ސްޕޭނަށް ވޯލްޑްކަޕް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަށް ސަރުކާރުން ގައުމީ ޝަރަފު ދިންއިރު ބޮޑު އޮޅުންތަކެއް އަރައިފި އެވެ.
މި މައްސަލަ ފެންމަތިވީ ސްޕޭނުގެ ސަރުކާރުގެ ރަސްމީ ގެޒެޓްގައި ކުޅުންތެރިންނަށް ނަންތައް ޖެހިއިރު ދިމާނުވުމުންނެވެ.
މި ގޮތުން ސްޕޭނުގެ އިވާނާ އަންދްރޭސްގެ ބަދަލުގައި ގެޒެޓްކޮށްފައިވާ ލިޔުމުގައިވަނީ އެ ގައުމުގައި ދިރިއުޅޭ ސެލެބްރިޓީއެއް ކަމަށްވާ އިވާނާ އިކާޑީގެ ނަމެވެ. އޭނާ އަކީ އާޖެންޓީނާގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯ އިކާޑީގެ ކޮއްކޮ އެވެ. އިވާނާ އިކާޑީ އަކީ ސްޕޭނުގެ ސެވިއްޔާގައި ދިރިއުޅެ، ޓީވީ ޝޯތައް ހުށަހަޅައިދޭ ފަރާތެކެވެ.
އޭނާއަށް ގައުމީ ޝަރަފު ލިބުނުކަން ގެޒެޓްގައި އިއުލާނުކުރުމުން އޭގެ ކޮޕީއެއް ހިއްސާކުރަމުން އިވާނާ އިކާޑީ ސޯޝަލް މީޑިއާގައި ބުނީ "މިވަރަށް އޮޅެންވީ ސަބަބަކީ ކޮބާތޯ،" އެވެ.
ކީއްވެ މިކަން މިހެންވާންވީ. މިކަހަލަ ކަމެއްގައި އެމީހުންނަށް މިހާވަރަށް (އަހަރުމެން ދެ މީހުން) އޮޅޭނެތައިވާނާ އިކާޑީ
ސޯޝަލް މީޑިއާގައި މީހުން ސަރުކާރަށާއި ސްޕޭނުގެ ކުޅިވަރާ ބެހޭ އިދާރާތަކަށް ޖޯކު ޖަހަމުންދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އަންދްރޭސް އިކާޑީ ވަކިއެއްޗެއް ނުބުނެ އެވެ.
ގެޒެޓްކުރި ރަސްމީ ލިޔުމުގައި މައްސަލަ ދިމާވީ ހަމައެކަނި އިވާނާއަކަށްނޫނެވެ. ސްޕޭނަށް ވޯލްޑްކަޕް ކާމިޔާބުކޮށްދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައިޓާނޯ ބޮންމާޓީގެ ނަން ޖަހާފައި އޮތީ ވެސް ގޯސްކޮށެވެ. ނަމަވެސް ބާސެލޯނާގެ ކުޅުންތެރިޔާ މިކަމާ ބެހޭ ގޮތުން ވަކިއެއްޗެއް ނުބުނެ އެވެ.
ކުޅުންތެރިންގެ ނަންތައް ގޯސްކޮށް ގެޒެޓްކުރެވުމުން ސްޕޭން ސަރުކާރުގެ ފަރާތުން އެ ގައުމުގެ ކުޅިވަރާ ބެހޭ އެންމެ މަތީ ކައުންސިލުން ވަނީ ގެޒެޓްކުރި ލިޔުން ކެންސަލްކޮށް، ނަންތައް ރަނގަޅު ކުރުމަށްފަހު އަލުން ގެޒެޓްކޮށްފަ އެވެ.
މި މައްސަލަ ދިމާމިވީ ވޯލްޑްކަޕް ކާމިޔާބުކުރުމުން ތަށި ދިނުމުގެ ރަސްމިއްޔާތުގައި ސްޓޭޖްމަތީގައި ހުރެ އެގައުމުގެ ކުޅުންތެރިއެއްގެ ތުންފަތަށް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް ބޮސް މައްސަލަ ފެންމަތިވެ، އޭނާ އިސްތިއުފާ ދިނުމަށް ގޮވަމުންދާ ވަގުތެއްގަ އެވެ. މި މައްސަލާގައި ސްޕޭނުގެ ކުޅުންތެރިންނާއި ސަރުކާރުން އޭނާއާ ދެކޮޅަށް ތެދުވެފައިވާއިރު ފީފާއިން ވަނީ ރުބިއަލެސް ސަސްޕެންޑްކޮށްފަ އެވެ.