ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 08:38
އިޓަލީގެ ލެޖެންޑަރީ ކީޕަރު ބުފޮން
އިޓަލީގެ ލެޖެންޑަރީ ކީޕަރު ބުފޮން
ގޫގުލް
ޖިއާން ލުއިޖީ ބުފޮން
ރެކޯޑްތަކެއްގެ ވެރިޔާ އަންގި ބާލައިފި
500 މެޗުގައި ބައިކޮޅަށް ގޯލެއް ނުވައްދައި ހިފަހައްޓާލި

ލެޖެންޑުން ތަރި އަރައި އޮއްސުމަކީ އާއްމު އުސޫލެވެ. އުމުރުން ދުވަސްވެ، ކޮންމެ ކުޅުންތެރިއަކު ވެސް ޖާޒީ ބާލަނީ އެތައް ބައެއްގެ ލޯތްބާއި ކުލުނު ހޯދައި އެތައް ހަނދާންތަކެއް މާޒީ އަށް ދޫކުރަމުންނެވެ. ފަހުރުވެރި ކާމިޔާބީތަކަކާއެކުގަ އެވެ. އެކަމަކު އެމީހުންގެ ސަޕޯޓަރުންނަށް ކުޅުންތެރިޔާގެ "ނިމުން" އައުން މާ އަވަސްކަމަށް ގަބޫލުކުރެ އެވެ. މި ރޮނގުން ބަލާއިރު އިޓަލީދުށް އެންމެ ކާމިޔާބު ގޯލްކީޕަރު ޖިއަން ލުއިޖީ ބުފޮންގެ ކެރިއަރާމެދު ވިސްނާލަމާ ހެއްޔެވެ.

ދިގުކެރިއަރެއް: ބުފޮން އުމުރުން 45 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލީ 28 އަހަރު ކުޅުމަށްފަހު އެވެ. އޭނާ ފެށީ މަޝްހޫރު ޑިއެގޯ މަރަޑޯނާގެ ޒަމާނުގަ އެވެ. ހުއްޓާލިއިރު ލަޔޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫރަޕް ފަތަހަކޮށް، ދުނިޔޭގެ އިރުމައްޗާއި ހުޅަނގަށް ބަދަލުވެއްޖެ އެވެ.

މެޗުގެ އަދަދު: ބުފޮން އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް ނުވަވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. 1997 އިން ފެށިގެން 2018އާ ދެމެދު އޭނާ ވަނީ ގައުމީ ޓީމަށް 176 މެޗު ކުޅެދީފަ އެވެ. ކުލަބު ލެވެލްގައި އިޓަލީގެ ޕާމާ އާއި ޔުވެންޓަސް އަދި ފްރާންސްގެ ޕީއެސްޖީ އަށް 754 މެޗު ކުޅެދިނެވެ. އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ އޭނާގެ އަތުގަ އެވެ.

ބުފޮން، އަންހެނުންނާއި ދެ ދަރިން ގޮވައިގެން: ކުޅުން ހުއްޓާލީ 45 އަހަރުގައި - ގޫގުލް

ކާމިޔާބީތައް: ބުފޮން ވަނީ 11 ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ވޯލްޑްކަޕް 2006ގައި ކާމިޔާބުކުރި އެވެ. އެމުބާރާތުގެ މޮޅު ކީޕަރަކީ ވެސް އޭނާ އެވެ. ޔޫރަޕުގެ މޮޅު ކީޕަރުގެ މަގާމު ތިން ފަހަރު ހޯދި އެވެ. ހާސިލްނުކުރެވުނު ތައްޓަކީ ޗެމްޕިއަންސް ލީގެވެ. 500 މެޗުގައި ބައިކޮޅަށް ގޯލެއް ނުވައްދައި ހިފަހައްޓާލި އެވެ.

ޓްރާންސްފާ ފީ: ޕާމާއިން 2001 ވަނަ އަހަރު ޔުވެންޓަސް އަށް ބުފޮން ބަދަލުވީ 50 މިލިއަން ޑޮލަރަށެވެ. މިއީ ދުނިޔޭގެ ރެކޯޑް ފީއެކެވެ.

މިކަންކަމަކީ އެއް ފެންވަރެއްގައި ގިނަ ދުވަހު ކުޅެގެން ހާސިލްކުރެވޭނެ ކަންކަމެވެ. 1995 ވަނަ އަހަރު އުމުރުން 17 އަހަރުގައި ޕާމާއިން އޭނާ ކުޅެން ނެރުނީ ފުރަތަމަ ވެސް ވަރުގަދަ އޭސީ މިލާނާ ދެކޮޅަށެވެ. ޖޯޖް ވިއާ އާއި ރޮބާޓޯ ބާޖިއޯ ކުޅެމުންދިޔަ މިލާނުގެ ވަރުގަދަ ހަމަލާތައް އޭނާ ފުރަތަމަ ދުވަހު ވެސް ހުށިޔާރުކަމާއެކު ދިފާއުކޮށް އިތުބާރު ހޯދި އެވެ. މިއާއެކު އުމުރުން 19 އަހަރުގައި ގައުމީ ޓީމުގެ އަންގިލެއްވި އެވެ. ވޯލްޑްކަޕުގައި ފްރާންސްގެ ޒައިނުއްދީން ޒިދާން އިޓަލީގެ މާކޯ މަޓެރާޒީގެ މޭގައި ބޮލުން ޖަހައި އޭނާ ބިމާހަމަކޮށްލީ އޭގެ އިރުކޮޅެއްކުރިން ގޯލަށް ބޮލުންޖެހި ބޯޅަ ބުފޮން ދިފާއުކުރިލެއް މޮޅުކަމުން ވެރިވި ނުތަނަވަސްކަން ފިލައި ނުދަނީހެވެ.

އިޓަލީގެ ލެޖެންޑަރީ ކީޕަރު ބުފޮން - ގޫގުލް

ނިންމުންތައް: ބުފޮން އަކީ ވަރަށް ކެރިގެން ނިންމުންތަކެއް ނިންމި ވަފާތެރިއެކެވެ. 2006 ވަނަ އަހަރު އިޓަލީގެ ފުޓްބޯޅަ އަށް ކުރިމަތިވި ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ބޮޑެތި ކުލަބުތައް ރެލިގޭޓްކުރި އެވެ. ޔުވެންޓަސްވެސް މި ލިސްޓުގައި ހިމެނުނެވެ. ޓީމުގެ ވަރުގަދަ ތަރިން ކުލަބުދޫކޮށްލި މިވަގުތު ބުފޮން ޔުވެންޓްސްގައި މަޑުކޮށް، ވަފާތެރިކަން ދެއްކި އެވެ. ކުޅުން ހުއްޓާލަން ބޭނުންވީ އޭނާގެ އެންމެ ފުރަތަމަ ކުލަބު ޕާމާއިންނެވެ. އެކަމަކު ދެ ވަނަ ޑިވިޝަނުން އެކުލަބު ޕްރޮމޯޓްކޮށްދެވޭގޮތެއްނުވި އެވެ. ބުފޮން އެންމެ ދެރަވީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނިޓްގައި އޭނާ އަށް ދެއްކި ރަތްކާޑާހެދި އެވެ. މިކަމާ މައާފަށް ވެސް އެދުނެވެ.

ހާއްސަ ސިފަތައް: ބުފޮންގެ ކިބައިން ތިން ކަމެއް ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ. އެއީ ހަށިގަނޑުގެ ތަރުބިއްޔަތުގެ ފުރިހަމަކަމާއި ބުރަކޮށް މަސައްކަތް ކުރުމާއި ޝަހުސިއްޔަތުގެ ފުރިހަމަކަމެވެ. ފަހަރުގައި މިއީ އޭނާއަށް ވާރުތަވި ސިފަތަކަކަށްވުން އެކަށީގެންވެ އެވެ. އޭނާގެ މަންމަ އަކީ ޝޮޓްޕޮޓް އާއި ޑިސްކަސް އުކުމުން ތިން ފަހަރެއްގެ މަތީން އިޓަލީގެ ޗެމްޕިއަނެކެވެ. ބައްޕަ އަކީ ވެސް ޝޮޓްޕޮޓް ޗެމްޕިއަނެކެވެ. ދައްތައަކީ ވޮލީ ކުޅުންތެރިއެކެވެ. ބޭބެ އަކީ ޕްރޮފެޝަނަލް ބާސްކެޓް ކުޅުންތެރިއެކެވެ. ހަފޫޓު ހަތަރު އިންޗީގެ ބުފޮން އަކީ ގޯލުގެ ތިން ދަނޑީގެ މެދުގައި އެފަދަ ދެވަނައެއްނެތް "ސްޕައިޑާ" އެކެވެ.

ބުފޮން އާއި އޭނާގެ ފެވަރިޓް ކީޕަރު އެންކޯނޯ (ކ) - ގޫގުލް

ފަންސާސް އަހަރާ ގާތަށް ބުފޮން އަށް މަތީ ފެންފަރުގައި ކުޅެން ދެމެހެއްޓުނީ އޭނާގެ މަސައްކަތުގެ ރޭޓާއި ހަރުދަނާ އަހުލާގުގެ ސަބަބުންނެވެ. އުމުރުން 12 އަހަރުގެ މިޑްފީލްޑަރެއްގެ ގޮތުގައި ފެނުނު ކުޅުންތެރިޔާ ކީޕަރަކަށް ބަދަލުވީ 1990ގެ ވޯލްޑްކަޕުގައި ކެމަރޫނުގެ ކުރީގެ ކީޕަރު ތޯމަސް އެންކޯނޯގެ ސޭވްތައް ފެނިފަ އެވެ. ބުފޮން ފިރިހެން ދަރިފުޅަކަށް ލުއިސް ތޯމަސްގެ ނަން ދީފައިވަނީ ވެސް ކެމަރޫނުގެ ކީޕަރަށް ކުރާ ސަޕޯޓެއްގެ ބޮޑުކަމުންނެވެ.

ދަނޑުމަތީގައި ބުފޮން އަކީ އިދިކޮޅު ޓީމު މޮޅަށް ދެނެގަންނަ ކީޕަރެކެވެ. އޭނާގެ ޕޮޒިޝަނިން ބަރާބަރުކަމާމެދު ކޯޗުން އިއްތިފާގުވެ އެވެ. ހެދޭ މިސްޓޭތަކުން އަވަހަށް އަރައިގަންނަން ދަންނަ ގާބިލް ކީޕަރެކެވެ. އޭނާ އަކީ ފަހު ވަގުތާ ހަމައަށް ދޫނުދީ ކަށިން ހިތްވަރުނެރޭ ކުޅުންތެރިއެކެވެ. ރަނގަޅު ވަގުތުގައި ޓީމުގެ އެހެން ކުޅުންތެރިން ގާތުގައި ބަސްބުނަން އެނގޭ ލީޑަރެކެވެ.

މިހުރިހާ ސަބަބުތަކާހުރެ ކީޕަރުންގެ ރޭންކިންގައި ބުފޮން ބަހައްޓާނީ ކިހާ ހިސާބެއްގައި ހެއްޔެވެ؟ ގިނަ މީހުން އޭނާ ހިމަނާނީ އެންމެ ކުރީގައި ނުވަތަ އެހިސާބުގަ އެވެ. ފަހަރުގައި މިއީ ބަހުސް ކުރެވިދާނެ ކަމެކެވެ.

ޖިއަންލުއިޖީ ބުފޮން - ގެޓީ އިމޭޖަސް
"އަހަރެންނަކީ އަބަދުވެސް ފޮނި ހުވަފެން ދެކޭ މީހެއް. އަހަރެންނަށް އޭގެ ތެރެއިން ބައެއްކަންކަން ހަގީގަތަކަށް ހެދުމުގެ ނަސީބާއި ކުޅަދާނަކަން ލިބިގެންދިޔަ. މިހާރު އަހަރެން އުމުރުން ދޮށިވެއްޖެ. އެކަމަކު އަދިވެސް އަހަރެންގެ ހުވަފެންތަކެއް އެބަހުރި،"
ބުފޮން ބުންޏެވެ.

ދުނިޔެދުށް ކާމިޔާބު ކީޕަރަކަށް ފަހު ބުފޮންގެ ދެން އޮތް އުއްމީދަކީ ކޮބާހެއްޔެވެ؟ އޭނާ ބޭނުންވަނީ އިޓަލީގެ ގައުމީ ޓީމުގައި ޖިއާން ލޫކާ ވިއާއްލީ އަދާކުރި މަގާމެވެ. ކޯޗު ރޮބާޓޯ މަންޗީނީގެ އެސިސްޓެންޓެއްގެ ވަޒީފާ އެވެ. އެންމެ ފަހުގެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިނުވުމުގެ ހިތިކަން ފިލުވާލަން އޭނާގެ ހުރިހާ ވިސްނުމަކާއި ހަކަތައެއް ހުސްކޮށްލަން ބުފޮން ހުރީ ތައްޔާރަށެވެ.

- ކޮމެންޓް