Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2025 | ބުދަ 11:42
އާސެނަލް އަށް ކުޅެމުން އަންނަ ބުކަޔޯ ސަކާ
އާސެނަލް އަށް ކުޅެމުން އަންނަ ބުކަޔޯ ސަކާ
ރޮއިޓަރސް
ފުޓްބޯޅަ
ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް
ސަކާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް އާސެނަލް އިން ކުރިއަށް ގެންދަމުން އަންނައިރު، އެ ކުލަބުން ބޭނުން ވަނީ ދިގު މުއްދަތަކަށް އޭނާގެ އެއްބަސްވުން އައު ކުރަން ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

އާސެނަލް އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބުކަޔޯ ސަކާގެ އެއްބަސްވުން އައު ކުރުމަށް އެ ކުލަބުން އަންނަ މަސައްކަތުގައި ކުރިއުރުން ލިބެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް އާސެނަލް އިންނެވެ. 2018 ވަނަ އަހަރު ސަކާ އޭނާގެ ސީނިއާ ކެރިއަރު އާސެނަލް އިން ފަށާފައިވާއިރު، އެންމެ ފަހުން އާސެނަލްއާ އެކު ސަކާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، އާސެނަލް އިން އަންނަނީ ސަކާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސަކާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް އާސެނަލް އިން ކުރިއަށް ގެންދަމުން އަންނައިރު، އެ ކުލަބުން ބޭނުން ވަނީ ދިގު މުއްދަތަކަށް އޭނާގެ އެއްބަސްވުން އައު ކުރަން ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އާސެނަލްގެ ބައެއް އިސް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ސަކާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށެވެ.

އެގޮތުން އައު އެއްބަސްވުމުގެ ދަށުން ސަކާ އަށް ދޭނެ މުސާރައަކާ ގުޅޭ ގޮތުން ވެސް ދެ ފަރާތަކުން މަޝްވަރާ ކުރަމުން އަންނައިރު، މަޝްވަރާތަކާ މެދު ދެ ފަރާތް ވެސް ތިބީ ހިތްހަމަ ޖެހިގެން ކަމަށް ބުނެފައިވެ އެވެ. ޚާއްސަކޮށް ސަކާ ވެސް ހުރީ އާސެނަލްގެ އެއްބަސްވުން އައުކޮށް، އެ ކުލަބާ އެކު ކުރިއަށް ދާން ބޭނުންވެފައި ކަމަަށް ބުނެފައިވެ އެވެ. މީގެ ކުރިން ސަކާ ވަނީ އޭނާ އާސެނަލްގައި ހުންނަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އާސެނަލް އިން ސަކާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭނާ ބަހައްޓަން އެންމެ ބޮޑަށް ބާރު އަޅަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ޚާއްސަކޮށް ސަކާ އަކީ އާޓެޓާގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިޔަކަށްވާއިރު، ސަކާ އެ ކުލަބުގައި ހުރުމަކީ އާޓެޓާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.'

އާސެނަލްގައި މިހާތަނަށް ހޭދަކޮށްފައިވާ އަށް ސީޒަންގެ ތެރޭގައި ސަކާ ވަނީ އެ ކުލަބަށް ކުޅެދިން 273 މެޗުގައި 73 ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު އޭނާ ވަނީ އެފްއޭ ކަޕްގެ އިތުރުން، އެފްއޭ ކޮމިއުނިޓީ ޝީލްޑު ވެސް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް