ޕޭހާމަނައިޒޭޝަންއަށް 250 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ބުނެފައިވަނީ މެދުރާސްތާގައި އަލަށް ފަށާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޖާގައަށް ބަލާއިރު، 2024 ވަނަ އަހަރު އައު ހަރަކާތްތަކަށް ކަނޑައެޅިފައިވާނީ 808.4 މިލިއަން ރުފިޔާ ކަމަށެވެ.
މިއީ ދައުލަތުން ފަށާފައިވާ ޕޭހަމަނައިޒޭޝަންގެ މަސައްކަތްތަކަށް ކަނޑައަޅައިފައިވާ 250.0 މިލިއަން ރުފިޔާއާއި ކޮމޯޑިޓީ ރިސްކް ހެޖިންގެ މަސައްކަތްތަކަށް ކަނޑައަޅާ 308.4 މިލިއަން ރުފިޔާއާއި ބަޖެޓުގައި ހިމަނަން ބޭނުންވާ އެހެނިހެން އައު ހަރަކާތްތަކަށް ކަނޑައަޅައިފައިވާ 250.0 މިލިއަން ރުފިޔާއެވެ.
އަދި އެ އަހަރު އައު މަޝްރޫއުތައް ފެށުމަށް ކަނޑައަޅާފައިވާ ޖުމްލަ ޖާގައަކީ 500.0 މިލިއަން ރުފިޔާއެވެ.
ބޭސްލައިން ޚަރަދާއި، ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ އަދަދުތަކާއި، ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ރިއާޔަތްކޮށް 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދެދެކެވެ.
އަދި 2024 ވަނަ އަހަރު ޚަރަދު ހުންނާނެކަމަށް އަންދާޒާކުރެވެނީ 48 ބިލިއަން ރުފިޔާގައެވެ. އަދި ޚަރަދު ކުޑަކުރަން ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވުމުން މި އަދަދު 2025 ވަނަ އަހަރު 44.9 ބިލިއަން ރުފިޔާއަށް ކުޑަވާނެކަމަށް ލަފާކުރެވޭއިރު، މެދުރާސްތާގައިވެސް ޚަރަދު އިތުރުވަމުންދާނީ އަހަރަކު އެވަރެޖްކޮށް 0.5 އިންސައްތައިންކަމަށް ލަފާކޮށްފައިވެއެވެ.
ދައުލަތުގެ ޚަރަދާއި އާމްދަނީގެ ސިޔާސަތުތަކަށް ގެންނަން ހުށަހަޅާ ބަދަލުތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 9.8 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 8.5 އިންސައްތައެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް އެ އަހަރު ހުންނާނެކަމަށް ލަފާކުރެވެނީ 4.5 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.9 އިންސައްތައެވެ.
މެދުރާސްތާގައި ދައުލަތުގެ އާމްދަނީއާ ޚަރަދުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ކުޑަކޮށް، ބަޖެޓުގެ ޕްރައިމަރީ ބެލެންސް އަރަނިކުރެވޭނެކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.