ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 09:11
އިސްރާއީލުގެ ޖަލުން ދޫކޮށްލި ފަލަސްތީނުގެ މީހަކަށް އާއިލާ އިން މަރުހަބާ ކިޔަނީ
އިސްރާއީލުގެ ޖަލުން ދޫކޮށްލި ފަލަސްތީނުގެ މީހަކަށް އާއިލާ އިން މަރުހަބާ ކިޔަނީ
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
އިސްރާއީލުން ހޮނިހިރު ދުވަހު 183 ފަލަސްޠީނު މީހުން މިނިވަން ކޮށްފި
ފަލަސްޠީނު ގައިދީންގެ އެޑްވޮކަސީ ގްރޫޕާއި ފަލަސްޠީނު ރެޑް ކްރެސެންޓުން ކަށަވަރުކޮށްދީފައި ވަނީ ދޫކޮށްލެވުނު ހަތް ގައިދީން ހުޅަނގު އައްސޭރީގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައިވާ ކަމަށް

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ހޮނިހިރު ދުވަހު 183 ފަލަސްޠީނު މީހުން ދޫކޮށްލައިފިއެވެ.

ދޫކޮށްލި ބައެއް މީހުން ވީޑިއޯ ތަކުން ފެންނަ ގޮތުގައި ތިބީ ބަލިކަށިވެ ވަރަށް އަނަރޫފަވެފައެވެ. ބަލިކަށި ވުމުގެ ސަބަބުން އެކަކު ގެނައީ އުފުލައިގެން ކަން ފާހަގަ ކުރެވެއެވެ.

އިސްރާއީލުގެ ޖަލުތަކުން ފަހަކަށް އައިސް ދޫކޮށްލި ގިނަ ފަލަސްޠީނު މީހުންގެ ކިބައިން ޖިސްމާނީ ބޮޑެތި އަނިޔާތަކާއި ބަނޑަށް ޖައްސާފައި ތިބި ކަމުގެ ނިޝާންތައް ފެންނަން ހުރިކަން ބައިނަލް އަގްވާމީ މީޑިއާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ. ޖަލުތަކުގައި ފަލަސްތީނު މީހުންނަށް އަނިޔާ ކުރާ ކަމަށް ބަންދުން ދޫކޮށްލާ މީހުން އާންމު ގޮތެއްގައި ބުނާކަން ފާހަގަ ކުރެވެއެެވެ.

އިސްރާއީލުގެ ޖަލު ތަކުގައި ބަންދުކޮށްފައި ތިބޭ ފަލަސްޠީނު މީހުންނަށް ދޭ ކާނާގެ މިންވަރު ގަސްދުގައި މަދުކޮށް، ދިރިހުރުމަށް ބޭނުންވާ އެންމެ ދަށް މިންވަރަށް ތިރިކޮށްފައިވާތީ އިސްރާއީލަށް ފާޑު ކިޔުން ވަނީ އަމާޒު ވެފައެވެ.

މި ކަމަކީ އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްވީރުގެ އަމުރަށް ފާއިތުވި އަހަރު ކުރަން ފެށި ކަމެކެވެ.

އޭޕްރިލް 2024 ގައި ދެއްކި ވާހަކައެއްގައި ފަލަސްޠީނުގެ ގައިދީންގެ "ބޮލަށް ބަޑި ޖަހާ މަރަންވީ" ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އިސްރާއީލުގެ ކްނެސެޓްގައި ފަލަސްތީނު މީހުން މެރުމަށް ހުއްދަދޭ ބިލެއް ފާސްކުރުމަށް ވެސް އޭނާ ގޮވާލިއެވެ. "އެހެން ވަންދެން، އަހަރެމެން އެމީހުންނަށް ދޭނީ ދިރިހުރުމަށް ބޭނުންވާ އެންމެ މަދު މިންވަރުގެ ކާނާ. އަހަރެން އެކަމާ ކަންބޮޑެއް ނުވަން،" އޭނާ ބުންޏެވެ.

އޮކްޓޯބަރު މަހު، އިސްރާއީލުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނީ އިސްރާއީލުގެ ޖަލުތަކުގެ ހާލަތު އިސްރާއީލުގެ ޤާނޫނާ އެއްގޮތްވާން ޖެހޭނެ ކަމަށެވެ. އިސްރާއީލު ޕްރިޒަން ސަރވިސް (އައިޕީއެސް) ގެ ތަރުޖަމާނެއް ސީއެންއެން އަށް ހޮނިހިރު ދުވަހު ބުނެފައިވަނީ އައިޕީއެސް "ޤާނޫނުގެ މާއްދާތަކާ އެއްގޮތަށް ޢަމަލުކުރަމުންދާ" ކަމަށާއި "ބޭނުންވާ ހުރިހާ އަސާސީ ޙައްޤުތަކެއް ދެމުން ދަނީ ޕްރޮފެޝަނަލް ތަމްރީނު ލިބިފައިވާ ޖަލު ބަލަހައްޓާ މީހުން މެދުވެރިކޮށް" ކަމަށެވެ.

ހޮނިހިރު ދުވަހު ދޫކޮށްލެވުނު ފަލަސްޠީނު ބަންދުމީހުންގެ ތެރެއިން 18 މީހުން ތިބީ އުމުރަށް ޖަލަށް ޙުކުމްކޮށްފައެވެ.  

"ހަމާސް އިން ބަޔާނެއްގައި ބުނެފައިވަނީ، 'ހައްޔަރުން ދޫކޮށްލުމާއެކު ހަތް މީހުން ވަގުތުން ހޮސްޕިޓަލްތަކަށް ބަދަލުކުރެވުނު ކަމަކީ... އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީންނަށް ކުރަމުންދާ އަނިޔާތައް ދައްކުވައިދޭ ކަމެކެވެ.'

ފަލަސްޠީނު ގައިދީންގެ އެޑްވޮކަސީ ގްރޫޕާއި ފަލަސްޠީނު ރެޑް ކްރެސެންޓުން ކަށަވަރުކޮށްދީފައި ވަނީ ދޫކޮށްލެވުނު ހަތް ގައިދީން ހުޅަނގު އައްސޭރީގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައިވާ ކަމަށެވެ.

'މިއަދު ދޫކޮށްލެވުނު ހުރިހާ ގައިދީންނަށް ވެސް ޞިއްޙީ ފަރުވާގެ ބޭނުން ވެއެވެ..... އެއީ ޖަލުގައި އެމީހުންނަށް ކުރިމަތިކުރުވި އަނިޔާތަކުގެ ސަބަބުންނެވެ،' އެޑްވޮކަސީ ގްރޫޕުން ބުނެފައިވެއެވެ.

އިސްރާއީލުގެ ބަންދުގައި ތިބޭ ފަލަސްޠީނު މީހުންނަށް ކުރާ އަނިޔާތައް އެ ގްރޫޕުން ވަނީ ކުރިން ވެސް ކުށްވެރިކޮށްފައެވެ.

ޖެނީވާގައި ހުންނަ ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރ އިން ބުނެފައިވަނީ އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލެވުނު ގިނަ ފަލަސްޠީނު ގައިދީންގެ ޞިއްޙީ ޙާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ގިނަ މީހުންގެ ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިވެފައިވާ ކަމަށެވެ. މިއީ ގަސްތުގައި ބަނޑަށް ޖެއްސުމުގެ ސާފު ހެއްކެކެވެ."                

- ކޮމެންޓް