މާލެއިން އައްޑޫ ސިޓީއަށް ޓްރާންސްޝޕިްމަންޓްގެ ޚިދުމަތް ދިނުމަށް ކުރި ފުރަތަމަ ދަތުރު ކާމިޔާބު ކަމަށާއި ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް މި ދަތުރުތަކުގެ ފައިދާ ކުރަން ފަށާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ބުނެފިއެވެ.
"ރާއްޖެ ޓިވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނާޒިމް ވިދާޅުވީ މާލެއިން އައްޑޫއަށް ޓްރާންސްޝިޕްމަންޓް ޚިދުމަތް ފަށަން އެ ކުންފުނިން އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެގޮތުން އެކަމަށް އެކަށޭނަ ބޯޓެއް ހޯދާތާ އަހަރެއްހާ ދުވަސްވި ފަހުން ބޯޓެއް ލިބުނީ މި މަހުގެ ތެރޭގައި ކަމަށާއި އެއާއެކު ދަތުރުތައް ފެށީކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެސްއެސްއިން ޓްރާންސްޝިޕްމަންޓުގެ ހިދުމަތް ދިނުމަށް ގަނެފައިވާ ކޮންޓެއިނަރު އުފުލާ ބޯޓް އެމްއެސްއެސް އޯޕަލްގެ ދަތުރުތައް ފެށީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި ބޯޓު ދަތުރު ކުރަނީ މާލެ އާއި އައްޑޫ ސިޓީ ހިތަދޫ އަދި ކޫއްޑޫއާ ދެމެދުގައެވެ. އެންމެ ފުރަތަމަ ދަތުރުގައި 750 ޓަނުގެ ހިލައާއި ހިލަވެލި ގެންދިޔަ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެސްއެސް އޯޕަލްގައި 40 ޓަނުގެ ކެރޭނެއް ހުންނައިރު އޭގެ ސަބަބުން ކޮންމެ ބަނދަރަކަށްވެސް ކޮންޓެއިނަރު ބޭލެވޭނެ ކަމަށެވެ. އަދި އެ ބޯޓުން 20 ރީފާ ކޮންޓެއިނަރު އުފުލޭއިރު މީގެ ސަބަބުން މިފްކޯއިން މާލެއަށް މަސް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ވިޔަފާރިތަކަށް މި ދަތުރުތަކުގެ ސަބަބުން ލުއިތައް ލިބިގެންދާނެކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ފައިދާ ކުރަން ފަށާނެ ކަމަށެވެ. އެގޮތުން، ވިޔަފާރިތަކަށް އަގުހެޔޮކޮށް މުދާ ފޯރުކޮށްދީ ވިޔަފާރިއާ ގުޅުންހުރި އިތުރު މަސައްކަތްތައް ވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ގަބޫލުކުރަނީ ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި އައްޑޫގެ ވިޔަފާރިވެރިންނަށް މީގެ ފައިދާ ކުރަން ފަށާނެކަމަށް. އެ ރަށުގެ ވިޔަފާރިތަކަށް މުދާ އަގުހެޔޮކޮށް ފޯރުކޮށްދެވޭނެ. އަދި މިއާ ގުޅިގެން އެކޮޅުގައި އެކި މަސައްކަތްތައް ވެސް ފެށޭނެ. މިސާލަކަށް ވެއަރހައުސިން ކަހަލަ ކަންތައްތައް ހަމަ ލޯކަލް މުދާ އަޅުގަނޑުމެން މި އުފުލާތީވެ ވެއަރހައުސިން ކަހަލަ ކަންކަން ކޮށްގެން އެ ބޭފުޅުންނަށް މާލެއިން ގަނެގެން އެއް ކޮންޓެއިނަރއަކަށް ބައިވަރު ވިޔަފާރިވެރިންގެ މުދާ އަޅައިގެންގޮސް އެކޮޅު ވެއަރހައުސަށް މުދާ ހުސްކޮށްގެން އެ މުދާތަށް ވިޔަފާރިވެރިންނަށް ޑިސްޓްރިބިއުޓް ކުރެވޭނެއެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނާޒިމް
ނާޒިމް ވިދާޅުވީ މި ޚިދުމަތަކީ އައު ޚިދުމަތަކަށްވުމާއެކު ވިޔަފާރިވެރިން އެކަމަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމުތައް ހިންގާނެ ކަމަށެވެ. މިހާރުވެސް އައްޑޫގައާއި މާލޭގައި ވިޔަފާރިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިއީ ވިޔަފާރިވެރިންނަށް ހުޅުވާލާ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
އެމްއެސްއެސްގެ ޚިދުމަތް ފެށިފަހުން އަހަރަކަށްފަހު އަހަރެއް ކަސްޓަަމަރުންގެ އިތުބާރު ބޮޑުވެ ކަސްޓަމަރުންގެ އަދަދު އިތުރުވަމުން އަންނަކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން، ފުރަތަމަ މަދު އަދަދެއްގެ ކޮންޓެއިނަރުތަކެއް ލިބުނު ނަމަވެސް މިއަދު ރާއްޖެ އެތެރެކުރާ މުދަލުގެ 60 އަށްވުރެ ގިނަ އިންސައްތަ މުދާ އެތެރެކުރަނީ އެމްއެސްއެސް މެދުވެރިކޮށްކަން އޭނާ ފާހަގަކުރެއްވިއެވެ.