ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 12:43
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު
ރާއްޖެއެމްވީ
72 ކިލޯ ޑްރަގް ކޭސް
72 ކިލޯ ޑްރަގް ކޭސް: އިރުފާން ބަންދެއް ނުކުރި، ދައުލަތަށް ބައެއް ސުވާލުތަކުގެ ޖަވާބުވެސް ނުދެވުނު
 
މި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، 7 މީހެއްގެ މައްސަލަ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައި
 
ދައުލަތުން ވަނީ މި މައުޟޫއަށް ވާހަކަ ދެއްކުމަށް އެހެން ދުވަހެއްގައި އަޑުއެހުމެއް ބޭއްވުމަށް އެދިފައި

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މީގެ ކުރިން މި މައްސަލަ ކުރިއަށްދަނިކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބަލައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ. ނަމަވެސް ބަންދު މުރާޖައާ ކުރުމަށްފަހު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބަޔާންކޮށް، ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ފަހުން ބޭއްވި އަޑުއެހުމެއްގައި ވަނީ ނިންމާފައެވެ.

އެގޮތަށް ނިންމާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް، އަދި ހެކިންނަށް ނުފޫޒެއް ފޯރުވާނެ ކަމުގެ އިހްތިމާލެއް މިހާރު އޮތްކަމަށް ނުފެންނަކަމަށް ބަޔާންކޮށް އެކަމުގެ ސަބަބުތައް ބަޔާންކޮށްފައެވެ.

އަދި ބަންދުން ދޫކޮށްލުމުގައި ބަލި ޙާލަތަށްވެސް ރިއާޔަތް ކޮށްފައިވާނެކަމަށް ދަށު ކޯޓުން ބަންދު މުރާޖައާއާގުޅޭގޮތުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

އިރުފާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލީ ރަނގަޅަށް ތަފްސީލު ނުކޮށްކަަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައި ވަނީ ބަންދު މުރާޖައާކޮށް ނިންމި ގޮތާއި، ކޯޓު އަމުރު ބާތިލުކޮށް، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށައަޅައިފިނަމަ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ނިންމަވާފައެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ އެގޮތުގެ މަތިން ދައުލަތުން ހުށައެޅުމުން ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ދައުލަތާއި ދިފާއުންވެސް ވަނީ އިރުފާން ބަންދު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އިރުފާންއަކީ ކުށުގެ ރެކޯޑު އޮންނަ ފަރާތެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ބަނގުރާ ބުއިމާއި، ކެނެބިސް ބޭނުން ކުރުމާއި، އަމުރަށް ނުކިޔަމަންތެރިވުން ފަދަ ކުށުގެ ރެކޯޑުތައް ހިމެނޭކަމަށެވެ.  

ނަމަވެސް އެކަމާ ގުޅޭ ލިއުމެއް ދައުލަތުން ހުށައަޅާފައިނުވަތީ ގާޒީ ވަނީ އެކަމާ ސުވާލު ކުރައްވާފައެވެ. އެގޮތުން ދައުލަތުން ހުށައަޅާފައިނުވާ ލިއުމަކަށް ޝަރީއަތުން ރިއާޔަތް ކުރާނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، އިރުފާން ބަންދުކޮށްދޭން އެދެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ދައުލަތުން ހުށައަޅާފައިވާ ފޯމުން އެނގެން ނެތްކަމަށެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ބަންދު ކުރަންއެދޭ ވަކި މާއްދާތަކެއް ދައުލަތުން ފޯމުގައި ހިމެނިފައި ނެތް ކަމަށެވެ. ނަމަވެސް ދައުލަތުން ޙަވާލާދޭން ބޭނުންވާ މާއްދާތައް ދައުލަތުގެ ވަކީލު އަޑުއެހުމުގައި ކިޔާދެއްވިއެވެ.

ގާޒީ ވަނީ ބައެއް އިތުރު ސުވާލުތައްވެސް ކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް ސުވާލުތަކަށް ދައުލަތުން ޖަވާބުދެވިފައެއް ނުވެއެވެ.

އޭގެ ބަދަލުގައި ދައުލަތުން ވަނީ މި މައުޟޫއަށް ވާހަކަ ދެއްކުމަށް އެހެން ދުވަހެއްގައި އަޑުއެހުމެއް ބޭއްވުމަށް އެދިފައެވެ. ނަމަވެސް އެހެން ދުވަހެއްގައި މި އަޑުއެހުން ބާއްވަންވީ ވަކި ޚާއްސަ ސަބަބެއް އޮތްތޯ ސުވާލު ކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން މި މައުޟޫއަށް ތަފްސީލީ ގޮތެއްގައި ޖަވާބުދޭން ބޭނުންވާތީކަމަށެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީ ނިންމެވީ އިރުފާން އަލުން ބަންދުކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ.

އޭގެ ސަބަބުތައްވެސް ގާޒީ ތަފްސީލު ކޮށްދެއްވިއެވެ.

ދައުލަތުން އޭނާ ބަންދުކޮށްދޭން އެދޭ އެއް ސަބަބަކީ އޭނާގެ ކުށުގެ ރެކޯޑެއް އޮތުމެވެ. އޭގެ ތެރޭގައި 2008، 2017 ގެ ކުށްތައް ހިމެނެއެވެ.

ނަމަވެސް އޭގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ނުހިމެނޭއިރު، އެ ސަބަބަށް ބަލައި ބަންދުކުރަން ޖެހޭ ޙާލަތެއް އޮތްކަމަށް ފެނިވަޑައިިނުގަންނަވާކަމަށް ގާޒި ވިދާޅުވިއެވެ.

އޭގެ އިތުރުން، އިރުފާންގެ އަސްލީ ހިޔާޒަތުން މަސްތުވާއެއްޗެއް ފެނިފައިނުވާކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

ދައުލަތުން އޭނާ ބަންދުކޮށްދިނުން އެދި ފާހަގަކުރާ އަނެއް ސަބަބަކީ މިއީ ޖަމާއަތް ހަދައިގެން ހިންގާފައިވާ ކުށަކަށްވުމެވެ.

އެހެންނަމަވެސް، މި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، 7 މީހެއްގެ މައްސަލަ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. ވީއިރު، ޖަމާއަތް ހެދުމާ ގުޅޭގޮތުން ދައުލަތުން ދެކޭ ގޮތްވެސް ބަދަލުވެފައިވާކަން ފާހަގަކުރެވޭކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ އޭނާ ބަންދުން ދޫކޮށްލާފައި ހުންނަތާ 2 މަސް ދުވަސްވެފައިވާއިރު، އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް މައްސަލައެއް ފެންމަތިވެފައިވޭތޯ ސުވާލު ކުރައްވާފައެވެ.

ނަމަވެސް އެފަދަ ކަމެއް ހިނގާފައިވާކަމުގެ މައުލޫމާތު ތަހުގީގީ އިދާރާއަކުން ހިއްސާކޮށްފައިނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
50%
0%
0%
ކޮމެންޓް