ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 21:14
ޝިފާ ހޮސްޕިޓަލުގެ ތެރެއިން މަރުގެ ވަސް ނުފިލާކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު، މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވި
ޝިފާ ހޮސްޕިޓަލުގެ ތެރެއިން މަރުގެ ވަސް ނުފިލާކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު، މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވި
ރޮއިޓާސް
ފަލަސްތީނު-އިސްރާއީލް ހަނގުރާމަ
މުޅި ހޮސްޕިޓަލުން މަރުގެ ވަސް ނުފިލާ: ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު
ދުވަސް ނުފުރައި ވިހާފައިތިބި ކުދިންނަށް ފަރުވާދެމުންދާ އިމާރާތުގެ ހާލަތާއި، އެކުދިންގެ ހާލުވެސް ނޭނގޭ
މުޅި ހޮސްޕިޓަލުން ފެނާއި ކަރަންޓާއި އޮކްސިޖަންވެސް ވަނީ ކަނޑާލާފައި
ފަރުވާ ނުދެވުމުގެ ސަބަބުން، ބަލިމީހުންގެ އަނިޔާވެފައިވާ ފާރުގަނޑުތައް ކުނިވެ، މުޅި ހޮސްޕިޓަލުގައި އެ ވަސް ދުވާ

ޝިފާ ހޮސްޕިޓަލުގެ ތެރެއިން މަރުގެ ވަސް ނުފިލާކަމަށް، އެހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ސަލްމިޔާ ވަނީ، އިސްރާއީލު ސިފައިން ދަނީ އަދިވެސް ޝިފާ ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތަކަށް އިސްރާއީލު ސިފައިން ވަންނަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލު ސިފައިން ހޮސްޕިޓަލުގެ އެކި އިމާރާތްތަކަށް ވަންނަމުންދާއިރު، ބަލިމީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް، ބޭނުންވާ ތެޔޮ ފޯރުކޮށްދޭން އެމީހުން އަދިވެސް ދެކޮޅުހަދަމުން ދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެއް އިމާރާތުން އަނެއް އިމާރާތަށް ނުދެވޭއިރު، ޑޮކްޓަރުންނާ ގުޅައި ފަރުވާދެމުންދާ މީހުންގެ ހާލު ބެލެންވެސް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ.

ދުވަސް ނުފުރައި ވިހާފައިތިބި ކުދިންނަށް ފަރުވާދެމުންދާ އިމާރާތުގެ ހާލަތާއި، އެކުދިންގެ ހާލުވެސް ނޭނގޭކަމަށް ސަލްމިޔާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލު ސިފައިން ހޮސްޕިޓަލަށް ވަންނަން ފެށިފަހުން، މުޅި ހޮސްޕިޓަލުން ފެނާއި ކަރަންޓާއި އޮކްސިޖަންވެސް ކަނޑާލާފާ ވާކަމަށާއި، އިސްރާއީލު އަސްކަރިއްޔާއިން އޭނާއަށް ގުޅަން މަސައްކަތްކޮށްފައި ނުވާކަމަށްވެސް ސަލްމިޔާ ވިދާޅުވިއެވެ.

ސަލްމިޔާ ވަނީ، ފަރުވާ ނުދެވުމުގެ ސަބަބުން، ޒަޚަމްވެފައިވާ މީހުންގެ ފާރުގަނޑުތައް ކުނިވެ މުޅި ހޮސްޕިޓަލުގައި އެވަސް ދުވާކަމަށާއި، ހޮސްޕިޓަލުން މަރުގެ ވަސް ނުފިލާކަމަށް ވިދާޅުވެފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އެ ހޮސްޕިޓަލުގެ ތެރޭގައި ގާތްގަނޑަކަށް 2،500 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި މެޑިކަލް ޓީމުތަކާއި، ޒަޚަމްވި 600 މީހުންނާއި 36 ކުޑަކުދިން ހިމެނޭއިރު ހޮސްޕިޓަލުން ހިޔާވަހިކަން ހޯދަމުންދާ، ގެދޮރު ގެއްލިފައިވާ މީހުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް