ދިވެހިންގެ ޝައުޤުވެރިކަން ސީފެއަރިންގއަށް ނުލިބޭ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ އެގޮތަށް އެ ދިމާވާނީ ސްކޫލުތަކުގައި ވެސް ދާއިރާ މައުލޫމާތުތައް ހިއްސާ ނުކުރެވޭތީ ކަމަށާއި ސްކޫލް ނިމިގެން އަންނަ ކުދިންނަށް ޝިޕިންގ އަކީ އޮންނަ އެއްޗެއްކަން ވެސް ނޭނގޭ ކަމަށެވެ.
ދިވެހިންގެ ތަރުހީބު ސީފެއަރިންގއަށް ނުލިބޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މިދާއިރާއިން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާފައިވަނީ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތެއް ނެތި ކަމަށެވެ. އެހެންނަމަވެސް ސްކޮލަރޝިޕަށް ފޯމް ހުށަހަޅަނީ ވަރަށް މަދު މީހުން ކަމަށް ވިދާޅުވިއެވެ.
މިހާރު ތަރުހީބު ނުލިބުނަސް ކުރިއަށް އޮތް ތާނގައި ތަރުހީބު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ދާއިރާއަށް މީހުންގެ ޝައުޤުވެރި ކުރުވުމަށް ޖަމިއްޔާތަކާއި ގުޅިގެން އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ އެކި މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ މި ދާއިރާގައި ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި އެގޮތުން ރެގިއުލޭޓަރީ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންގލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ.
ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ގެއްލުމަކާއެކު މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، ބަނގުރޫޓުވެ 2012 ވަނަ އަހަރު ކުންފުނި އުވާލެވުނެވެ.
މި ކުންފުނި އުވާލުމާއެކު ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް، އެސްސީއެމްގެ ނަމުގައި އާ ޝިޕިން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް އޭރުގެ ސަރުކާރުން ކުރިއެވެ. އެހެންނަމަވެސް އެމްއެންއެސްއެލްގެ ފަހުން ސަރުކާރުން ޝިޕިންގލައިންގެ ވިޔަފާރިކޮށްފައެއްނުވެއެވެ.