ކަރަބޯ ކަޕްގެ ހަތަރު ވަނަ ބުރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް އާސެނަލް އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އާސެނަލްގެ މިކޭލް މެރީނޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ވެސް އާސެނަލް އިން ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސް ކުރި އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި އާސެނަލް އަށް އެ ލަނޑު ޖަހައިދިނީ އީތަން އެންވަނޭރީ އެވެ. އެއީ މީލްސް ލެވިސް ސްކެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގައި އިތުރު ލަނޑު ޖަހަން އާސެނަލް އަށް މަސައްކަތް ކުރިއިރު، ދެ ވަނަ ލަނޑެއް އެ ޓީމުން ޖެހީ 76 ވަނަ މިނެޓުގަ އެވެ. އާސެނަލްގެ އަންދްރޭ ހެރިމަން އަނޯސް ފޮނުވާލި ބޯޅަ ބްރައިޓަންގެ ގޯލު ކީޕަރު މަތަކުރި ވަގުތު ރީބައުންސަށް އައި ބޯޅަ ގޯލަށް ފޮނުވާލައިގެން ދެ ވަނަ ލަނޑު ޖެހީ ބުކަޔޯ ސަކާ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މުބާރާތުގެ ކުއާޓާ ފައިނަލް އިން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ބްރައިޓަން އަކީ ވެސް ވަރުގަދަ ޓީމަކަށްވާއިރު، އެ ޓީމު ބަލިކޮށް ކުއާޓާ ފައިނަލް އިން ޖާގަ ހޯދީ ރަނގަޅު ކުޅުމެއް ދައްކައިގެން ކަމަށް އޭނާ ބުންޏެވެ.
އާޓެޓާ ބުނީ އާސެނަލް ބޭނުން ވަނީ ރަނގަޅު މިސްރާބުގައި ކުރިއަަށް ދާން ކަމަށާއި، މިވަގުތު އެ ޓީމު އޮތީ ރަނގަޅު ޙާލަތެއްގައި ކަމަށެވެ. ކުޅުންތެރިންގެ މެދުގައި ވެސް އޮތީ ވަރަށް ޕޮޒިޓިވް ރޫޙެއް ކަމަށާއި، ކުޅުންތެރިން ކުރާ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ބްރައިޓަން މެޗުގައި ވެސް ބައެއް ކަހަލަ އުނދަގޫތައް ދިމާވި ކަމަށާއި، އެކަންކަމަށް ކުރިއަށް އޮތް ތަނުގައި ސަމާލުކަން ދޭނެ ކަމަށެވެ.
މިވަގުތު ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއް ވަަނައިގައި އާސެނަލް އޮތްއިރު، ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލްގައި އާސެނަލް ނިކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.