ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލަރއާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގައި ބުދަ ދުވަހުގެ ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލަރ ވަނީ، ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އިނގިރޭސި ވިލާތުގެ ސަރުކާރާ، ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ. އަދި މުއިއްޒުގެ ޒައާމަތުގައި އިނގިރޭސި ވިލާތާ ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
ސެޕްޓެމްބަރު 30 ގައި ލިބިވަޑައިގަތް ކާމިޔާބަށްފަހު، އިންތިހާބީ ރައީސް ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއްކަމުގައި އިނގިރޭސި ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މިއީ، ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް އިނގިރޭސި ވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތްގުޅުން ޑރ. މުއިއްޒުގެ ސަރުކާރުންވެސް ދަމަހައްޓަވަމުން ގެންދަވާނެކަމަށް ލިބިވަޑައިގަތް ފުރިހަމަ ޔަގީންކަމެއް ކަމުގައިވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކުވެސް އޮންނާނެކަމަށް ދެއްވި ޔަގީންކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި ހުރިހާ ދާއިރާއަކުންވެސް އިނގިރޭސި ވިލާތާއޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ދިވެހި ގައުމަށާއި ރައްޔިތުންނަށް މަންފާހުރި އައު އެތައްކަމެއް އިނގިރޭސި ވިލާތާއެކު އޮތް ގާތްގުޅުމުގެ ސަބަބުން ހާސިލްވާނެކަމުގެ އުންމީދުކުރައްވާ ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.