ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 21:55
ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަން ސިނގިރެޓް 26 އެޕްރީލް 2025 ގައި ކަސްޓަމްސް އިން ހިފަހައްޓާފައި - ފައިލް
ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަން ސިނގިރެޓް 26 އެޕްރީލް 2025 ގައި ކަސްޓަމްސް އިން ހިފަހައްޓާފައި - ފައިލް
ކަސްޓަމްސް
ސިނގިރެޓު ވައްކަން
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކޮށްފައިވޭ
ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައި
މި މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން 5 އުޅަނދެއް ބަލައިފާސްކުރި

އެމްޕީއެލް ހުޅުމާލޭ ޕޯޓުގައި ހުރި 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ނަގާ އެއާ އެއްވައްތަރު ކޮންޓެއިނަރުތައް ތައްޔާރުކޮށް ބަނދަރުގައި ބަހައްޓާ، އެ އުފުލި ދޯނީގެ ރަޖިސްޓްރީއާއި ނަންވެސް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުގައި ބަހައްޓާފައި ހުއްޓާ، ވަގަށް ނަގައިފައިވާ މައްސަލަ، ފުލުހުންނަށް ހުށަހެޅީ 2025 އޮކްޓޫބަރު 09 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 9 މީހަކު ހައްޔަރުކޮށް، މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އަނެއް 2 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 2025 ނޮވެންބަރު 01 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. އެ ދެ މީހުންނަކީ ޙުސައިން ސާމިޙު އާއި އަޙްމަދު ޝަހީމް އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން 05 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކުރެވިފަ އެވެ.

މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހުއެވެ. އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

- ކޮމެންޓް