ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 23:03
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ
ރާއްޖެއެމްވީ
ފޮރިން ޕޮލިސީ
ރައީސްގެ ފޮރިން ޕޮލިސީ އަކީ ރާއްޖެއަށް ރައްކާތެރި ޕޮލިސީއެއް: ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ
ރައީސް ސާލިހު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި މިނިވަންކަމަށް ބުރޫއަރާފަދަ ކަމެއް ނުކުރައްވާނެ
މިހާތަނަށް ރައީސް ކުރެއްވި ކަންތައްތަކުން ވެސް ޤައުމަށް އުނިކަން އަންނަ ފަދަ ކަމެއް ނުކުރައްވާ
ފިތުނަވެރި ދޮގު ނުފެތުރުމަށް އެދެން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފޮރިން ޕޮލިސީއަކީ ރާއްޖެއަށް ރައްކާތެރި ޕޮލިސީއެއް ކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ ކުދި ޤައުމުތަކުގެ ޑިފެންސަކީ ވަރުގަދަ ފޮރިން ޕޮލިސީ ކަމަށެވެ. ރައީސް ސާލިހު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި މިނިވަންކަމަށް ބުރޫއަރާފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި މިހާތަނަށް ރައީސް ކުރެއްވި ކަންތައްތަކުން ވެސް ޤައުމަށް އުނިކަން އަންނަ ފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވިއިރު އޭރު ދިފާއީ ސިޔާސަތު ލިޔުއްވީ އެބޭފުޅާ ކަމަށާއި އޭރު މަޝްވަރާ ކުރެއްވުމަށްފަހު އޭރު ނިންމެވީ އިންޑިއާ ކަނޑުގެ ސަލާމަތަކީ ރާއްޖޭގެ ސަލާމަތް ކަމަށް ވެސް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވިއެވެ.

އުތުރުތިލަފަޅާއި ގުޅުވައިގެން ވެސް ތަފާތު އެކި ވާހަކަތައް ދައުރުވާއިރު އެގޮތުން އެތަނުގައި ހަނގުރާމަ މަތީގައި ގެންގުޅޭ ކަހަލަ ޓޭންކެއް އޮންނަ ކަމަށް ވާޙަކަތައް ދެކެވެމުންދާތީ އެކަމަށް އިބްރާހީމް މުހައްމަދު ދީދީ ވަނީ ރައްދު ދެއްވާފައެވެ. އެތަނުގައި ޓޭންކެއް ބޭއްވުމުގެ މަޤްސަދަކީ ކޮބައިތޯ އާއި ޓޭންކެއް ބާއްވައިގެން ހަނގުރާމަ ކުރަނީ ކޮންބަޔަކާތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހައްސާސް ވާހަކަތައް އަދި ފިތުނަވެރި ދޮގު ނުފެތުރުމަށް އިބްރާހީމް މުހައްމަދު ދީދީ އެދިވަޑައިގެންނެވިއެވެ.

ރައީސް ޞާލިހަށް ތާއިދު ކުރައްވާ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެކަމުގެ ޔަޤީންކަން އޮތުމުން ކަމަށް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވިއެވެ.

- ކޮމެންޓް