ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމި ނިންމުމާއި ގުޅޭގޮތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ނިންމުން ނިންމީ ޝިޕިން އެޖެންޓުންނާއި މަޝްވަރާކޮށްގެން ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
އެމްޕީއެލް އިން އެފަދައިން ބުނީ ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމުމާ ގުޅިގެން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)ގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ބޭއްވި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެ ބަދައްލުވުމުގައި މެމްބަރުން ވަނީ މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)ގެ ސިޓީ އެއް އެމްޕީއެލް އަށް ލިބިފައިވޭތޯ ސުވާލުކޮށްފައެވެ. މެމްބަރުން އެެހެން ސުވާލު ކުރީ އެމްޕީއެލް އާއި އެމްޓީއޭގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމާއި މެދު މަޝްވަރާކުރުމަށް އެދި އެމްޓީއައި އިން ފޮނުވި ސިޓީ އަށް އެމްޕީއެލް އިން އިޖާބަ ނުދޭ ކަމަށް އާދިއްތަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގައި އެމްޓީއައި އިން ބުނެފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ. އެެހެންނަމަވެސް އެމްޕީއެލްގެ ސީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވަނީ އެފަދަ ސިޓީ އެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެގެ އަށް މުދާ ގެންނަ މީހުންގެ 90% މީހުން ކޮންޓެއިނާ އަށް އަގު ދައްކަނީ ޔޫއެސްޑޮލަރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކާގޯ މުދާ އެތެރެކުރާ މީހުން ބައެއް ފަހަރު ރާއްޖޭގައި ހުންނަ އެޖެންޓަށް ލާރި ދައްކާ ގޮތަށް ވެސް މުދާ ގެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް މުދާ ގެންނަ އިރު ރާއްޖޭގެ އެޖެންޓަށް މުދާ ބަލައިގަންނަނީ 15.42 އެއީ ޑޮލަރު މާރު ކުރާ ރޭޓް ކަމަށް ބެލުމަށް ފަހު އިތުރު 18 އިންސައްތަ ހިމަނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމަ އެކަމުގެ ސަބަބުން ގެއްލުން ވަނީ ދިވެހި ޤައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އެކަން އެހެން ކުރުމުގެ ސަބަބުން އެމްޕީއެލް އަށް ލިބެން އޮތް ފައިދާ އެހެން ބަޔަކަށް ލިބެން މަގުފަހިވާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. ލީޑިން ބްރޯކާސް (ޝިޕިންގައި ހަރަކާތްތެރިވާ މައިގަނޑު ކުންފުނި) ނޫން ބައެއް ކުންފުނިތަކުގެ ސަބަބުން އެ މާރކެޓަށް ގެއްލުންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމި ނިންމުމާއި މެދު އެއްވެސް ޝަކުވާ އެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޗާޖަކީ އެއީ ބްލެކްމާކެޓުން ތިމަންނާމެން ޑޮލަރު ގަންނަން ޖެހޭތީ އޭ ކިޔާފަ ލާ އަދަދެއް. 18% އެޑްކޮށްފައި އެކަން ކުރަނީ. އެކަމަކީ ރިޕޯޓްތަކުން ފެންނަން ހުންނަ ހަގީގަތެއް. ގެއްލުން ވަނި ދިވެހި ޤައުމަށް. އެމްޕީއެލް އަށް ލިބެން ޖެހޭ އާމްދަނީ އެއް އެހެން ބަޔަކު ގެންދަނީ.އެމްޕީއެލްގެ ސީއޯ މުހައްމަދު ވަޖީހު އިބްރާހިމް
އެމްޕީއެލްގެ އިސް ބައެއް އެހެން ފަރާތްތަކުން ވެސް ވަނީ އެކަމާއި ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ހިއްސާކޮށްފައެވެ. އެމްޕީއެލް އިން ބުނީ އެ ބަދަލުތައް ގެނައުމަށް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިއުތިރާޒެއް ނެތްކަމުގެ ސިޓީ ދީފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށެވެ. އޭގެ ފަހުން ދޮޅު މަސް ދުވަސް ޝިޕިން އޭޖެންޓުންނަށް ދީފައިވާނެ ކަމަށާއި އެ ބަދަލުތައް ގެނައީ އެއަށް ފަހުގައި ކަމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ. އެމްޕީއެލް އިން ވަނީ ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް ނިންމީ 2022 އިން ފެށިގެން ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށް ވެސް ވިދާޅުވެފައެވެ. މެމްބަރުން ވަނީ އެ ބަދަލު ނުގެންނަން ނިންމީ ޑޮލަރު ހޯދުމުގަ ދިމާވި ގޮންޖެހުންތަކާއި ވެސް އެކުގައި ކަން އެމްޕީއެލް އިން ފާހަގަކުރިއެވެ. އެ ބަދަލު ނުގެނައުމުގެ ސަބަބުން، ދިމާވާ ދަތިތަކަކީ ކޮބާތޯ މެމްބަރުން ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި އެމްޕީއެލް އިން ބުނީ ޑޮލަރު ލިބުމުގެ ދަތިކަން އެބަ އޮތް ކަމަށާއި އެކަމުގެ ސަބަބުން މެޝިނަރީތައް ގަންނަން ދަތިވާކަމަށެވެ. އަދި މި ބަދަލުތަކާއި އެކު އެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ބަދަލުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ވާނެ ގެއްލުމެއް ނެތް ކަަމަށް އެމްޕީއެލް އިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
އެ ކޮމިޓީގައި މެމްބަރު ވަނީ މި ބަދަލާއި އެކު އެމްޕީއެލް އަށް ލިބެނީ ކިހާ އަދަދެއްގެ ޑޮލަރެއްތޯ ސާފުކުރުމަށް ސުވާލުކޮށްފައެވެ. އެމްޕީއެލް އިން ބުނީ މި ބަދަލާއި އެކު މުދާ އަރުވާ ބޭލުމުގެ ޗާޖުގެ ގޮތުގައި މަހެއްގެ މައްޗަށް 2 މިލިއަން ޑޮލަރު އެމްޕީއެލް އަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެ ނޫން އެހެން ފީތައް މިހާރުވެސް ނަގާނީ ރުފިޔާ އިން ކަަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. ހޯމަ ދުވަހުގެ އިޤްތިޞާދީ ކޮމިޓީގައި އެމްޕީއެލްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާއި ވެސް ވަނީ ބައްދަލުކޮށްފައެވެ. މެމްބަރަކު ވަނީ މި ބަަލުގެ ސަބަބުން އިންފްލޭޝަން އަށް ބަދަލު އައިސްދާނެތޯ އިކޮނޮމިކް މިނިސްޓްރީ އާއި ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓެންޓް ޝުހާދު އިބްރާޙިމް ވިދާޅުވީ އެފަދަ ބަދަލެއް އަދި މާކެޓުން ފާހަގަ ނުކުރެވޭ ކަަމަށެވެ.
އެމްޕީއެލް އިން މި ބަދަލުގެ ސަބަބުން ވިޔަފާރިވެރިންނަށް ގެއްލުން ނުވާނެ ކަަމަށް ބުނި ނަމަވެސް، މިއީ އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި އަދި ހާއްސަކޮށް ޑޮލަރުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅުގައި ގެނައުން އެންމެ ރަނގަޅު ބަދަލެއް ނޫން ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.