Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 18:42
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގާނޫނު ހަދާ މަޖިލިސް ކްނެސެޓް ގައި ވާހަކަ ދައްކަނީ - ނޮވެމްބަރ 10، 2025
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގާނޫނު ހަދާ މަޖިލިސް ކްނެސެޓް ގައި ވާހަކަ ދައްކަނީ - ނޮވެމްބަރ 10، 2025
ރޮއިޓަރސް
އިޒްރޭލް-ފަލަސްތީން
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ އިސް ވަޒީރުން، މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ދެކޮޅުހަދާ ވާހަކަ ތަކުރާރު ކޮށްފި
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ އިސްވެރިން ވަނީ ފަލަސްތީނު ދައުލަތަކަށް އިންކާރު ކުރާ ކަމަށާއި، އެއްވެސް ސަރަހައްދެއްގައި ފަލަސްތީނު ދައުލަތެއް ގާއިމް ނުކުރާނެ ކަމަށް ބުނެފައި.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ އިސް މެންބަރުން، މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ދެކޮޅުހަދާ ވާހަކަ ތަކުރާރު ކޮށްފި އެވެ.

މިވާހަކަތައް އައިސްފައި މިވަނީ ހޯމަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން އިސްވެ އެކުލަވާލާފައިވާ ޣައްޒާގެ ސުލްހައިގެ ޕްލޭނަކަށް ބާރުދޭ ގަރާރަކަށް ވޯޓުލުމަށް ކުޑަތަން ވެފައި ވަނިކޮށްނެވެ.

ޑްރާފްޓް ގަރާރު ފާސް ވުމުން އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ހަދާފައިވާ އެއްބަސްވުމުގެ ފަހުން، ޣައްޒާ ގައި އުފައްދާ ވަގުތީ ސަރުކާރަށާއި، ވަގުތީ ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާ ގައި ތިބުމަށް ކައުންސިލުގެ ރުހުން ލިބިގެންދާނެ އެވެ.

ކުރީގެ ޑްރާފްޓްތަކާ ހިލާފަށް، ގަރާރުގެ އެންމެ ފަހުގެ ވާރޝަނުގައި މުސްތަގުބަލުގައި އުފެދިދާނެ މިނިވަން ފަލަސްތީނު ދައުލަތެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އިޒްރޭލުގެ ސަރުކާރު މިކަމަށް ވަރަށް ބޮޑަށް ދެކޮޅެވެ.

"ކޮންމެ ސަރަހައްދެއްގައި ވިޔަސް ފަލަސްތީނު ދައުލަތަކަށް އަހަރެމެން އިންކާރުކުރާ ވާހަކަ ބަދަލެއް ނުވެއެވެ،" ނަތަންޔާހޫ އާދީއްތަ ދުވަހު ކެބިނެޓް ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

އަނެއްކޮޅުން ނަތަންޔާހޫ އަށް ކޯލިޝަން މެންބަރުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ހިމެނެއެވެ. އޭނާ ނަތަންޔާހޫ އާ މެދު ހިތްހަމަ ނުޖެހިގެން އުޅެނީ، ދާދީ ފަހުން ގިނަ ގައުމުތަކަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ނިންމި ނިންމުންތަކަށް ދެކޮޅު ހަދާ ރައްދު ނުދިނުމުންނެވެ.

"އަހަރެމެންގެ ވަތަނުގެ ބިންތަކުގައި ފަލަސްތީނު ދައުލަތެއް އުފެދިގެން ނުދާނެ ކަމަށް ދުނިޔޭގެ ހުރިހާ ފަރާތްތަކަށް ސާފުކޮށްދިނުމަށް އެކަށީގެންވާ އަދި ހަރުދަނާ ރައްދެއް ވަގުތުން ފޯމިއުލޭޓްކުރާށެވެ،" ސްމޮޓްރިޗް އެކްސްގައި ނަތަންޔާހޫ އަށް އަމާޒު ކޮށް ލިޔެފައި ވެއެވެ.

ބޮޑުވަޒީރު އާދީއްތަ ދުވަހު ރައްދު ދެމުން ވިދާޅުވީ، އޭނާއަށް އެއްވެސް މީހެއްގެ ފަރާތުން "..ޓްވީޓް، ނުވަތަ ލެކްޗަރު ބޭނުމެއް ނުވާ" ކަމަށެވެ.

"އިޒްރޭލުގެ ސިޔާސަތު ސާފެވެ: ފަލަސްތީނު ދައުލަތެއް ގާއިމެއް ނުކުރެވޭނެއެވެ،" ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް އާދީއްތަ ދުވަހު އެކްސް ގައި ލިޔެފައިވެއެވެ.

ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ވެސް އެކްސްގައި ބުނެފައި ވަނީ، "އިޒްރޭލުގެ ބިމުގެ މެދުގައި ފަލަސްތީނު ޓެރަރިސްޓް ދައުލަތެއް ގާއިމު ކުރުމަށް އެއްބަސްނުވާނެ،" ކަމަށެވެ.

ހައްދުފަހަނަ އެޅި ކަނާތު ފިޔައިގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓާމާ ބެން ގްވީރު އިތުރަށް ބުނީ، ފަލަސްތީނުގެ އައިޑެންޓިޓީ އަކީ "އުފެއްދުމެއް" ކަމަށެވެ.

ސެކިއުރިޓީ ކައުންސިލްގެ ގަރާރުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށް ބެލެއެވެ.

ފުރަތަމަ ފިޔަވަހީގައި ފަލަސްތީނު ގެ ހަނގުރާމަވެރިން ހިފަހައްޓާފައިވާ 20 ދިރި ތިބި އިޒްރޭލުގެ ރަހީނުންނާއި މަރުވެފައިވާ 28 މީހުންގެ ހަށިގަނޑު ރައްދުކޮށް، ގާތްގަނޑަކަށް ހުރިހާ ރަހީނުން ވަނީ ހަވާލު ކޮށްފަ އެވެ.

ބަދަލުގައި، އިޒްރޭލުން ގާތްގަނޑަކަށް 2000 ފަލަސްތީނު ގައިދީން ދޫކޮށްލައި 330 ހަށިގަނޑު ރައްދުކޮށްފައި ވެއެވެ.

- ކޮމެންޓް