އައްޑޫ ސިޓީގެ އައްޑޫ ހިތަދޫގެ ފެއިލްވެފައިވާ ނަރުދަމާ ނިޒާމުގެ ޖަންކްޝަންތަކުން، ނަޖިސް ނުނެގޭތާ 2 ދުވަސްވެފައިވާ ކަމަށާއި މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލެ ގެންގޮސްފައި ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އަލީ ނިޒާރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް މުއިޒްގެ 2 އަހަރުވީ "ހުސްކަމަށް" ސަނާ ކިޔަން މީހުން މާލެ ގެންދަން 330 A ހިމެނޭހެން 9 ފްލައިޓް ގަމަށް ޖައްސާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އައްޑޫ ހިތަދޫގެ ފެއިލްވެފައިވާ ނަރުދަމާ ނިޒާމުގެ ޖަންކްޝަންތަކުން ނަޖިސްނަގަން ކުއްޔަށްނަގާފައިވާ ބައުޒަރުގެ ޕީއޯ ޕްރޮސެސް ނުކުރެވިގެން ޖަންކްޝަންތަކުން ނަޖިސްނުނެގޭތާ 2 ދުވަސްވެފައިވާ ކަމަށެވެ.
އަދި މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލެ ގެންދެވިފައި ކަމަށާއި ރައްޔިތުން މިވަނީ ނަޖިސްހާ އެކު ނޫޅެވިގެން މަގުބަންދުކޮށްފައި ކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ.
މޭޔަރު ނިޒާރު ވަނީ، އައްޑޫގައި ދިމާވެފައިވާ މި ބޮޑު މައްސަލަ ފެންނަ މަގު ބަންދު ކޮށްފައިވާ ފޮޓޯ އެއް ވެސް ހިއްސާ ކުރައްވާފަ އެވެ.
ހުކުުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ޕީއެންސީގެ ޖަލްސާއަށް، މޯލްޑިވިއަން އިން ދުއްވާ އެންމެ ބޮޑު ބޯޓު، އެއާބަސް ޗާޓަރުކޮށް، ހިލޭ ޓިކެޓް ދީ، ކަނޑު ދަތުރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގާ، ޕޮކެޓްމަނީ ކެއުމާއި އެކޮމޮޑޭޝަން ދީ، ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސް ބޮޑު މަންޒަރު ދެއްކުމަށް 50 މިލިއަން ރުފިޔާ ހަރަދު ހިނގާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ސަރުކާރުން މިކުރާ ބޭކާރު ހަރަދުތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުދެވޭއިރު، މިވަގުތު ވެސް ފުވައްމުލަކުގެ ރައްޔިތުން ވަނީ ފެނަށް ޖެހިފައެވެ. އަދި އައްޑޫގެ ސިޓީގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިކަންކަމަށް ހައްލު ހޯދައިނުދީ ސަރުކާރުން މިދައްކަން އުޅޭ ބޮޑު މަންޒަރުގެ ބޭނުން ރައްޔިތުންނަށް އޮޅުން ފިލުވައިދޭންޖެހޭ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.