އިނގިރޭސި ޕްރެމިއާ ލީގުގައި އާސެނަލް ކޮޅަށް ނިއުކާސަލްއިން މިހަފުތާގެ ހޮނިހިރު ދުވަހު ޖެހި ގޯލަކީ ރަނގަޅު ގޯލެއް ކަމަށް ޕްރެމިއާ ލީގުގެ އިންޑެޕެންޑެންޓް ކީ މެޗު އިންސިޑެންޓް ޕެނަލުން ނިންމައިފި އެވެ.
އެ ޕެނަލުން ނިންމީ މެޗުގައި ޖެހި ހަމައެކަނި ގޯލު ބަލައިގަތުމަށް ވީއޭއާރު ބެލުމަށްފަހު ރެފްރީ އާއި ވީއޭއާރު ޓީމުން ނިންމި ނިންމުމަކީ ބަރާބަރު ނިންމުމެއް ކަމަށެވެ. އެކަމަކު ރެފްރީ ދައްކަންޖެހޭ މުހިންމު ދެ ރަތްކާޑު ނުދައްކައި ދޫކޮށްލާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ޕެނަލްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ވޯޓާއެކުގަ އެވެ.
ނިއުކާސަލްގެ އެންތަނީ ގޯޑަން މެޗުގައި ޖެހި ގޯލު ވީއޭއާރުގެ ތިން އެންގަލަކުން ބަލާފައިވެ އެވެ. އަދި ރެފްރީ އެ ގޯލު ބަލައިގަތުމަށް ނިންމުމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ޕެނަލުން ނިންމާފައިވަނީ އާސެނަލްގެ ކައިހަވަޓްޒް އާއި ނިއުކާސަލްގެ ބުރޫނޯ ގުއިމަރޭޒް އަށް ދައްކަންޖެހޭ ރަތްކާޑު ރެފްރީ އަށް ދެއްކިފައިނުވާ ކަމަށެވެ.