ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕުލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ، ބިލްތަށް ބިލިއަނުން އަރަމުންދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗް އިން ލޭގެ ޓެސްޓު ހަދަން ބޭނުންވާ ބައެއް ސާމާނު ނެތިގެން ޓެސްޓެއް ނުހެދުނު ކަމަށް ބުނާ މައްސަލައެއް ރައްޔިތުން ގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލައިދިނުމަށް އެދި ވަނީ ހުށަހަޅާފަ އެވެ.
މިކަމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ ބޭސް ނުލިބުން އެއްބަޔަކު އަޅުވަނީ އާސަންދަ ބޮލުގައި ކަމަށެވެ. އަދި އެތަނުން ބޭސް އެޕުރޫވް ކުރަން އެތަށް މަހެއް ހޭދަ ކުރަންޖެހޭ ކަމަށް އަޑު ފެތުރިފައިވާ އިރު ހަގީގަތުގައި އައިޖީއެމްއެޗުން ތަކެތި ހުސްވަނީ ސަޕުލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ، ބިލްތަށް ބިލިއަނުން އަރަމުންދާތީ ކަމަށް މެންބަރު ވިދާޅުވި އެވެ.
ބޭސް ނުލިބުން އެއްބަޔަކު އަޅުވަނީ އާސަންދަ ބޮލުގަ، އެތަނުން ބޭސް އެޕުރޫވް ކުރަން އެތަށް މަހެއް ހޭދަ ކުރަންޖެހޭ ކަމަށްވޭ.
— Ahmed Shamheed (@Ashamhyd) November 30, 2025
އައިޖީއެމްއެޗުން ތަކެތި ހުސްވަނީ ސަޕުލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ، ބިލްތަށް ބިލިއަނުން އަރަމުންދާތީ. https://t.co/iXnC458nfp
މި މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ގެނެސް ރައްޔިތުން ގެ މަޖިލީހުގެ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޝާކިރު ރައްޔިތުން ގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އުމުރުން 18 އަހަރުގެ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ ކުއްޖަކު ކޮންމެހެން ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެކަން އައިޖީއެމްއެޗް ގެ ލެބޯޓަރީ އިން އަންގާފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނީ 18 އަހަރުގެ ކުއްޖާއަށް ޓެސްޓު ނުހެދޭނެކަން އައިޖީއެމްއެޗު ގެ ލެބޯޓަރީ އިން އެންގީ، އެ ކުއްޖާ އަށް ބޭނުންވާ ފަރުވާއެއް ފެށުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތައް ހެދޭތޯ ޔަގީން ކުރުމަށްފަހު، އެ ފަރުވާގެ ޓެސްޓު ހެދުމަށް ނަންބަރު ނަގައި، 200 އަށް ވުރެ ގިނަ މީހުންގެ ކިޔޫއަކަށް ފަހު ލޭ ނަގަން ދިޔަ ވަގުތު ކަމަށެވެ.
އޭގެ އިތުރުން އައިޖީއެމްއެޗް ގެ ލެބޯޓަރީގައި މިވަގުތު ލިތިއަމް ޓެސްޓް ހެދުމަށް ބޭނުންވާ ރިއޭޖެންޓެއް ނެތް ކަމަށާއި ޕެޓްރިޑިޝް އާއި ސްޓްރޯކް ޖެހޭ ބަލި މީހުންގެ ލޭ ދިޔާކުރުމަށް ބޭނުންވާ މުހިންމު ބޭސް ވެސް ރާއްޖޭގައި ނެތް ކަން ވަނީ ފާހަގަ ކޮށްފަ އެވެ. މި ބޭސްތަކަކީ ލޭ ދިޔާކުރުމަށް ބޭނުންކުރާ ބޭސްތައް ބޭނުންކުރާ މީހުންގެ ފަރުވާގައި ކޮންމެހެން ބޭނުންވާ ބޭސްތަކެކެވެ.
މެންބަރު ޝާކިރު ވިދާޅުވީ މި ކަންކަމަކީ މިވަގުތު ގިނަ އަދަދެއްގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ޒަރޫރީ ބޭސް ނުލިބުމުގެ ހާލަތަށް އިތުރުވާ ހިތްދަތި ކަމެއް ކަމަށެވެ.
ރައްޔިތުން ގެ މަޖިލީހުގެ އިޖްތިމާއި ކޮމެޓީ އަށް ހުށަހަޅާފައިވާ މި މައްސަލަ އާއި ގުޅިގެން ރާއްޖެއެމްވީ އިން އައިޖީއެމްއެޗް މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، ދިމާވެގެން އުޅޭ މައްސަލަ އަކީ އެނގިފައިވާ މައުލޫމާތެއް ނޫން ކަމަށާއި އަދި ލެބޯޓަރީ ގައި ދިމާވާ ކަންކަމަކީ އައިޖީއެމްއެޗް ގެ މީޑިއާ އަށް އެނގޭ ކަންކަމެއް ނޫން ކަމަށެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިންގޮތުގައި ޕެޓްރިޑިޝް އައިޖީއެމްއެޗް ގައި ނެތުމުން އޭޑީކޭ އިން ގެންނަތާ 2 ހަފްތާ ވެއްޖެ އެވެ. ޕެޓްރިޑިޝް އަކީ މައިކްރޯ ބަޔޮލޮޖީ ގައި ބެކްޓީރިއާ އަދި ފަންގަސް ފަދަ ކުދި ދިރުންތައް ކަލްޗަރ ކުރުމަށް ބޭނުންކުރާ އެއްޗެކެވެ.
ސަރުކާރު ގެ މައި ހޮސްޕިޓަލު ގައި ބޭނުންވާ ބޭސް އާއި ސާމާނު ނެތުމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އާމުން ކުރެ އެވެ.