ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން އިންތިޒާމް ކޮށްގެން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުމުގެ ސަބަބުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހި އިއިޖީއެމްއެޗްގެ ސީސީޔޫގައި ފަރުވާ ދެމުން ގެންދާއިރު އަދިވެސް ހާލު ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެފި އެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ރަސްލާންގެ އާއިލާއިން ބުނީ، އަދިވެސް ފަރުވާ ދެމުންދަނީ ސީސީޔޫގައި ކަމަށާއި އަދިވެސް ކުރިއަށް ޕްރޮސީޖަރތަކެއް އެބަހުރި ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި، ވަކި އެއްޗެއް ބުނަން އިނގޭނީ އާދިއްތަ ދުވަހު ހަދާ ޕްރޮސީޖަރތަކަށް ފަހު ކަމަށެއެވެ. އެހެންކަމުން އަދި މިވަގުތު ހާލު ސްޓޭބަލް ނޫން ކަމަށް އާއިލާއިން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު މީހަކު އެ ހޮސްޕިޓަލަށް ގެނެސް ސީސީޔޫގައި ވަރުވާދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ޕޭޝަންޓާއި ގުޅޭ އިތުރުން މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މުޒާހަރާގެ ތެރެއިން ފުލުހުން ރަސްލާން އަށް އަނިޔާކޮށް، އޭނާގެ މޫނަށް ޕަޕަސްޕޭރޭ ވެސް ވަނީ ޖަހާފަ އެވެ. އަދި ފުރަތަމަ ސެނަހިޔާ ހޮސްޕިިޓަލްއަށް ގެންދިއުމަށްފަހު ފަހުން ވަނީ އައިޖީއެމްއެޗްއަށް އިތުރު ފަރުވާ ދިނުމަށް ގެންގޮސްފައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހުކުރު ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރަސްލާންގެ ހާލަތު ގޯސްވީ މުޒާހަރާގެ ތެރެއިން ފުލުހުން ބޭނުންކުރި އެލާމުގެ ސަބަބުން ކަމަށެވެ.
ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް [ރައީސް މުހައްމަދު] މުއިއްޒުގެ ސަރުކާރުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުން ރަސްލާނަށް ހާޓް އެޓޭކެއް ޖެހިއްޖެ، ސަރުކާރުގެ އަނިޔާވެރި އަމަލުތައް ވަނީ ހުރިހާ ހައްގެއް ފަހަނައަޅައި ގޮސްފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު![]()
ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ސޮނިކް ވެޕަން ބޭނުންކޮށްފަ އެވެ. މިއީ މުޒާހަރާއެއް ރޫޅާލުމަށް ރާއްޖޭގައި ސޮނިކް ވެޕަން ބޭނުންކުރި ފުރަތަމަ ފަހަރެވެ.
ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ.
ސަރުކާރުން ގައުމު ލޫޓުވައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައިވާތީ އެކަމާއި ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ވަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ޝުއޫރު ފާޅުކޮށްފައެވެ.
މަޖީދީ މަގުން ހިނގާފައި ދާން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރުމުން، ބާރުގެ ބޭނުންކޮށް ރަޔަޓު ގިޔަރުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ޕެޕަ ސްޕްރޭ ޖެހުމުގެ އިތުރުން ސޮނިކް ވެޕަން ބޭނުންކުރި އެވެ. މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްގެން ކަމަށް ގިނަ އަދަދެއް އާއްމުން ދަނީ ބުނަމުންނެވެ.
ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެ އެވެ.
މީގެ ތެރެއިން ޝަރުތުތަކަކާއި އެކު އެކަކު ދޫކޮށްލާފައިވާއިރު، އަނެއް ހަތް މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފި އެވެ.