Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 11:54
ބިޑް ކުރުމެއް ނެތި ބޭނުން ބަޔަކަށް މަޝްރޫއުތައް ބަހާލުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ
ބިޑް ކުރުމެއް ނެތި ބޭނުން ބަޔަކަށް މަޝްރޫއުތައް ބަހާލުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ފިނޭންސް މިނިސްޓްރީ
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
ބައިނަލްއަގުވާމީ ގައުމުތަކުގެ އިތުބާރު އަލުން ލިބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވޭ
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ޖުމްލަ 30.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ އިރު ޖުމްލަ ލިބިފައި ވަނީ 30.7 ބިލިއަން ރުފިޔާ

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ބިޑް ކުރުމެއް ނެތި ބޭނުން ބަޔަކަށް މަޝްރޫއުތައް ބަހާލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މި ހިނގާ އަހަރުގެ ދައުލަތުގެ އާމްދަނީއަށް ބަލާއިރު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 ޕަސެންޓަށް އުފުލިގެންދާނެ ކަމަށެވެ. އަދި މިއީ އިގްތިސާދީ ހަރަކާތްތައް ރަނގަޅުވުމަށް ޒިންމާދާރު ފިޒްކަލް މެނޭޖްމަންޓުގެ ނަތީޖާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެގެ ބަނގުރޫޓުވުން ތުންފަތް މަތީގައިވާ ގައުމެއް ކަމަށް މިހާރު ނުދެކޭކަމީ ލިބޭ އެންމެ ބޮޑު އެއް އުފާ ކަމަށާއި، ބައިނައިލް އަގުވާމީ ގައުމުތަކުގެ އިތުބާރު ވެސް އަލުން ލިބެމުންދާ ކަމަށެވެ.

ދިވެހިރާއްޖެގެ ބަނގުރޫޓުވުން ތުންފަތް މަތީގައިވާ ގައުމެއް ކަމަށް މިހާރު ނުދެކޭކަމީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން. ބައިނަލްއަގުވާމީ އިތުބާރު އަލުން ގާއިމް ކޮށް އެކުވެރި ގައުމުތަކުގެ ކިބައިން ދަރަނީގެ ލުއިތައް ހޯދާފައިވޭ. ދިވެހިރާއްޖެއަކީ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި މިހާރު ވަނީ ބަލައިގަންނަން ފަށާފައި.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

މީގެ އިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ މި ސަރުކާރަށް ވާރުތަ ވެފައިވާ ބިލުތައް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންނަށް ފައިސާ ދޫ ކުރަމުންދާ ކަމަށެވެ. އަދި މިހާރު ތަރައްގީގެ މަޝްރޫއުތައް ހަވާލު ކުރަމުން ދަނީ އެ މަސައްކަތް ކުރެވޭ ގާބިިލް ކުންފުނިތަކާ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ރައްކާތެރި ބަނދަރުތަކާއި، ރަނގަޅު ސްކޫލުތަކާއި، ސިއްހީ ޚިދުމަތް ދޭ ތަންތަނާއި، ޒަމާނީ ކުނި މެނޭޖް ކުރެވޭ ސެންޓަރުތަކުގެ އިތުރުން ޒުވާނުންގެ ފިޓްނަސް ޔަގީން ކުރެވޭ ފިޓްނަސް ސެންޓަރުތަކެއް ކަމަށާއި، ރަނގަޅު ޚިދުމަތްތަކެއް ކަމަށެވެ. އަދި އެ އަމާޒަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ކުރީ ސަރުކާރުން ގައުމުގެ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށާއި، ބަނގުރޫޓުވަމުންދާ ކަމުގެ އިންޒާރު ވެރިކަމާ ހަވާލުވެވަޑައިގަންނަވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވާފައިވެ އެވެ. ނަމަވެސް އޭރު ގައުމު އޮތީ އެފަދަ ހާލަތެއްގައި ނޫން ކަމަށް ކުރީ ސަރުކާރުން ބުނެފައިވެ އެވެ.

ނަމަވެސް މިސަރުކާރުން މިހާރު އަމަލު ކުރަމުންދާ ގޮތުން، ރާއްޖެ ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް އިގްތިސާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ. އަދި އޮކްޓޯބަރު 16 ވަނަ ދުވަހާ ހަމަ އަށް ދައުލަތުގެ ޚަރަދާއި އާމްދަނީ އަށް ބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު ތައް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމާއި ޚަރަދުތައް ކުޑަކުރުމަށް ރައްޔިތުންނަށް އެހީތެރިވުމަށް އޮންނަ ސަބްސިޑީ ބަޖެޓް ހުސްވެފައިވާކަން ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ވަނީ ހާމަ ވެފަ އެވެ. މި ރިޕޯޓުގައި ގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ 30.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ އިރު ޖުމްލަ ލިބިފައި ވަނީ 30.7 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ކުރީގެ އަންދާޒާ އާ އެއް ގޮތައް އިގްތިސާދު ކުރި ނާރާނެ އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވަނީ، އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަަޅާ ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ޖީޑީޕީ ކުރިއަރާފައި ވަނީ 2.5% އަށް ކަމަށެވެ. 2025 ވަނަ އަހަރުގެ މޭ މަހު ސަރުކާރުން ތައްޔާރު ކުރި ފޯކާސްޓް ތަކުގައި، 2025 ވަނަ އަހަރުގެ އަހަރީ ޖީޑީޕީ އަސާސީ ސިނާރިއޯގައި 4.5% އަށް ކުރިއަރާނެ ކަމަށާއި އަދި އޯލްޓަރނޭޓިވް ސިނާރިއޯ އެއް ގައި 5.6% އިން ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ

ނަމަވެސް އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓު ބުނާ ގޮތުން މި އަންދާޒާ ތަކާ އެއްގޮތައް އިގްތިސާދު ކުރިއަރަމުން ގޮސްފައެއް ނުވެއެވެ.

- ކޮމެންޓް