މޮރޮކޯ އަންހެން ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް، ސްޕެއިންގެ ޖޯޖް ވިލްޑާ ހަމަޖައްސައިފި އެވެ.
އެ މަގާމަށް ވިލްޑާ ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ފްރާންސްގެ ރެނާލްޑް ޕެޑްރޯސް މަގާމުން ވަކި ކުރުމަށްފަހު އެވެ. ވިލްޑާ އެންމެ ފަހުން ހުރީ ސްޕެއިން ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށެވެ. އޭނާ ވަނީ މިއަހަރު އޮތް ފީފާ އަންހެން ވޯލްޑް ކަޕް ސްޕެއިން އަށް ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް. މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ވިލްޑާ މަގާމުން ވަކިކޮށްފަ އެވެ. އެ މަގާމުން ވިލްޑާ ވަކިކުރީ، މިއަހަރު އޮތް ފީފާ އަންހެން ވޯލްޑް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލެސް އަންހެން ކުޅުންތެރިޔަކަށް ބޮސްދިން މައްސަލައިގަ އެވެ. އެ މައްސަލައިގައި ގިނަ ބަޔަކު ރުބިއާލެސް އަށް ފާޑު ކިޔަމުން ދަނިކޮށް، ވިލްޑާ ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
ސްޕެއިންގެ އަންހެން ޓީމުގެ ކޯޗުކަމަށް ވިލްޑާ ހަމަޖެއްސީ 2015 ވަނަ އަހަރު އެވެ. އެ ޓީމާއެކު އޭނާ ވަނީ ކާމިޔާބީތަކެއް ވެސް ހާސިލްކޮށްފަ އެވެ. އެއީ 2017 ވަނަ އަހަރުގެ އަލްގާވް ކަޕް، 2018 ވަނަ އަހަރުގެ ސައިޕްރަސް ކަޕް އަދި މިއަހަރު ކުރިއަށް ދިޔަ ފީފާ އަންހެން ވޯލްޑް ކަޕް އެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމަށް ނޮމިނޭޓްވެފަ އެވެ. ވިލްޑާ ދެކޭ ގޮތުގައި ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗުކަމުން އޭނާ ވަކިކޮށްފައި ވަނީ އިންސާފުވެރި ކޮށެއް ނޫނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މޮރޮކޯއާ ގުޅުނު ޕެޑްރޯސް ވަނީ މި އަހަރު ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާ އާއި ނިއުގައި ބޭއްވި ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައި ކޮށްދީފަ އެވެ. އެ މުބާރާތުގެ ގަދަ 16 އިން ވެސް މޮރޮކޯ ޖާގަ ހޯދި އެވެ. އެއާއެކު އެ ޓީމު ވެގެން ދިޔައީ ފީފާ އަންހެން ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދި ފުރަތަމަ އަރަބި ޤައުމަށެވެ. ނަމަވެސް ޒެމްބިއާ އަތުން އެކުވެރިކަމުގެ ދެ މެޗުން ބަލިވުމުން ޕެޑްރޯސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.