މި ސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ކަމަށް އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފިއެވެ.
އުމުރުން މިހާރު 43 އަހަރުގެ ބުފޮން ވަނީ މީގެ ކުރިން ޔުވެންޓަސްގައި 17 އަހަރު ހޭދަކުރުމަށްފަހު 2018 ވަނަ އަހަރު އެ ކުލަބު ދޫކޮށް ޕީއެސްޖީއަށް ބަދަލުވެފައެވެ. އެކަމަކު ޕީއެސްޖީގައި އަހަރެއް ހޭދަކުރުމަށްފަހު ބުފޮން ވަނީ އަލުން އަނބުރާ ޔުވެންޓަސްއާ ގުޅިފައެވެ.
މި ސީޒަނަށްފަހު ބުފޮން ޔުވެންޓަސް ދޫކޮށްލަން ނިންމިއިރު، އޭނާ މިހާރު އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހު ހަމަވާނެއެވެ.
"ބެއިން ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުފޮން ބުނީ ޔުވެންޓަސްގައި ހުރެ އޭނާ ދާން ބޭނުންވާ މަންޒިލާ ހަމައަށް ވާސިލުވެއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި، އެހެންކަމުން މިއީ ދެން އެ ޓީމުން އެއްފަރާތް ވެލަންވީ ވަގުތު ކަމަށެވެ. އަދި ދެން ގުޅޭނެ ޓީމެއް އަދި މިހާތަނަށް ވިސްނާފައިނުވާ ކަމަށާއި، ފަހަރުގައި މިއީ ކެރިއަރުގެ ނިމުން ކަމަށްވުން ގާތް ކަމަށްވެސް ބުފޮން ވަނީ ބުނެފައެވެ.
މި ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލަން ބުފޮން ނިންމިއިރު، ޕާމާއިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން އެންމެ ފުރަތަމަ ޔުވަންޓަސްއާ ގުޅުނީ 2001 ވަނަ އަހަރު، އޭރުގެ ރިކޯޑު ފީއަކަށެވެ. އިޓަލީއާއެކު ފީފާ ވޯލްޑް ކަޕުވެސް އުފުލާލާފައިވާ ބުފޮންއަކީ އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ. އެގޮތުން ބުފޮން ވަނީ މިހާތަނަށް އެ ލީގުގައި 656 މެޗު ކުޅެފައެވެ. އަދި ހުރިހާ މުބާރާތެއްގައި ޔުވެންޓަސްއަށް ބުފޮން މިހާތަނަށް 683 މެޗު ކުޅެދީފައިވާއިރު، އޭނާއަކީ ޔުވެންޓަސްގެ ޖާޒީގައި ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ.
ކުލަބު ކެރިއަރުގައި ބުފޮން ވަނީ ޔުވެންޓަސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު 10 ފަހަރު، އަދި އިޓާލިއަން ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އެކަމަކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތިން ފައިނަލެއްގައި ބުފޮން ވާދަކުރި ނަމަވެސް، އޭނާއަށް ޔުވެންޓަސްއާއެކު އެ މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.