ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 07:04
ރުބިއަލެސް އާއި ވިލްދާ (ވ) ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތަށް ފަހު
ރުބިއަލެސް އާއި ވިލްދާ (ވ) ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތަށް ފަހު
ބީސީސީ
އަންހެން ފުޓްބޯޅަ
ސްޕޭނުގެ އަންހެން ކޯޗު އިސްތިއުފާދީފި، ފިރިހެން ކޯޗު ނުދޭނެ
ސްޕޭނުގެ އެފްއޭ އިސްލާހު ކުރަންޖެހޭ ކަމަށް ސަޕޯޓަރުންނާއި ސަރުކާރުން ވެސް ދެކޭ

އަންހެނުންގެ ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު މެޑަލް ކަރުގައި އަޅުވަން ސްޓޭޖަށް އެރި ވަގުތު އަންހެން ކުޅުންތެރިއަކަށް ބޮސްދިން މައްސަލާގައި އިސްތިއުފާ ނުދިނުމުން ސްޕޭނުގެ ފުޓްބޯޅަ އެފްއޭގެ ރައީސް ލުއިސް ރުބިއަލެސް ފީފާއިން ސަސްޕެންޑްކުރުމާއެކު އުފެދިފައިވާ ހިޔާލުތަފާތުވުމުގައި އަންހެން ޓީމުގެ ކޯޗު ޖޯޖް ވިލްދާ އިސްތިއުފާދީފި އެވެ.

އޭނާއާއެކު އަންހެން ޓީމުގެ އެސިސްޓެންޓް މެނޭޖަރުންނާއި ފިޒިއޯ އާއި ގޯލްކީޕަރު ކޯޗުގެ އިތުރުން އެކިއެކި އުމުރުފުރާތަކުގެ ހަ ކޯޗަކު ވެސް އިސްތިއުފާދިނެވެ. ނަމަވެސް ފިރިހެން ޓީމުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ އިސްތިއުފާ ނުދޭނެ އެވެ.

ސްޕޭނުގެ އަންހެން ޓީމު ވޯލްޑްކަޕް ކާމިޔާބު ކުރުމުގެ އުފާ ފާޅުކުރަން ބޭއްވި ހަފުލާގައި ރުބިއަލެސް ވާހަކަ ދައްކައި ނިމުމުން ޑެލަފުއެންޓޭ އަކީ އޭނާ އަށް ތަރުހީބުދިނުމަށް އަތްތިލަޖެހި މީހެކެވެ. މިކަމާ އޭނާ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ރުބިއަލެސް ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި އަމަލުތައް ބަހައްޓާފައިވަނީ ޕްރޮޓޮކޯލާ ހިލާފަށް ކަމަށާއި އޭގެ ސަބަބުން އިހްތިރާމް ގެއްލޭ ކަމަށެވެ.

ފޯވޑް ޖިނީ ހާމޯސޯ އަށް ބޮސްދިން މައްސަލާގައި ފީފާއިން ވަނީ ރުބިއަލެސް 90 ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. އެއީ ފީފާގެ ގަވާއިދުގެ 13 ވަނަ މާއްދާއާ ހިލާފުވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާދިނުމަށް ސްޕޭނުގެ ސަރުކާރާއި ވަޒީރުންނާއި ކުލަބުތަކާއި ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް މިކަމާ ރުބިއަލެސް ދެކޮޅެވެ.

ސްޕޭންގެ އަންހެން ޓީމު ވޯލްޑްކަޕަށް ދިއުމުގެ ކުރިން ކުޅުންތެރިން ކޯޗާ ދެކޮޅަށް ފެޓިޝަނެއްވެސް ހެދިއެވެ. އެއީ އަންހެން ކުޅުންތެރިންނަށް އޭނާ ޖިންސީ ފުރައްސާރަކުރާ ކަމަށް ބުނެއެވެ. މި މައްސަލާގައި އެފްއޭއިން ދިފާއުކުރީ ކޯޗެވެ. އަދި އޭނާ ތަށި ހޯދީ އޭނާއާ ދެކޮޅަށް ޕެޓިޝަންހަދައި ސޮއިކުރި 12 ކުޅުންތެރިއަކު ނުލައި ޓީމު އެކުލަވާލައިގެންނެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު ގޮވަމުންދަނީ މިއީ ސްޕޭނުގެ އެފްއޭ އިސްލާހުކޮށް ބޮޑު ބަދަލެއް ގެންނަންވީ ވަގުތު ކަމަށެވެ.

- ކޮމެންޓް