Advertisement
ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 10:16
61 ކިލޯ ޑްރަގް މައްސަލައިގައި ދައުވާލިބޭ މީހުން
61 ކިލޯ ޑްރަގް މައްސަލައިގައި ދައުވާލިބޭ މީހުން
ރާއްޖެއެމްވީ
61 ކިލޯ ޑްރަގް
61 ކިލޯ ޑްރަގް މައްސަލައިގައި ހިމެނޭ ދެ މީހެއްގެ ފޯނުގެ ލޮކްކޯޑު ނުދީގެން އުފުލި ދައުވާ ސާބިތުވެއްޖެ
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވޭ
މި މުޅި މައްސަލައިގައި 11 މީހަކު އަތުލައިގަނެ ދައުވާ އުފުލި
ކޯޑު ނުދީ އޭގައި ހުރި ހެކި ފޮރުވައި، އެ ހެކި ހޯދުމަށް ފުލުހުންނަށް އޭރު ހުރަސް އަޅާފައިވޭ

2020 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ދެމީހެއްގެ މައްޗަށް ކުރި އިތުރު ދައުވާއެއް ސާބިތުވެއްޖެއެވެ.

މި މައްސަލައިގައި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ މ. ބޮއިލިންގފިޝް އަހުމަދު ވިސާމްއާއި މުޙައްމަދު ޝާމިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ޑްރަގް ޓްރެފިކިންގ ގެ ދައުވާވެސް ކުރިއެވެ. ނަމަވެސް އެ ދައުވާ ސާބިތެއް ނުވެއެވެ.

އެ ދެމީހުންގެ މައްޗަށް އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ މަސްތުވާތަކެތީގެ މި މައްސަލައިގެ ތަހުގީގުގައި އެމީހުންގެ ފޯނުގެ ލޮކް ކޯޑު ފުލުހުންނަށް ދިނުމުގެ އަމުރެއް އޮއްވައި، ކޯޑު ނުދީ އޭގައި ހުރި ހެކި ފޮރުވައި، އެ ހެކި ހޯދުމަށް ފުލުހުންނަށް އޭރު ހުރަސް އަޅާފައިވާކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި ބުނެފައިވަނީ އެމީހުން ދައުވާއަށް އިންކާރު ކުރި ނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، އެމީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވާ ކަމަށެވެ.

ވުމާއެކު، އެ ކުށުގެ އުޤޫބާތެއްގެ ގޮތުން އެމީހުން 1 އަހަރާއި، 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

އޭގެ ތެރެއިން ވިސާމް ވަނީ މި މައްސަލައާ ގުޅިގެން 2 އަހަރާއި 7 މަހާއި 24 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. ވުމާއެކު، މި ދައުވާއާ ގުޅިގެން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތްކަމަށް ވަނީ ނިންމާފައެވެ.

Advertisement

އޭގެ އިތުރުން، ޝާމިން 7 މަހާއި 23 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ މި ދައުވާއާ ގުޅިގެން ތަންފީޒު ކުރަން ޖެހޭނެ އަދަބަކީ 11 މަހާއި 13 ދުވަހުގެ ޖަލު ޙުކުމެކެވެ.  

ޝަރީއަތުން ވަނީ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން މި ދައުވާއާ ގުޅިގެން ޝާމިން ތަންފީޒު ކުރަންޖެހޭ ޖަލު އަދަބު 1 އަހަރު ދުވަހުގެ ގޭބަންދަކަށް ބަދަލު ކުރުމާއެކު، 32،000 ރުފިޔާގެ ޖޫރިމަނާއެއް އިއްވާފައެވެ.

މައްސަލައިގެ ފަސްފަހަތް:

މިއީ މ. ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކޮށް ތަހުގީގުކުރި މައްސަލައެކެވެ. އެ ތަކެތި އެތެރެކޮށްފައި ވަނީ "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލައިގައި 11 މީހަކު އަތުލައިގަނެ ދައުވާ އުފުލިއެވެ. އޭގެ ތެރެއިން ޑްރަގް ޓްރެފިކިންގ ގެ ދައުވާ ސާބިތުވީ 6 މީހެއްގެ މައްޗަށެވެ. އެ 6 މީހުންގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށް ލުމަށާއި، 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ޖޫން މަހު ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ އަހުމަދު ވިސާމްއާއި މުޙައްމަދު ޝާމިންގެ މައްޗަށް ޑްރަގް ޓްރެފިކިންގ ގެ ދައުވާ ސާބިތުވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް