Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 13:09
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ
އެމްޑީޕީ
2026 ގެ ބަޖެޓް
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު
ބަޖެޓު 13.6 އިންސައްތައިން ، ހަރަދު 11.1 އިންސައްތައަށް ބޮޑުވެފައިވާއިރު، އާމްދަނީ އިތުރު ވަނީ 6.6 އިންސައްތަ
މިހާރު އަންނަ ހުރިހާ ގޯހެއް އަންނަ އަހަރު ތަކުރާރުވާނެ
2025 ވަނަ އަހަރުގެ ބަޖެޓުން ކުރަން ބުނި އެއްވެސް ކަމެއް ހާސިލެއް ނުވޭ

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މި ސަރުކާރުގެ 2026 ވަނަ އަހަރުގެ ބަޖެޓަކީ އެއްވެސް ޕްލޭނެއް ނުވަތަ ރޭވުމެއްގެ މައްޗަށް ހެދިފައިވާ ބަޖެޓެއް ނޫން ކަމަށާއި، ރައްޔިތުންގެ ހުރި މައްސަލަތަކަށް ބަޖެޓުން ހައްލެއް ހޯދުމުގެ މަގެއް ދައްކައިދީފައި ނުވާ ކަމަށެވެ.

ހުރިހާ ކަމެއްވެސް މިހާރު ހިނގާ ބީދައިން ހިނގަން ދޫކޮށްފައިވާ ބަޖެޓެއް ކަމަށާއި، މިހާރު އަންނަ ހުރިހާ ގޯހެއް އަންނަ އަހަރު ތަކުރާރުވާނެ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހައެއް ހޯދައިނުދެވޭ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އާއްމު ޚިދުމަތްތައް ހަރުދަނާ ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ބަޖެޓު 13.6 އިންސައްތައިން ، ހަރަދު 11.1 އިންސައްތައަށް ބޮޑުވެފައިވާއިރު، އާމްދަނީ އިތުރު ވަނީ 6.6 އިންސައްތަ އިން ކަމަށެވެ. މީގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން އިތުރެއް ނުވާ ކަމަށާއި، މިއީ ދަރަނި އިތުރުވާ ބަޖެޓެއް ކަމަށެވެ.

ހަރަދުތައް ވަނީ ބޮޑު. އެއްވެސް ރީފޯމެއް ނެތް. މިހާރު ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން ގިނަ ކަންތައްތައް ބޭނުން ކުރޭ. މިސާލަކަށް އައު ޓެކްނޮލޮޖީ އަދި އޭއައި ސިޔާސަތުތައް ވެސް ކުރިއަށް ނެރެ ވަރަށް ގިނަ ކަންތައްތައް އީޖާދު ކުރޭ. އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ ކުރިއަށް ހުށަހަޅާފައިވާ 2026 ވަނަ އަހަރުގެ ބަޖެޓުގައި މީގެ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވޭ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

2025 ވަނަ އަހަރުގެ ބަޖެޓުން ކުރަން ބުނި އެއްވެސް ކަމެއް ހާސިލް ނުވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ޓެކްސް ބޮޑު ކުރި ނަމަވެސް އާމްދަނީ ބަޖެޓު ކުރި މިންވަރަށް ނުލިބުނު ކަމަށާއި، ބަޖެޓަށް ވުރެ މިހާރުގެ އާމްދަނީގެ އަންދާޒާ 1.9 ބިލިއަން ރުފިޔާ މަދު ކަމަށެވެ.

މީގެ އިތުރުން ހިލޭ އެހީ ވެސް ނުހޯދޭ ކަމަށާއި، ރައީސް މުއިއްޒާއި، ސަރުކާރުގެ ބޭފުޅުން ކުރެއްވި ދަތުރުފުޅުތަކުން ހާސިލް ކުރެވުނު ކަންތައްތަކާމެދު ވެސް އަމީރު ވަނީ ސުވާލު އުފައްދަވާފަ އެވެ.

އަމީރު ވިދާޅުވީ އަހަރުގެ މިހާތަނަށް 39.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު، ބާކީ އޮތް 2 މަހު ތެރޭގައި 16.7 ބިލިއަން ރުފިޔާ ހަރަދުކޮށް ބަޖެޓު ހުސްކޮށްލުމަށް އަމާޒު ހިފާފައިވާ ކަަމަށެވެ. މި ހުސް ކުރުމުން ރައްޔިތަކަށް ލިބޭ ފައިދާއެއް ނެތް ކަމަށާއި، މި ބަޖެޓު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދީގެން ހިންގަނީ ޖަރީމާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އަމީރު ވިދާޅުވީ ބަޖެޓަށް ފައިނޭންސް ހޯދަން ޖެހުނު މިންވަރު ވީ އިތުރު ކަމަށާއި، ނަމަވެސް ފައިނޭންސް ނުކުރެވި، ނިމޭއިރު ހުންނަނީ ނުދައްކާ ހުންނަ ބިލުތައް ކަމަށެވެ.

- ކޮމެންޓް