ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 10:44
ސަލްވާ ދޫނި
ސަލްވާ ދޫނި
ރޮއިޓާސް
ސަލްވާގެ ހިޖުރައިގެ މޫސުން
ވަޒީފާ ނެތް ޒުވާނުންނަށް ސަލްވާ ޚާއްޞަ ވަނީ ކީއްވެ؟
 
ޣައްޒާގެ ޝިކާރަ ކުރާ މީހުން އަވަދި ނެތި އުޅެމުން ދަނީ ސަލްވާފަދަ ދޫނިތައް ހިފޭތޯ
 
ސަލްވާއަކީ ޣައްޒާގެ ސުފުރާ މައްޗަށް ޚާއްޞަ ދޫންޏެއް

ދޫނިތަކުގެ އާބާދީއިން އެ ދޫންޏެއްގެ ވާހަކަ، މާތް ވެގެންވާ ކީރިތި ޤުރުއާންގައިވެސް ބަޔާންވެގެންވާ އެއް ދޫންޏަކީ ސަލްވާ ނުވަތަ ކުއެލް ދޫންޏެވެ. ސަލްވާއަކީ ހިޖުރަވެރި ދޫންޏަކަށް ވާ އިރު، ސަލްވާގެ ހިޖުރައިގެ މޫސުމަށް އެންމެ ފޯރީގައި ތައްޔާރު ވަމުން ދާ އެއްބަޔަކީ ޣައްޒާގެ ރަށްވެހިންނެވެ.

ސަލްވާގެ ހިޖުރައިގެ މޫސުމާ ދިމާކޮށް، ޣައްޒާގެ ޝިކާރަ ކުރާ މީހުން އަވަދި ނެތި އުޅެމުން ދަނީ އެފަދަ ދޫނިތައް ހިފޭތޯއެވެ. ބޮޑެތި ދާގަނޑުތައް ޖަހައިގެން އެ މަސައްކަތުގައި ދެމި ތިބީ، ރަނގަޅު އަގެއްގައި ދޫނިތައް ވިއްކަލުމުގެ ބޭނުމުގައެވެ. ސަލްވާއަކީ ޣައްޒާގެ ސުފުރާ މައްޗަށް ޚާއްޞަ ދޫންޏެކެވެ.

ހީވަނީ މި އަހަރަކީ ސަލްވާ ޝިކާރަ ކުރަން ވަރަށް ރަނގަޅު އަހަރެއް ހެން. މިދިޔަ އަހަރާ އަޅާ ބަލާ އިރު، 60 ޕަސެންޓް އިތުރު ވެއްޖެ. ފަހަރެއްގެ ވެދާނެ، މިއަހަރުގެ މޫސުން އޮތް ގޮތުން ހިޖުރައިގެ ސައިކަލްއަށް ފުރުޞަތު ތަނަވަސްވަނީ ކަމަށްވެސް. ކާމިޔާބު ކަމާއެކީ ހިޖުރައިގެ ދަތުރު ނިންމާލަން ފުރުޞަތު ލިބެނީ ކަންނޭނގެ. އެކަމަށްޓަކައި ﷲ އަށް ޙަމްދު ހުރި.
މުޙައްމަދު އަލް-ސާހިރު؛ ދޫނި ޝިކާރަ ކުރާ މީހެއް

ޣައްޒާގެ އައްސޭރިފަށުގެ ސަރަހައްދުގައި 200 މީޓަރު ދިގަށް އަދި 2 މީޓަރުގެ އުސްމިނަށް ދާގަނޑު އޮންނަނީ ދަމާލާފައެވެ. އެގޮތަށް އެކަން ކުރުމުން، ގިނަ ޢަދަދެއްގެ ދޫނި ހިފާ ދާގަނޑުތަކުގައި އެތައް ދޫންޏެއް ޖެހިފައި ހުރެއެވެ. އެ ސަލްވާތަކަކީ ވިލާތުގެ ފިނި މޫސުމަށް، މެދުއިރުމައްޗަށް ހިޖުރަ ކުރަމުން ދާ ދޫނިތަކެވެ.

ދަތުރުގެ ވަކި ހިސާބަކުން، ވަރުބަލި ފިލުވާލާނެ މަންޒިލަކަށް ދޫނިތައް ތިބެނީ ބަލަބަލައެވެ. ގަސްތަކުގެ ތެރޭގައި އަރާމުކޮށްލަން މަޑުޖެހިލުމާއެކުގައި ހެން އެ ދޫނިތަކުގެ ސަމާލުކަން ދަމައިގަންނަނީ ސައުންޑް މެޝިނެއްގެ އެހީގައި ދުރަށް ފޮނުވަމުން ދާ، ދޫނިތަކުގެ ހިތްގައިމު ގޮވުމުގެ އަޑުތަކެވެ. އެ އަޑުތަކަށް ހެއްލެމުން، އެ އަޑު ގެންދާ މިޞްރާބަށް ދަތުރު ކުރަމުން ގޮސް، ސަލްވާތައް، ދަލުގައި ޖެހެއެވެ.

މީ ސަލްވާ ޝިކާރަ ކުރަން ބޭނުން ކުރާ އެއްޗެއް. މި ބޭނުން ކުރާނީ ރޭގަނޑު. ގާތްގަނޑަކަށް 9 ޖަހާއިރު ފަށާ ގޮތަށް، ހެނދުނު 6 އެއް ޖަހާލަންދެން، މުޅި ރޭ ވެސް ބޭނުން ކުރަމުން ދާނީ. މީތި ވަށައިގެން ސަލްވާތައް ޖަމާ ކުރަމުން ދާނީ. ދުވާލު ގަޑީގަ، އަހަރަމެން އަޑުއަޑު ލައްވަނީ ފުޅި ބޭނުން ކޮށްގެން. އޭރުން ސަލްވާތައް އެކި ކޮޅުކޮޅަށް އުދުހިގަންނަނަ ގޮތަށް، ދާގަނޑުގަ ޖެހޭނެ.
މުޙައްމަދު އަލް-ސާހިރު؛ ދޫނި ޝިކާރަ ކުރާ މީހެއް

ޣައްޒާގެ ފަސްގަނޑުގައި ބޮޑުވާ ސަލްވާގެ އަގަކީ 5 ޝެކްލްސް (1.3 ޑޮލަރު) ކަމަށް ވީ ނަމަވެސް، ހިޖުރައިގެ ދަތުރުމަތިން އަތުލައިގަންނަ ސަލްވާގެ އަގު، 20 ޝެކްލްސް (5.2) ޑޮލަރަށްވެސް އަރައެވެ. މިކަމަކީ، ޣައްޒާގައި ވަޒީފާއެއް ނެތިފައި ތިބި ޒުވާނުންގެ އަތްމަތި ތަނަވަސްކޮށްލުމަށް އެ މީހުން ލިބިގަންނަ ރަނުގެ ފުރުޞަތަށް އޮންނަނީ ވެފައެވެ.

މަށަކީ ދޫނި ޝިކާރަކޮށް އެ ވިއްކައިގެން އާމްދަނީ ހޯދާ މީހެއް. ސަލްވާއެއްގެ އަގު އުޅެނީ ގާތްގަނޑަށް 10 ޝެކްލްސް (2.6 ޑޮލަރު). ކަލޭމެންނަށްވެސް އެނގޭނެ، މިތަން މިއޮތީ ވަރަށް ޙާލުގަ. ވަރަށް ދަތިކޮށް. އަހަރަމެން ކުރާނީ ވަކި ކޮން ކަމެއް. އެއް ކަމެއްވެސް ނެތް. ކުރާނެ މަސައްކަތެއް ނެތް. އެހެންވެ، ފަތިހު 5 ގަޑި ބައިން ފެށިގެން 10 އެއް ޖަހާލަންދެން މި ދާގަނޑުތައް ރޭވުމުގަ އަހަރަމެން އުޅެނީ. ދެން ތިބެނީ، އެއްޗެއް ޖެހެންދެން. ހަމަ ޖެހޭއިރަށް ވިއްކާލަނީ. ސަލްވާއެއް 10 ޝެކްލްސްއަށް ގަންނަން އާދޭ މީހުން.
ނޫރު ޢުމަރު؛ ދޫނި ހިފާ މީހެއް

ކަން މިހެން އޮތް ނަމަވެސް، ދަލުގައި ޖެހޭ ކޮންމެ ސަލްވާއަކީ ވިއްކާލާ ސަލްވާއެއް ނޫނެވެ. އަތްމަތި ކިތަންމެ ދަތިވި ނަމަވެސް، ޣައްޒާގެ ރަށްވެހިން ދައްކައި ދެމުން ދަނީ ރީތި މިސާލެކެވެ. އަނެކާގެ މުދަލަށް އިޚުތިރާމު ކުރުމުގެ ރީތި މިސާލެކެވެ.

މިހާރު މި ދޫނިތައް އެ ދަނީ ދަތުރު ނިންމާ، އޭގެ އުފަން މަންޒިލަށް އަނބުރާ. ދަތުރަށް އުދުއްސާލި ޤައުމަށް. ބައެއް ސަލްވާތަކުގެ ފައިގަ ހުންނާނެ އަނގޮޓި ޒާތު އެއްޗެއް އަޅުވާފަ. އޭގަ އޮންނަނީ ޤައުމެއްގެ ނަން. މިސާލަކަށް، އޮވެދާނެ 'އިޓަލީ' އޭ ޖަހާފަ. އެގޮތަށް، ފާހަގަ ޖަހާފަ ހުންނަ ސަލްވާތައް ދަލުގަ ޖެހޭއިރަށް، އަހަރަމެން އެ ދޫކޮށްލަނީ.
މުޙައްމަދު އަލް-ސާހިރު؛ ދޫނި ޝިކާރަ ކުރާ މީހެއް

ވަޒީފާ ނުލިބުމުގެ މައްސަލައަކީ ޣައްޒާގެ ޒުވާނުންގެ މެދުގައިވެސް ބޮޑުވެފައި އޮތް މައްސަލައެކެވެ. އދގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މުޅި ދުނިޔޭގެ ނިސްބަތުންވެސް ވަޒީފާ ނެތް މީހުންގެ ޢަދަދު އެންމެ ގިނަ މަންޒިލްތަކުގެ ތެރޭގައި ޣައްޒާ ހިމެނެއެވެ. ޣައްޒާގެ އާބާދީގެ 46.6 ޕަސެންޓް މީހުންނަކީ ވަޒީފާއެއް ނުލިބި ތިބި މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް