްތަކަކީ މުހިންމު އަދި ސީރިއަސް ފިޔަވަޅެއް ކަމަށެވެ.
"މި ނިންމުމަކީ ... ވަރަށް މުހިންމު ފިޔަވަޅެއް،" ހެރިސް ބަޔާނެއްގައި ވިދާޅުވިއެވެ. "މި ދަޢުވާ ތަކަށް ވުރެ ސީރިއަސް ދަޢުވާތަކެއް ނުހުންނާނެ."
"އަޔަރލޭންޑުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ދައުރަށް އިޙްތިރާމްކުރަމެވެ. އެ ކޯޓުގެ މުހިންމު މަސައްކަތް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެވޭނެ ފަރާތްތަކުން މިހާރު އެ އަމުރު އަވަހަށް ތަންފީޒު ކުރަންވާނެއެވެ."
އަރެސްޓް ވޯރަންޓްތައް ނެރުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ވިދާޅުވީ އިނގިރޭސިވިލާތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މިނިވަންކަމަށް އިޙްތިރާމްކުރާ ކަމަށެވެ.
"އަޅުގަނޑުމެން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މިނިވަންކަމަށް އިޙްތިރާމްކުރަމެވެ. އެއީ ބައިނަލްއަޤްވާމީ ކަންބޮޑުވުން އޮތް އެންމެ ސީރިއަސް ކުށްތައް ތަޙްޤީޤުކޮށް ދަޢުވާކުރުމަށް އޮތް މައިގަނޑު ބައިނަލްއަޤްވާމީ މުއައްސަސާއެވެ،" ތަރުޖަމާނު ހާމަ ކުރެއްވިއެވެ.
އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފަދީ ވިދާޅުވީ އައިސީސީގެ ނިންމުންތަކަށް އިޙްތިރާމްކޮށް އެ ނިންމުންތައް ތަންފީޒުކުރަންވާނެ ކަމަށެވެ. އަދި "ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ލިބެންޖެހޭނެ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައިސީސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ އެމެރިކާ އާއި އިޒްރޭލުން ވަނީ އައިސީގެ އަމުރުތަކަށް ވަރަށް ބޮޑަށް ކިޔާފައެވެ.