Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 19:30
ފުލުހުންގެ މައި އިދާރާ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ފުލުހުންގެ މައި އިދާރާ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ރާއްޖެއެމްވީ
ޕޮލިސް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް
ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ބުނޭ
ފުލުހުން ބުނީ މުވައްޒަފުންގެ ނަޒާހަތްތެރިކަން ހިފަހައްޓަން ޖެހޭ ކަމަށާއި މުއައްސަސާގެ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓް ކާޓަންތައް ގެއްލުމުން ފުލުހުންނަށް ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް މުއައްސަސާގެ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފެންމަތިވެފައިވާ މައްސަލަ އަކީ ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާ މައްސަލަ އެކެވެ. ގެއްލިފައިވާ ތަކެއްޗަކީ ކެއްޗަކީ ބިދޭސީއެއްގެ އަތުން 23 މެއި 2025 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ. މިފަދަ އިތުރު މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލަ އާއި މެދު ފުލުހުން ނެރުނު ބަޔާނެއްގައި އެ މައްސަލަ ޖިނާއީ މައްސަލަ އެއްގެ ގޮތުގައި ބެލުމުގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން އެ މައްސަލަ ބަލަމުންދާ ކަން ހާމަކޮށްފައިވެ އެވެ. އާއްމުން ދަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓް ގެއްލުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މުއައްސާ އަށް އިތުބާރު ގެއްލެނީ މިފަދަ ސަބަބުތަކާއި ހެދި ކަމަށް މިކަމަށް ކޮމެންޓް ކުރި ބައެއް އާއްމުން ބުނެފައިވެ އެވެ.

އެތަކެތި ގެއްލުމަކީ ފުލުހުންގެ ފަރާތުން ފެނިގެންވާ އަޚުލާގީ މިންގަނޑާއި ޚިލާފު ކަމެއް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ. ފުލުހުން ބުނީ މިކަމުގައި ބައިވެރިވި ފަރާތް ނުވަތަ ފަރާތްތައް ދެނެގަންނާނެ ކަމަށެވެ. އަދި އެ ފަރާތާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ ހުރިހާ ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން އެ މުއައްސަސާ އިން ދީފައިވެ އެވެ.

ހަމައެހެންމެ ފުލުހުން ވަނީ މުޢައްސަސާގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވީނުވީ އެއް ނޭނގި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ހާމަކޮށްފަ އެވެ. ހަމައެހެންމެ ފުލުހުންގެ ޚިދުމަތުގެ އަޚުލާޤީ މިންގަނޑުކާއި ޚިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން، ފުލުހުންގެ އަސާސީ އުސޫލުތަކާއި ޚިލާފު ވާ ހާލަތުގައި އެފަދަ ކޮންމެ ކަމެއް ވެސް ބޮޑު އިސްކަމެއް ދީގެން ފުލުހުން ތަހުގީގުކުރަމުން ދާނެ ކަމަށާއި އެފަދަ މައްސަލަތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ މުއައްސަސާގެ ހުރުމަތް ކުޑަކުރުމަށާއި އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން އާއްމު ކުރި ބަޔާނުގައި ބުނެފައިވެ އެވެ.

- ކޮމެންޓް