ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 17:54
ރަފާހް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ތެޔޮ ހިފައިގެން ޣައްޒާއަށް އެތެރެވި ޓްރަކެއް
ރަފާހް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ތެޔޮ ހިފައިގެން ޣައްޒާއަށް އެތެރެވި ޓްރަކެއް
އޭއެފްޕީ
ފަލަސްތީން - އިސްރާއިލް ހަނގުރާމަ
ޣައްޒާއަށް ކޮންމެ ދުވަހަކު 2 ޓްރަކްގެ ތެޔޮ ވައްދަން އިސްރާއިލުން އެއްބަސްވެއްޖެ
 
އިސްްރާއިލުން ވަނީ، އެމެރިކާގެ "ހާއްސަ އެދުމެއްގެ" މަތިން ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ޣައްޒާއަށް ތެޔޮ އެތެރެކުރަން އެއްބަސްވެފައިވާނެ ކަމަށް ބުނެފައި
 
ކޮންމެ ދެ ދުވަހަކުން އެއް ދުވަހު، ޣައްޒާއަށް 140،000 ލީޓަރުގެ ތެޔޮ އެތެރެކުރުމަށް އިސްރާއިލުން ވަނީ އެއްބަސްވެފައި
 
އެހީދޭ ގްރޫޕްތަކުން ވަނީ މިއީ ޣައްޒާއަށް ބޭނުންވާ ވަރަށްވުރެ މާ މަދު އަދަދެއްގެ ތެޔޮ ކަމަށް ބުނެފައި

ޣައްޒާއަށް ތެޔޮ އެތެރެކުރުމުގެ ފުރުސަތު ދިނުމަށް އިސްރާއިލުން އެއްބަސްވެއްޖެއެވެ.

ޣައްޒާގެ ފެނާ ނަރުދަމާގެ ސިސްޓަމްތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށް، ކޮންމެ ދުވަހަކު ދެ ޓްރަކްގެ ތެޔޮ ޣައްޒާއަށް އެތެރެކުރުމަށް އިސްރާއިލުން އެއްބަސްވެއްޖެއެވެ.

އިސްްރާއިލް ސަރުކާރުގެ ހަނގުރާމައާ ބެހޭ ކެބިނެޓުން ވަނީ، އެމެރިކާގެ "ހާއްސަ އެދުމެއްގެ" މަތިން ކޮންމެ ދެދުވަހަކުން، ޣައްޒާއަށް 140،000 ލީޓަރުގެ ތެޔޮ ޣައްޒާ އަށް އެތެރެކުރަން އެމީހުން އެއްބަސްވާކަމަށް ބުނެފައެވެ.

އެގައުމުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޒަކީ ހަނެގްބީ ވަނީ ޣައްޒާއަށް އެތެރެކުރެވޭ ތެޔޮ ބޭނުން ކުރެވިގެންދާނީ ޔޫއެންއާރޑަބްލިއުއޭ އިން ޣައްޒާގައި އޮޕަރޭޓްކުރާ ފެނާ ނަރުދަމާގެ ސިސްޓަމްތައް އޮޕަރޭޓްކުރަން ކަަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ މިގޮތަށް، ތެޔޮ އެތެރެކުރުމުގެ ފުރުސަތު ދިނުމަށް އިސްރާއިލުން އެއްބަސްވީ ބަލިމަނޑުކަމެއް ފެތުރިދާނެތީ އެކަން ހުއޓުވުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ. އަދި ބޮޑު ބަލިމަޑުކަމެއް ފެތުރި އާންމުންނާ އެމީހުންގެ ހަނގުރާމަވެރިންނަށް ގެއްލުންވާން ބޭނުން ނުވާކަމަށާއި، ނުރައްކާތެރި ބަލިތައް ފެތުރޭ ނަމަ، ހަމަލާދިނުން ހުއްޓާލާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ކޮންމެ 48 ގަޑިއިރަކުން ޣައްޒާއަށް 120،000 ލީޓަރުގެ ތެޔޮ އެތެރެކުރަން އިސްރާއިލުން އެއްބަސްވެފައިވާކަމަށެވެ. އަދި މިއީ ޣައްޒާގައި ހަރަކާތްތެރިވާ ޔޫއެންއާރޑަބްލިއުއޭގެ ޓްރަކްތަކާ، ފެނުގެ ޑީސެލިނޭޝަންއަށާއި ނަރުދަމާގެ ސިސްޓަމްތަކުގެ އިތުރުން ޣައްޒާގެ ބޭކަރީ ތަކަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދުނިމަށް އެތެރެކުރެވޭ ތެޔޮ ކަމަށް އެމެރިކާގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އިތުރު 20،000 ލީޓަރު ތެޔޮ، ކޮންމެ ދެ ދުވަހަކުން އެއް ދުވަހު، އެތެރެކުރަން އެއްބަސް ވެފައިވާ ކަމަށާއި އެއީ ޣައްޒާގެ މުވާސަލާތީ ކުންފުނި، ޕަލްޓެލްގެ އޮޕަރޭޝަންތަކަށް ކަމަށްވެސް އެމެރިކާގެ އޮފިޝަލް ވިދާޅުވިއެވެ. ޕަލްޓެލް އިން ވަނީ ތެޔޮ ހުުސްވެ، ކަރަންޓު ކެނޑި، މުޅި ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކެނޑިގެން ހިނގައިދާނެ ކަމުގެ ބިރުއެބައޮތް ކަމަށް ބުނެފައެވެ.

ކޮންމެ ދެ ދުވަހަކުން އެއް ދުވަހު، ޣައްޒާއަށް 140،000 ލީޓަރުގެ ތެޔޮ އެތެރެކުރުމަށް އިސްރާއިލުން އެއްބަސްވެފައިވާއިރު، އެހީދޭ ގްރޫޕްތަކުން ވަނީ މިއީ ޣައްޒާއަށް ބޭނުންވާ ވަރަށްވުރެ މާ މަދު އަދަދެއްގެ ތެޔޮ ކަމަށް ބުނެފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، އިސްރާއިލުން ވަނީ ޣައްޒާއަށް ހަމަލާތައް ދޭން ފަށައި، އެސަރަހައްދަށް ތެޔޮ އެތެރެކުރުން މަނާކޮށްފައެވެ. މިއާއެކު ފާއިތުވި މަސް ދުވަހަށްވުރެ ގިނަ ދުވަހު ޣައްޒާއަށް ތެޔޮ އެތެރެކުރެވިފައެއް ނުވެއެވެ. މިއާއެކު ޣައްޒާއަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ތެޔޮ ނުލިބުމުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރާ އުޅަނދުތައް ނުދުއްވުމާއި، އަނިޔާލިބިފައިވާ މީހުން އުފުލުމަށް އެމްބިއުލަންސްތައް ނުދުއްވުމުގެ އިތުރުން ކަރަންޓު ކެނޑުމުގެ ސަބަބުން ހޮސްޕިޓަލްތައް ބަންދުކުރަން ޣައްޒާއަށް މަޖުބޫރުވެގެންދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި